ގެއްލިގެން އުޅޭ މަޑުއްވަރީ ދޯންޏާއި އޭގައި ތިބި މީހުން ހޯދުމަށް އެމްއެންޑީއެފްގެ އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ މ. މަޑުއްވަރީން ތިން މީހުންނާއެކު މަހަށް ނިކުތް "ފަރިހި 2" ކިޔާ ދޯންޏެއްކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އަދި އެމީހުން
ދޯނީގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ 22:06 ހާއިރުއެވެ. މި މަޢުލޫމާތު ފުލުހުން އެމްއެންޑީއެފާ ޙިއްސާކޮށްފައިވަނީ ރޭ 22:45 ހާއިރުއެވެ.
ދޯނި ހޯދުމުގެ މަސައްކަތް ކަނޑުމަގުންނާއި ވައިގެ މަގުން ފަށާފައިވާއިރު، ކަނޑުމަގުން ދޯނި ހޯދުމުންދަނީ ކޯސްޓްގާޑްގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ލޯންޗެއް ބޭނުންކޮށްގެނެވެ. އަދި ވައިގެ މަގުން ދޯނި ހޯދަން ފަށާފައިވަނީ ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް ޔޫއޭވީ ބޭނުންކޮށްގެންނެވެ. މިއީ މިފަދަ ހާދިސާއެއްގައި ޔޫއޭވީ ބޭނުންކުރާ ފުރަތަަމަ ފަހަރެވެ.
ރާއްޖޭގައި ބޭނުންކުރާ ޔޫއޭވީތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދި ރޭގަނޑު އަނދިރީގައިވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން މި އުޅަނދަށް ލިބިފައިވެއެވެ.
ގެއްލިގެން ހޯދަމުންދާ އުޅަނދާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ފުލުހުންގެ އެމަޖެންސީ ނަންބަރު 119އަށް ގުޅުމަށް ފުލުހުން ވަނީ އެދިފައެވެ..