ޚަބަރު

އިންތިޚާބުގެ ފުރަތަމަ ގަޑިއެއްހާއިރުގެ ތެރޭގައި ވޯޓުލީ 24،703 މީހުން


  • ވޯޓުލުން ހުރިހާ މަރުކަޒެއްގައި ވަނީ ފެށިފައި

  • 17:30އާއި ހަމައަށް ވޯޓު ލެވޭނެ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފެށި ގަޑިއެއްހާއިރުގެ ތެރޭގައި ސައުވިސް ހާހަށްވުރެ ގިނަ މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނުން ވިދާޅުވީ މިހާތަނަށް ވޯޓުލާފައިވަނީ ޖުމްލަ 24،703 މީހުންކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 7،803 އަންހެނުންނާއި، 16،900 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ 8.68 އިންސައްތައެވެ.

އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބިގެންވާ 284،663 މީހުންގެ ތެރެއިން މިހާތަނަށް 259،960 މީހުން ވޯޓު ނުލައެވެ.

93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރުމަށްޓަކައި ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:30 އާއި ހަމައަށެވެ.

މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޮޓު ފޮށި ވަނީ ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާވެސް އަވަހަށް އިންތިޚާބުގައި ވޯޓުލުމަށް އިލްތިމާސްކުރައްވާފައެވެ.