ޚަބަރު

މަސައްކަތްތެރިންގެ ދުވަހުގެ ހިނގާލުން ބާއްވަން މަސައްކަތްކޮށްފި


މޯލްޑިވްސް ޕޮލިސް ސަރވިސްއިން މަނާ ކުރައްވާފައިވަނިކޮށް، މަދަނީ ބައެއް ޖަމްޢިއްޔާތަކުން މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން ހިނގާލުމެއް ބޭއްވުމަށް މަސައްކަތްކޮށްފިއެވެ. 

ހިނގާލުން ބޭއްވުމަށް މަސައްކަތްކުރި މީހުން އެކަން ފެށުމަށް ނިކުތީ ސޯޝަލް ސެންޓަރު ކައިރިއަށެވެ. މިހިނގާލުމަށް އެއްވި މީހުންގެ ތެރެއިން އިދިކޮޅު އެމް.ޑީ.ޕީގެ ބައެއް އިސްވެރިންވެސް ފެނިފައިވެއެވެ. އެމީހުން ހިނގާލުން ބޭއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފުރުޞަތު ދެއްވާފައި ނުވުމާއެކު، އެއްވި ސަރަޙައްދުގައި ތިބެ އެމީހުން ވަނީ ޝުޢޫރު ފާޅުކޮށްފައެވެ. މަސައްކަތް ތެރިންގެ ދުވަހާ ގުޅުވައިގެން ހިނގާލުމެއް ބާއްވަން މަސައްކަތް ކުރާކަން މީޑިއާގެ ވަޞީލަތްތަކުން އެނގިވަޑައިގެންފައިވާތީ، އެފަދަ ހިނގާލުމެއް ކުރިޔަށް ގެންދަން ފުރުޞަތު ނުދެއްވާނެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއްޔެ ވަނީ އަންގަވާފައެވެ. 

ފުލުހުން ވިދާޅުވީ، މާލޭގެ މަގުތަކުގައި ހިނގާ ބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެހި ދުއްވުން ހުއްޓި، އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތައް ފޯރަމުންދާނެތީ ހިނގާލުން ކުރިޔަށް ގެންދަން ފުރުޞަތު ނުދެއްވާނެކަމަށެވެ.