ޚަބަރު

350 މޭޒާއެކު މިއަހަރުގެ ނައިޓް މާރކެޓް ފަށައިފި


350 މޭޒާއެކު މިއަހަރުގެ ނައިޓް މާރކެޓް މިއަދު ހަވީރު ފަށައިފިއެވެ.

ކާނިވާ ސަރަޙައްދުގައި ބާއްވާ މިއަހަރުގެ ނައިޓްމާރކެޓް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ހަމަޖައްސާފައިއެވެ. ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން އިސްނަގައިގެން ކޮންމެ އަހަރަކު ބާއްވާ ނައިޓްމާރކެޓް މިއަހަރު އިންތިޒާމުކޮށް ކުރިއަށް ގެންދިއުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް މިއުޒިކް އެންޑް އާރޓް ސެންޓަރ, އެމްއެމްއޭސީއާއެވެ.

ނައިޓްމާރކެޓް މީގެ ކުރިން ބާއްވަމުން ގެންދިޔަ ސަރަޙައްދު ބްރިޖްގެ މަޝްރޫޢަށް ބަންދުކުރައްވާފައިވުމުން މިއަހަރުގެ ނައިޓް މާރކެޓް ބޭއްވުމަށް ކާނިވާ ސަރަޙައްދު ކަނޑައަޅުއްވައި، އެކަން އިންތިޒާމްކުރުން އެމްއެމްއޭސީއާ ޙަވާލުކުރައްވާފައިވަނީ، ކާނިވާ ސަރަޙައްދުގެ ބޮޑުބައެއް މިހާރުވެސް ކުއްޔައް ހިފާފައިވަނީ އެމްއެމްއޭސީން ކަމަށްވާތީއެވެ. އެމްއެމްއޭސީން ކުރިން ނިންމާފައިވާ ގޮތާ ޚިލާފަށް ނައިޓް މާރކެޓް ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވަނީ 15 ދުވަހުގެ މުއްދަތަކަށެވެ.

އެމްއެމްއޭސީގެ ޗެއަރމަން ޢަލީ ޢަބްދުލްކަރީމް، ވިދާޅުވީ ނައިޓްމާރކެޓް ސަރަޙައްދުގައި ޖާގައިގެ ދަތިކަން ހުރުމުގެ ސަބަބުން ކުރިން ލަފާކުރި ޢަދަދަށްވުރެ މޭޒުތަކުގެ ޢަދަދުވެސް މަދުކޮށްފައިވާކަމަށެވެ. މީގެ އިތުރުން އެހެން އަހަރުތަކަށްވުރެ ސަލާމަތީ ގޮތުންވެސް ނައިޓް މާރކެޓް ސަރަޙައްދު ވަރުގަދަވާނެ ކަމަށް ޢަލީ ވިދާޅުވިއެވެ.

މިއަހަރުގެ ނައިޓްމާރކެޓް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ، ނަމާދު ވަގުތު ފިޔަވައި ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން ރޭގަނޑު 12 އަށެވެ.