ޚަބަރު

ކާމިޔާބީ ފާހަގަކުރަން ހަވާ އެރުވުމާއެކު ޕީއެންސީގެ ޚާއްސަ ޖަލްސާއެއް މިރޭ


  • ޕީއެންސީގެ ކެންޑިޑޭޓުންނާއި ތާޢީދުކޮށްފައިވާ ކެންޑިޑޭޓުން ހިމެނޭހެން މިހާތަނަށް 74 ގޮނޑި ކާމިޔާބުކުރި

  • ހަރަކާތް އޮންނާނީ މިރޭ 08:30ގައި އަރޓިފިޝަލް ބީޗުގައި

  • ހަވާ އެރުވުމުގެ ކުޅިވަރުވެސް އޮންނާނެ

މަޖިލިސް އިންތީޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިރޭ ޚާއްސާ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޕީއެންސީން ބުނީ މިރޭގެ އެއްވުމަކީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރަށް ލިބުނު ކަމިޔާބީ ފާހަގަކޮށް، ރައްޔިތުންނަށް މަރުހަބާއާއި ޝުކުރު ދެންނެވުމަށް ބާއްވާ އެއްވުމެއްކަމަށެވެ.

"ދިވެހިންގެ ރާއްޖެ މަޖިލީހަށް-މަރުޙަބާ"ގެ ނަމުގައި ބާއްވާ އެއްވުން އޮންނާނީ މިރޭ 08:30ގައި ހެންވޭރު އާޓިފިޝަލް ބީޗު ސަރަޙައްދުގައެވެ.

މި އެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ޕާޓީގެ އިސްފަރާތްތަކާއި މެންބަރުން ބައިވެރިވާނެއެވެ. ސަރުކާރަށް މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބީގެ އުފާ ފާޅުކުރުމަށް މިރޭގެ ހަރަކާތުގެ ތެރެއިން ހަވާ އެރުވުންވެސް ކުރިއަށްދާނެކަމަށް ޕީއެންސީން ބުނެއެވެ.

މިއެއްވުމުގައި ސަރުކާރު ކޯލިޝަންގަ ހިމެނޭ ޕާޓީތަކުންގެ މެންބަރުންނާއި ސަޕޯޓަރުންނާއި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ އެދިފައެވެ.

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީއާއި އެޕާޓީން ތާއީދުކޮށްފައިވާ ކެނޑިޑޭޓުންނަށްވަނީ ވަނީ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތު ހޯދާފައެވެ. އެގޮތުން މަޖިލީހަށް މެންބަރުން އިންތިޚާބުކުރި 93 ގޮނޑީގެތެރެއިން 74 ގޮނޑި ކަށަވަރުވެފައިވާކަން ވަގުތީ ނަތީޖާއިން މިހާތަނަށް ހާމަވެއެވެ.