ޚަބަރު

އެމްޑީޕީގެ ޒަމާންވީ ގޮނޑިތައް ގެއްލި އަނެއްކާވެސް ބޮޑު ނާކާމިޔާބީއެއް


  • މަޖިލީހުގެ ރައީސް އަސްލަމަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފައި

  • ޒަމާންތަކެއް ވަންދެން އެމްޑީޕީން ދިފާޢުކުރި ގޮނޑިތަކެއް ވަނީ ގެއްލިފައި

މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެގޮތުން އަހަރުތަކެއްވަންދެން އެމްޑީޕީން ދިފާޢުކުރަމުން އައި ގިނަ ދާއިރާތަކުގެ ގޮނޑި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. އެގޮތުން އެމްޑީޕީން ސަރުކާރުގައި އޮވެ އަދި އިދިކޮޅުގައި އޮވެވެސް ކާމިޔާބުކުރަމުން އައި ގިނަ ދާއިރާތަކެއްވެސް އެމްޑީޕީއަށް މިފަހަރު ގެއްލިފައިވެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ހަމައަށްވަޑައިގަތުމަށް މެދުކެނޑުމެއްނެތި 25 އަހަރު ފުރުއްވަމުން ގެންދެވި ގޮނޑި މިފަހަރު ވަނީ އެމްޑިޕީއަށް ގެއްލިފައިކަން ގާތްގަނޑަކަށް ޔަޤީންވެފައެވެ. މިހާރުގެ މެންބަރު ޖީހާން މަހުމޫދަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން ޕީއެންސީގެ ކެންޑިޑޭޓު ވަނީ ކާމިޔާބުކޮށްފައެވެ.

މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު އަސްލަމަކީ މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަވޯޓު ހޯދައި މަޖިލީހަށް އިންތިޚާބުވެވަޑައިގެން އަދި ސިޔާސީ ދާއިރާގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. އަސްލަމް މިހާރު ފުރުއްވަމުންދާ ހިތަދޫ އުތުރު ދާއިރާ އެމަނިކުފާނަށް ގެއްލިފައިވާކަން ގާތްގަނޑަކަށް ވަނީ ކަށަވަރުވެފައެވެ. އެ ދާއިރާ ކާމިޔާބުކުރީވެސް ޕީއެންސީންނެވެ.


ހިތަދޫ މެދު ދާއިރާއަކީވެސް އެމްޑީޕީން ދިފާޢުކުރަމުން އައި އަދި އެޕާޓީއަށް ވަރަށް ޔަޤީން ގޮނޑިއެކެވެ. ނަމަވެސް އެދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އައްޑޫސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ފަހަތަށް ޖައްސާލުމަށްފަހު ނޫސްވެރިޔާ އަޙްމަދު އަޒާނެވެ.

މިނޫނަސް އެމްޑިޕީން ޒަމާންތަކެއް ވަންދެން ފުރި މަޝްހޫރު ދާއިރާތަކެއްގެ ގޮނޑި ވަނީ ގެއްލިފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން އެމްޑީޕީއަށް ބޮޑު ނާކާމިޔާބީއަކާ ވަނީ ކުލިމަތިވެފައެވެ. ނަމަވެސް ވަަގުތީނަތީޖާކަމުން މިނަތީޖާއަށް ބަދަލު އައުމަކީ އެކަށީގެންވާކަމެކެވެ.