ޚަބަރު

އޮގަސްޓްމަހު ޕާރކިންގ ސިސްޓަމްތައް ބަހައްޓަން ފަށާނެ


މާލޭގައި އާބާދީ ބޮޑުވެފައިވުމާއި ވިޔަފާރީގެ މައި މަރުކަޒަކީވެސް މާލެކަމަށްވުމުން، މާލެއަށް އެތެރެކުރެވޭ ވެހިކަލްތަކުގެ ޢަދަދުވެސް އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ވެހިކަލް ގިނަވުމުގެ ސަބަބުން ޕާރކް ކުރުމުގައި ބޮޑު ދަތިތަކެއް އެބަހުއްޓެވެ. މާލޭއަށް ދިމާވެފައިވާ ޕާރކްކުރުމުގެ މައްސަލައަށް ޙައްލެއް ހޯދަވައިދެއްވުމުގެ ގޮތުން ސަރުކާރުން ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލޭގެ 20 ސަރަޙައްދެއްގައި މެކޭނިކަލް ޕާރކިންގ ސިސްޓަރމްތަކެއް ބެހެއްޓެވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ. 

މާލޭގައި ބެހެއްޓެވުމަށް ހަމަޖެހިފައިވާ ޕާރކިންގ ސިސްޓަމްތަކާ ގުޅޭގޮތުން، ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ މާލޭގައި ބެހެއްޓެވުމަށް ހަމަޖެހިފައިވާ ޕާރކިންގ ސިސްޓަރމްތަކުގެ ތެރޭގައި ސައިކަލަށް ޚާއްޞަ 10 ޕާރކިން ސިސްޓަމާއި ކާރަށް ޚާއްޞަ 10 ޕާރކިންގ ސިސްޓަމް ހިމެނޭކަމަށެވެ. ހައުސިންގ މިނިސްޓަރ ވިދާޅުވީ ސައިކަލަށް ޙާއްސަ ޕާރކިންގ ސިސްޓަރމްތައް ހަައްދަވާނީ ރާއްޖެއަށް ޙާއްސަގޮތައް ފަރުމާކުރެވިގެންކަމަށެވެ.

" މި ޕާރކިންގ ސިސްޓަރމްތައް ހަދަނީ އެސްޓިއޯއާއި ގުޅިގެން، ޗައިނާގެ ފެކްޓްރީއަކަށް ޒިޔާރަތް ކޮށްފައިވަނީ. އެސްޓިއޯއިން މިތަކެތި ގެންނަނީ ޗައިނާއިން" ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. 

މާލޭގައި ޤާއިމްކުރެއްވުމަށް ހަމަޖެހިފައިވާ މިޕާރކިންގެ ސިސްޓަމްތައް މިއަހަރުގެ އޮސްޓްމަހުގެ ތެރޭގައި ބެހެއްޓެވުމުގެ މަސައްކަތް ފެށިގެންދާނެއެވެ. އެހެންކަމުން މި ސިސްޓަމްތައް ބަހައްޓަވައި ނިމި، މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފެށޭވަރުވާނެކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވިއެވެ. ޕާރކިންގ ސިސްޓަމްތައް ބެހެއްޓުމަށްޓަކައި ސަރަހައްދުތަކެއް އައިޑެންޓިފައި ކުރެވިފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. 

" މި ސިސްޓަމްތައް ބެހެެއްޓުމަށް ހަމަޖެހިފައިވަނީ ޕާރކިންގ އަށް އެންމެ ބާރުބޮޑު ދިމާތަކުގައި" މިނިސްަޓަރ ވިދާޅުވިއެވެ.

މާލޭގައި 20 ސަރަޙައްދެއްގައި ބެހެއްޓެވުމަށް ހަމަޖެހިފައިވާ ޕާރކިންގ ސިސްޓަމްގެ މަސައްކަތް ސަރުކާރުން ޙަވާލުރައްވާފައިވަނީ އެސްޓިއޯއާއެވެ. މާލޭގައި އަލަށް ބެހެއްޓެވުމަށް ހަމަޖެހިފައިވާ މި ސިސްޓަމްގެ ސަބަބުން ޕާކްކުރުމަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ބޮޑު ޙަލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.