ޚަބަރު

އެންމެ ބޮޑު މައްސަލައަކީ ފަންނީ މީހުން ނެތުން- މިނިސްޓަރ


ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމުގައި މިހާރު އޮތް އެންމެ ބޮޑު އެއް މައްސަލައަކީ، ބޭނުންވާ ފަންނީ މީހުން އެކަށީގެންވާ މިންވަރަށް ނެތުން ކަމަށް ހެލްތު މިނިސްޓަރ އިތުރިޝާމް އާދަމް ވިދާޅުވެއްޖެއެވެ. 

ރައްޔިތުންނަށް ސަރުކާރު ދެއްވާ ޞިއްޙީ ޚދްމަތް ފޯރުކޮށްދެއްވުމާބެހޭ ސިޔާސަތު ތަންފީޒްކުރެއްވުމަށް ޞިއްޙަތާބެހޭ ވުޒާރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު ޕީއެސްއެމްއާ ޙިއްސާކުރައްވަމުން، ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތައް، ޞިއްޙަތާބެހޭ ވަޒީރު އިރްތިޝާމް އާދަމް ފާހަގަކުރެއްވިއެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ޞިއްޙީ ޚިދުމަތް ދިނުމުގައި މައިގަނޑު ތިންކަމެއް ފާހަގަކުރެއްވިއެވެ. އޭގެތެރެއިން އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެކަމަނާ ފާހަގަކުރެއްވީ، ޞިއްޙީ ފަރުވާ ދެއްވުމުގައި އެންމެ ގާތުން ޙަރަކާތްތެރިވާ ޞިއްޙީ ފަންނީ ބޭފުޅުން ލިބުމުގެ ދަތިކަމެވެ.

މިނިސްޓަރ ވިދާޅުވީ މިކަން ޙައްލުކުރެއްވުމަށް، މި ދާއިރާއިން ދިވެހިން ބިނާކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށްޓަވާއިފައިވާ ކަމަށެވެ. އެގޮތުން މިހާރު ޑޮކްޓަރުން ނެތް ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ހަމަ ކުރެއްވުމަށްޓަކައި ޤާބިލް ބޭފުޅުން ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެ ގޮތުން އެސް.ޓީ.އޯ އާއި އަދި މިނޫންވެސް ކޮންޓްރެކްޓް އުޞޫލުން މިދާއިރާއަށް ފަންނީ ބޭފުޅުން ގެނެސްދޭ ކުންފުނިތަކާ ގުޅިވަޑައިގެން ފަންނީ މީހުން ހޯއްދެވުމުގައި ކުންފުނިތަކާ ގުޅިގެން މިހާރު މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި މިނިސްޓު ފާހަގަކުރެއްވީ، ފަންނީ އާލާތްތައް އެކަށީގެންވާ މިންވަރަށް ނެތުމުގެ މައްސަލައެވެ. އަދި މިކަން ޙައްލުކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން ރީޖަނަލް ހޮސްޕިޓަލްތަކުގައި ކަމާގުޅުން ހުރި އާލާތްތަކާއި ވަޞީލަތްތައް ހަމަކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ބައެއް ހެލްތު ފެސިލިޓީތަކުގައި މިފަދަ ވަޞީލަތްތައް ނެތުމުގެ ސަބަބުން ޚިދްމަތް ދެއްވުމުގައި ބޭނުންވާ ބައެއް ކްލިނިކަލް ޓެސްޓް ހެދުމާއި ،ބޭނުން ބައެއް ޕްރޮސީޖާތައް ކުރިޔަށް ގެންދިއުމުގައި ދަތިވާތީ މިކަންވެސް، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ޙައްލުކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ތިންވަނަ ކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ، ޞިއްހީ ޚިދްމަތް ދެއްވުމުގައި ބޭނުންކުރާ ބައެއް އާލާތްތަކުގެ ސްޓޮކް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މައްސަލައެވެ. މިކަން ޙައްލުކުރެއްވުމުގެ ގޮތުން، މިފަދަ އާލާތްތައް މަރާމާތުކުރައްވާނެ އިންޖިނިއަރުންނާއި، އަދި ބެކަޕް ޖަނެރޭޓަރު ނެތް ހެލްތު ފެސިލިޓީސްތަކަށް ޖަނެރޭޓަރު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.