ޚަބަރު

ބަޣުދާދުގައި ކުރަމުންދިޔަ މުޒާހަރާ ނިންމާލައިފި


އިސްލާހީ ބަދަލުތައް ގެނައުމަށް އިރާޤުގެ ސަރުކާރަށް ގޮވާލާ ބަޣުދާދުގެ ގްރީން ޒޯން ތެރޭގައި މުޒާހަރާ ކުރަމުންދިޔަ މީހުން 24 ގަޑިއިރަށް ފަހު މުޒާހަރާ ނިންމާލައިފިއެވެ.

އިރާޤުގައި ސަރުކާރާއި އިދިކޮޅު ޝިއީ އިމާމް މޮގްތާދާ އައްޞަދްރަށް ތާއީދުކުރާ ފަރާތްތަކުން މުޒާހަރާކޮށް، ބަޣުދާދުގެ ގްރީން ޒޯނަށް ވަދެފައިވަނީ ސިޔާސީ އިސްލާޙީ ބަދަލުތައް ގެނައުމަށް ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުން ނުކުޅެދިފައިވާކަމަށް ވިދާޅުވެ މޮގްތާދާ ފާޑުކިޔާފައިވަނިކޮށެވެ.

މުޒާހަރާގެ ބައިވެރިން އިރާޤު ސަރުކާރުގެ އޮފީސްތަކާއި، ބޭރުގެ އެމްބަސީތައް ހުންނަ ގްރީން ޒޯންގައި ކޭމްޕް ޖަހައިގެން ތިބުމަށްފަހު މުޒާހަރާ ނިންމާލާފައިވަނީ ސަރުކާރަށް ޑިމާންޑްތަކެއް ކުރުމަށްފަހުއެވެ. މުޒާހަރާ ހިންގުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނީ ސަރުކާރުން އެމީހުން އެދިފައިވާ ޑިމާންޑްތައް ފުރިހަމަ ނުކޮށްފިނަމަ ހަފްތާއެއްގެ ތެރޭގައި އަނެއްކާވެސް މުޒާހަރާ ކުރަން ފަށާނެކަމަށެވެ.

އިރާޤުގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެދެމުން ދަނީ ބޮޑުވަޒީރު ހައިދަރުލް-އާބާދީ މީގެ މަސްތަކެއް ކުރިން އިޢުލާންކޮށްފައިވާ ފަދައިން ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިތަކަށް ޓެކްނޮކްރެޓުން ޢައްޔަނުކުރުމަށެވެ.