ޚަބަރު

ޔަހޫދީންގެ ޢުދުވާނަށް ޚަރަދު ކުރަން އެމެރިކާއިން 26 ބިލިޔަން ޑޮލަރު ދެނީ


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ބޭނުންވާ 26 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދޭން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސުން ފާސްކޮށްފިއެވެ. ޔަހޫދީންނަށް 26 ބިލިޔަން ޑޮލަރުގެ އެހީ ފޯރުކޮށްދޭން ނިންމާފައި ވަނީ, ބޭރު ޤައުމުތަކަށް އަސްކަރީ އެހީތެރިކަން ދިނުމަށް ހައުސުން ފާސްކޮށްފައިވާ 95 ބިލިޔަން އެމެރިކާ ޑޮލަރުގެ ޕެކޭޖަކާ ބެހޭ ބިލެއްގެ ދަށުންނެވެ. ފާސްކުރުމަށް ފަހު އެ ބިލު މިހާރު އޮތީ ޤާނޫނު ހަދާ މަޖިލީހުގެ މަތިގެ, ސެނެޓަށް ފޮނުވާފައެވެ.

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ފަށާފައިވާ ލާއިންސާނީ ޢުދުވާނުގައި ބޭނުން ކުރާނެ ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދޭން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ވަނީ ރައީސް ޖޯ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީންނެވެ. ހައުސްގެ މެޖޯރިޓީ އޮތް އިދިކޮޅު ޕާޓީ, ރިޕަބްލިކަނުން ދިޔައީ އެ ބިލާ ދެކޮޅު ހަދަމުންނެވެ. ނަމަވެސް, އެ ބިލު ފާސްކޮށްފައި މި ވަނީ ދެ ޕާޓީގެ ގިނަ މެންބަރުންތަކެއްގެ ތާޢީދާ އެކުގައެވެ.

ސެނެޓުގެ މެޖޯރިޓީ އޮތީ ބައިޑަންގެ ޑިމޮކްރެޓްސްގެ އަތްދަށުގައެވެ. އަދި, އޭޕްރިލް 23 ވަނަ ދުވަހު, ޔަހޫދީންނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭ ބިލުގެ މަސައްކަތް ސެނެޓުގައި ފަށާނެއެވެ. އަދި, ކުރިއަށް އޮތް ހަފުތާގައި ބިލު ފާސް ކުރާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ފަންޑު ކުރުމުގެ އިތުރުން, އެ ބިލުގެ ދަށުން އެމެރިކާއިން ޔޫކްރެއިނާއި ތައިވާނަށް ވެސް މާލީ އަަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ބިލުގައި ފާސްކޮށްފައިވާ 95 ބިލިޔަން ޑޮލަރުގެ ތެރެއިން 60.84 ބިލިޔަން ޚަރަދު ކުރާނީ ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދިނުމަށެވެ. އަދި, އިންޑޯ-ޕެސިފިކް ސަރަޙައްދަށް 8.12 ބިލިޔަން ވަނީ ކަނޑައަޅާފައިވާއިރު އޭގެ ތެރެއިން ބޮޑު އިންސައްތައެއް ފޮނުވާނީ ތައިވާނަށެވެ.

މި ބިލު ފާސްކޮށްފައި މި ވަނީ, އެ ކަމަށް އެދި ބައިޑަން ހައުސްގައި އާދޭސް ދަންނަވަމުން ގެންދަވަނިކޮށެވެ. އެއީ, ޔަހޫދީންނާއި ޔަހޫދީންގެ މަސްލަޙަތު ހިމާޔަތް ކޮށްދިނުމުގެ ބޭނުމުގައެވެ. އަދި, ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް, ނެތިކޮށްލަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުނަ ނުދިނުމުގެ ގޮތުންނެވެ.

"ބިލު ފާސްކޮށްފައި މި ވަނީ ވަރަށް ބޭނުންތެރި ދަނޑިވަޅެއްގައި. [ޒަޔަނިސްޓު] އިސްރާއީލަށް އީރާނުގެ ވަރުގަދަ ޙަމަލާތަކަކުން ދިފާޢުވާން ޖެހިފައިވާ ވަގުތެއްގައި. އަދި, ރަޝިޔާއިން މެދުކެނޑުމެއް ނެތި ޔޫކްރެއިނަށް ބޮންއަޅަމުންދާ ދަނޑިވަޅެއްގައި،" ޔަހޫދީން ހިމާޔަތް ކުރަން ފޫގަޅުއްވައިގެން ހުންނެވި ބައިޑަން ވިދާޅުވިއެވެ.

މި ބިލުގައި ޔަހޫދީންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފާސްކޮށްފައި ވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ހައުސްގެ 366 މެންބަރުން ބިލަށް ތާޢީދު ކުރައްވާފައިވާއިރު, ބިލާ ދެކޮޅަށް 58 މެންބަރުން ވޯޓު ދެއްވިއެވެ. އޭގެ ތެރޭގައި ޑިމޮކްރެޓިކް ޕާޓީގެ 37 މެންބަރުންނާއި ރިޕަބްލިކަނުންގެ 21 މެންބަރުން ހިމެނެއެވެ.

ޣައްޒާގެ މުސްލިމުން ނެތި ކޮށްލަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުތައް މެދުކަނޑައިލަން އެމެރިކާއިން ދަނީ ފާޅުގައި ގޮވައިލަމުންނެވެ. ނަމަވެސް, އެމެރިކާއިން ދަނީ ޢުދުވާންތައް މެދުކަނޑައިނުލައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހަތިޔާރާއި އަސްކަރީ އެހީތެރިކަން ވެސް ޔަހޫދީންނަށް ފޯރުކޮށްދެމުންނެވެ. މުސްލިމުންގެ ގެދޮރާއި, މިސްކިތްތަކާއި, ހަސްފަތާލުތަކަށް ޔަހޫދީން އަޅަމުންދާ ބޮންތަކާއި ޙަމަލާ ދިނުމަށް ބޭނުން ކުރާ މިސައިލްތަކަކީ އެމެރިކާއިން ފޮނުވާފައިވާ ތަކެއްޗެވެ.

އޮކްޓޫބަރު 7ން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 34,049އަށް އުފުލިފައެވެ. އޭގެ ތެރެއިން 25,000އަކީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 76,901އަށް އުފުލިފައެވެ.