ޚަބަރު

މީޑިއާތަކުން އިންތިޚާބުތަކާ ބެހޭ ގައިޑްލައިނަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށްފި


  • އިންތިޚާބާ ގުޅިގެން ބްރޯޑްކާސްޓް ކުރާ ކޮންޓެންޓް ބްރޯޑްކޮމް އިން މޮނިޓަރ ކުރަމުންދާނެ

  • ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް އިރުޝާދުދޭ

މިއަދު ކުރިއަށްދާ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކަވަރުކުރުމުގައި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން، ބްރޯޑްކޮމްއިން ކަނޑައަޅާފައިވާ ގައިޑްލައިނަށް ހުރުމަތްތެރިކޮށްހިތުމަށް، އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަޙީދާ އިލްތިމާސްކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި މަރިޔަމް ވަހީދާ ވިދާޅުވީ، އިންތިޚާބާއި ގުޅިގެން ބްރޯޑްކޮމްއިން ވަރަށް ދުރާލާ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ބްރޯޑްކާސްޓަރުން ހޭލުންތެރިކުރުމާއި މޮނިޓަރ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި މައްސަލައެއް ޖެހިއްޖެނަމަ އެ މައްސަލަ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށްވެސް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.

މަރިޔަމް ވަހީދާ ވިދާޅުވީ އިންތިޚާބު ކުރިއަށްދާއިރު ބްރޯޑްކާސްޓުކުރާ ކޮންޓެންޓު، މޮނިޓަރިން ކޮމިޓީން މޮނިޓަރ ކުރަމުންދާނެކަމަށާއި މައްސަލައެއް އަތުވެއްޖެނަމަ ފާސްޓް ޓްރެކް ކޮމިޓީން މައްސަލަ ބަލާނެކަމަށެވެ.

މަރިޔަމް ވަހީދާ ވިދާޅުވީ އިންތިޚާބުތަކާއި ގުޅިގެން އެންމެ އާންމުކޮށް ކުރިމަތިވާ މައްސަލަތަކަކީ، ކެމްޕޭން ކުރުމުގެ ސުންގަޑި ހަމަވުމަށްފަހު ކެމްޕޭންކުރުން ކަމަށެވެ.

ކޮންމެ އިންތިޚާބެއްގައި ވެސް އެންމެ އިސްކަމެއްދޭންޖެހޭނީ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދިނުމާއި، ތެދު މަޢުލޫމާތު އެންމެ ފުރިހަމައަށް ގެނެސްދިނުން ކަމަށް ވިދާޅުވެ މިކަންކަމަށް ސަމާލުކަން ދިނުމަށް މަރިޔަމް ވަހީދާ އިލްތިމާސްކުރެއްވިއެވެ.

" ވޯޓުލާ ދުވަހު އަޅުގަނޑުމެން އުންމީދުކުރަނީ، ބްރޯޑްކާސްޓަރުންނާއި އަދި ޚާއްސަކޮށް، ޖަރނަލިސްޓުން، އިލެކްޝަނާއި ގުޅިގެން، ރައްޔިތުންނާއި ހަމައަށް، ފުރިހަމަ މަޢުލޫމާތު، ޝައުޤުވެރިކަމާއެކު ގެނެސްދިނުން" މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަޙީދާ ވިދާޅުވިއެވެ.

ބްރޯޑްކާސްޓަރުންގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ވޯޓުލާ މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ބްރޯޑްކާސްޓް ކުރުމާއި، ކެންޑިޑޭޓުންނަށް ޚާއްސަކޮށްފައިވާ ވަގުތު ދިނުމުގައި ހަމަހަމަ އުސޫލުތައް ގެންގުޅުމާއި، ޚަބަރު ހުށަހެޅުމުގައި ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާއެކު ތެދު މަޢުލޫމާތު ފޯރުކޮށްދިނުން ހިމެނެއެވެ.

އަދި އިންތިޚާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިންގައި، ނޫސްވެރިންނާ ޕްރެޒެންޓަރުންގެ ރައްކާތެރިކަން ކަށަވަރުކުރުން ވެސް ހިމެނެއެވެ. އެގޮތުން ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ބްރޯޑްކާސްޓަރުން ކުރާ މަސައްކަތަށް އެއްވެސް ފަރާތަކުން ހުރަސްނޭޅުމަށް އެ ގައިޑްލައިންގައި ވެއެވެ. އަދި ޢާންމު ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ސަލާމަތީ ޚިދުމަތްތަކުން ކުރާ އަމުރުތަކަށް ނޫސްވެރިންނާއި ޕްރެޒެންޓަރުންވެސް އިހްތިރާމް ކުރުމަށް މިގައިޑްލައިންގައިވަނީ ބަޔާންކޮށްފައެވެ.