ޚަބަރު

ޔަހޫދީ ފައުޖުން ޣައްޒާގެ ޚާން ޔޫނިސަށް އަރައި ޢުދުވާން ފުޅާކޮށްފި


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން, ޚާން ޔޫނިސަށް އިތުރު ސިފައިން ފޮނުވައި ޢުދުވާންތައް ފުޅާކުރަން ފަށައިފިއެވެ. ޚާން ޔޫނިސްގެ އިރުމަތީގައި އޮތް ސަރަޙައްދުތަކަށް ބަރުހަތިޔާރާ އެކު ޔަހޫދީ ފައުޖުން އަރައި ޙަމަލާތައް އިތުރު ކުރަން ފެށުމުން, އެ ރަށުގައި މި ވަގުތު ތިބި ޢާންމު ރައްޔިތުން ވަނީ އެ ރަށް ދޫކޮށް ފައިބަން ފަށާފައެވެ.

ޚާން ޔޫނިސްގައި ގަތުލުއާންމުތަކެއް ހިންގުމަށް ފަހު ޔަހޫދީ ފައުޖުން ފައިބާފައި ވަނީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެ ގަތުލުއާންމުތަކުގައި ޝަހީދު ކޮށްލާފައިވާ އެތަކެއް ސަތޭކަ ބަޔެއްގެ ހަށިތައް މިހާރު ވަނީ ފެނިފައެވެ. ގިނަ ޢަދަދެއްގެ މުސްލިމުންގެ ހަށިތައް ފެނިފައި ވަނީ އަލް-ނާޞިރު ހަސްފަތާލު ކައިރީގައިވާ ބޮޑު ވަޅުގަނޑެއްގެ ތެރެއިންނެވެ. ޔަހޫދީންގެ ޖައްބާރު ސިފައިން ވަނީ އެތަކެއް ސަތޭކަ މީހުންގެ ހަށިތައް އެ ތަނުގައި ވަޅުލާފައެވެ. އަދި, ގަތުލުއާންމު ފޮރުވަން މަސައްކަތް ކޮށްފައެވެ.

އަލް-ނާޞިރު ހަސްފަތާލު ކައިރީގައިވާ "މާސް ގްރޭވް" ނުވަތަ ބޮޑު ވަޅުގަނޑުގައި ވަޅުލާފައިވާ ފަލަސްޠީނުގެ މުސްލިމުންގެ ހަށިތައް ނެގުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ޣައްޒާގެ ކުއްލި ހާލަތްތަކާ ބެހޭ އިދާރާއިން ބުނީ އެ ވަޅުގަނޑަށް އެއްލައިލާފައިވާ 283 މީހުންގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި, އިތުރު މީހުންގެ ހަށިތައް ފެންނަމުންދާ ކަމުގައެވެ.

ޣައްޒާގެ 2.3 މިލިޔަން މީހުންގެ އާބާދީގެ ބޮޑު އިންސައްތައެއް މި ވަގުތު ތިބީ އެންމެ ދެކުނުގައިވާ ރަށްތަކުގައެވެ. އޭގެ ތެރެއިން 1.5 މިލިޔަނެއްހާ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ އެ ސަހަރުގެ އެންމެ ދެކުނަށް އޮތް ރަފަޙުގައި ފޭލިގެތަކާއި ވަގުތީ ހިޔާތަކުގައެވެ. އެ މީހުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ދަނީ ރަފަޙަށް ވައިގެ ޙަމަލާތައް ދެމުންނެވެ.

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ރަފަޙާ އިންވެގެން އޮންނަ ޚާން ޔޫނިސުން ޔަހޫދީ ފައުޖުގެ ސިފައިން ފޭބުމާ ގުޅިގެން, ރަފަޙަށް ދަތުރު ކުރި ޚާން ޔޫނިސްގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ އެނބުރި އެ މީހުންގެ ގެދޮރަށް ބަދަލުވެފައެވެ. ނަމަވެސް, އެ މީހުންނަށް ކުރިމަތިވީ މާޔޫސްކަމާއި ހިތާމައެވެ. އެ ރަށުގައި މަޑުކުރި ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އަދި, އެ މީހުންގެ ގެދޮރު ވަނީ ސުންނާފަތިކޮށް, ބިމާ ހަމަކޮށްލާފައެވެ.

ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ބަރުހަތިޔާރާ އެކު އަނެއްކާ ވެސް ޚާން ޔޫނިސަށް އަރަން ފެށުމުން, އެ ރަށުގެ އަހުލުވެރިންނަށް މި ވަނީ އެ ރަށް ދޫކޮށް ރަފަޙަށް ދަތުރު ކުރަން މަޖުބޫރުވެފައެވެ. "ޚާން ޔޫނިސަށް ދިޔަ އަޅުގަނޑުގެ ޢާއިލާގެ ގިނަ މެންބަރުން އަނެއްކާ ވެސް [އެ ރަށް] ދޫކޮށް ރަފަޙަށް ދަތުރު ކޮށްފި. އެ މީހުން ބުނީ, ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކުން އެ ރަށަށް ވަދެ, ޢާންމުންގެ ގެދޮރަށް ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަމުންދާ ކަމުގައި،" ޚާން ޔޫނިސްގެ ރައްޔިތެއް ކަމުގައިވާ 42 އަހަރުގެ އަޙްމަދު ރިޒްޤު ބުންޏެވެ.

އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 34,151އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 77,084އަށް އުފުލިފައެވެ.