ޚަބަރު

އަދުގެ ސަރުކާރުން އަބަދުވެސް އަމާނާތްތެރިކަން އިސްކޮށް، އިސްލާމްދީނުގެ ޙައްޤުގުގައި މަސައްކަތްކުރާނެ: ހީނާ


  • ރައީސް އަބަދުވެސް މަސައްކަތްކުރައްވާނީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށްކަމަށް ވިދާޅުވި

  • ޕީއެންސީގެ ވެރިކަމުގައި އަބަދުވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރާނެ

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އަބަދުވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކޮށް، އިސްލާމްދީނުގެ ޙައްޤުގައި މަސައްކަތް ކުރައްވާނެކަމަށް ސަރުކާރު ކޯލިޝަނުން ބުނެފިއެވެ.

އެކޯލިޝަނުން މިފަދައިން ބުނެފައި މިވަނީ މަޖިލިސް އިންތިޚާބާއި ގުޅިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް މަސައްކަތްކުރައްވާނީ އެމަނިކުފާނުގެ ވައުދުތައް ފުއްދުމަށް ކަމަށެވެ. އެގޮތުން، އެމަނިކުފާނަކީ ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވައި، އެކަންކަން ޙައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަން "ހަފްތާ 14" ގެ ވަޢުދުތައް ފުއްދުމުން ރައްޔިތުންނަށް އެނގިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ. ހަމަ އެހެންމެ، ޕީއެންސީގެ ވެރިކަމުގައި އަބަދުވެސް ތެދުވެރިކަމާއި އަމާނާތްތެރިކަން އިސްކުރައްވައި އިސްލާމްދީން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަން ހީނާ ފާހަގަކުރެއްވިއެވެ.

ސަރުކާރު ހިންގާ އެޕާޓީން ޤަބޫލުކުރާ ޑިމޮކްރަސީ އަކީ ކޮބައިކަމާމެދު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުން ހީނާ ވިދާޅުވީ، ޕީއެންސީން ޤަބޫލްކުރާ ޑިމޮކްރަސީ ވަރަށް ސާފުކޮށް ރައްޔިތުންނަށް ފެންނަން އޮތް ކަމަށެވެ. އެގޮތުން، އެބޭފުޅުން ޤަބޫލުކުރައްވާ ޑިމޮކްރަސީގައި އާންމު ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ އާއި ވަރަށް ބޮޑަށް ގުޅުވައިދޭކަމަށް ހީނާ ފާހަގަކުރެއްވިއެވެ.

"ޕީއެންސީން ގަބޫލުކުރާ ޑިމޮކްރަސީއަކީ ހަމަހަމަކަމާ އުސޫލްތަކުގެ ތެރެއިން ކުރިއަށްދާ ކަންކަން އިނގޭތޯ, އަޅުގަނޑުމެން ޤަބޫލްކުރާ ޑިމޮކްރަސީގަ، ދިވެހި ރައްޔިތުންނަށް އެ ހުރިހާ ޙައްޤުތަކެއް ކަށަވަރުކޮށްދޭނެ. އަޅުގަނޑުމެން ގަބޫލްކުރާ ޑިމޮކްރަސީއަކީ ރައީސުލްޖުމްހޫރިއްޔާ ގެ މެނިފެސްޓޯގަ ރައްޔިތުންނަށް ފަހިކޮށްދެއްވުމަށްޓަކައި އެމަނިކުފާނު ކަނޑައަޅުއްވާ ކަންކަން އެންމެ ފުރިހަމައަށް ކުރެއްވުމަށްޓަކައި އެމަނިކުފާނަށް ފަސޭހަފުޅުވާގޮތަށް ނުވަތަ އެމަނިކުފާނު ބޭނުންފުޅުވާގޮތަށް އެކަންކަން ކުރެއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ކުރުން އިނގޭތޯ" ހީނާ ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ސިޔާސަތުތައް ނިންމެވުމަށް މަޖިލިސް މެޖޯރިޓީ ބޭނުންފުޅުވާކަމަށެވެ. އަދި، "ދިވެހީންގެ ރާއްޖެއަށް" ދިޔުމަށްޓަކައި މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ހީނާ ވަނީ އެދިވަޑައިގެންފައެވެ.