ޚަބަރު

މައިފަޅުން 400 ހެކްޓަރުގެ ސަރަހައްދެއް ތޮއްޑޫއާއި ރަސްދޫއަށް


  • ރަސްދޫއަށް 200 ހެކްޓަރުގެ ސަރަހައްދެއް

  • ތޮއްޑޫއަށްވެސް 200 ހެކްޓަރުގެ ސަރަހައްދެއް ވަނީ ހަމަޖައްސާފައި

އަރިއަތޮޅުގައި އޮންނަ މައިފަޅުން 400 ހެކްޓަރުގެ ސަރަހައްދެއް އއ.ރަސްދޫ އާއި އއ.ތޮއްޑޫގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ.

މިކަމާއި ގުޅިގެން ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ގޮތުގައި އަރިއަތޮޅުގައި އޮންނަ މައިފަޅުން އއ.ރަސްދޫއަށް 200 ހެކްޓަރުގެ ސަރަހައްދެއް އަދި ތޮއްޑޫއަށް 200 ހެކްޓަރުގެ ސަރަހައްދެއް ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ނިންމެވި ނިންމެވުމެއްކަމަށްވެސް ޤަރާރުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ލޯކަލް ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމުގެ ތެރޭގައި ފަޅުރަށް ނުވަތަ ފަޅުތައް ހަމަޖައްސައިދިނުން ހިމެނެއެވެ.

އެގޮތުން މިމަހު 17 ގައި އއ. ގަލަގިލި ފަޅު އއ. އުކުޅަހުގެ އިހުތިޞާސްގައި ހިމަނުއްވަވާފައިވާއިރު އއ. ވެލިދޫދިއްގާ ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. މީގެ އިތުރުން އދ. މަހިބަދޫގެ ބައެއްގެ ގޮތުގައި އެ އަތޮޅު މާފަރުފަޅުވެސް މިމަހު 16 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.