އެމްޑީޕީން ވެރިކަމުގެ ދަޢުރު ނިންމާލީވެސް ވަޢުދުވި ކަންކަމާ ޚިލާފުވެގެންކަމަށާއި އެމްޑީޕީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ނެތްކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ދަ ޑިމޮކްރަޓްސްގެ ކެމްޕެއިން ރެލީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ 2018ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވިއިރު ޢިއުލާންކުރި މެނިފެސްޓޯ، ވެރިކަން ނިމިގެން ދިޔައިރުވެސް އޮތީ އޮތްތާންގައި ކަމަށެވެ. އޭގެބަދަލުގައި ދަޢުލަތަށްވީ އިތުރު ބުރަތަކެއްކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ޓެކްސް ނެގުންފަދަ މުހިންމު ބަދަލުތަކެއް 2008ވަނަ އަހަރުން ފެށިގެން ރާއްޖެއަށް ގެންނަންފެށިކަމަށެވެ. ނަމަވެސް ރައީސް ޞާލީހްގެ ސަރުކާރު ނިމިގެންދިޔައީ އެފަދަ ކަންކަމުގެ މަންފާ ރައްޔިތުންނަށް ނުލިބިކަމަށެވެ. ސަރުކާރުން އެކުލަވާލި މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ހައްލުތަކެއް ހިމަނާފައިވީނަމަވެސް، ދައުރު ނިމެން މަދު ދުވަސްކޮޅަކަށްވެފައި ވަނިކޮށް ބޯހިޔާވަހިކަމޭ ކިޔާފައިގެން ރައްޔިތުންނަށް ހަމައަށް ގެނެސްދިނީ އޮޅުވާލުމެއްކަމަށް ވިދާޅުވިއެވެ. އަދި ނިމިދިޔަ ސަރުކާރުން ރައްޔޮތުންނަށް ދިން ގެދޮރުވެރިކަމެއް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ގާދޫކަލާއި ކާށިދޫ ކަނޑުން ގޯތި ކެނޑީ. ނަރުދަމާ ވިއުގަ މަތިން ގޯތި ދޫކުރީ. އަދިވެސް އެއިން ގެއަކަށް ނުވަދެވޭ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އީޤްތިޞާދު ކުރިއެރުވުމަށްބުނެ ކުރި މަސައްކަތްތައްވެސް ހުރީ ހުރިގޮތަށްކަމަށާއި އޭގެ ބަދަލުގައި ބޮޑުވެގެންދިޔައީ އިންތިހާއަށް ދަރަނިކަމަށެވެ. އަދި އޭރު ސަރުކާރުން ދަރަނި ދައްކަން ސުކޫކު ބޮންޑު ވިއްކުމުން އަނެއްކާވެސް ރާއްޖެ ޖެހުނީ ދަރަނީގެ ދަންތުރައެއްގަ ކަމަށާއި ރާއްޖޭގެ އުފެއްދުންތެރިކަމުގެ 120 އިންސައްތައަކީ ދަރަނިކަމަށް ވިދާޅުވިއެވެ. އެގޮތުން ދަޢުލަތަށް ލިބޭ އާމްދަނީގެ 20 އިންސައްތައަކީ ދަރަނި ދެއްކުމަށް ކުރަންޖެހޭ ހޭދަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދިވެހިންގެ މާލީ ބުރަ ކުޑަކުރަން މެނިފެސްޓޯގައި އޮތީ. އެކަމަކު ކަން ކުރީ މެނިފެސްޓޯއާއި ދިމާ އިދިކޮޅަށް. ސުކޫކު ބޮންޑު ވިއްކީ ދަރަނި ދައްކަން. ދަރަނީގެ ދަންތުރައިން ސަލާމަތެއް ނުވި." ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައިވެސް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުންވީ އިހުމާލުކަމަށާއި އެ މައްސަލައިގައި ރައީސް ޔާމީން ހައްޔަރުކޮށް، މައްސަލާގައި ހިމެނޭ އެހެން އެންމެން ދޫކޮށްލީކަމަށެވެ. މީގެ އިތުރުން ކޯވިޑްގެ ނުރައްކަލުގެ ހާލަތުގައިވެސް ފަރުވާއަށް ހޯދަންބުނި ވެންޓިލޭޓަރުތަކުގެ މައްސަލައަކީވެސް ބޮޑު އިހުމާލެއްކަމަށެވެ. އަދި ކޯވިޑްގެ ޙާލަތުގައި ސަރުކާރު މުޅި ޤައުމު ބަންދުކުރުމުން ރައްޔިތުން ބަނޑަށް ނުޖެހި ބޭނުންވާ އަސާސީ ޚިދުމަތްތައްވެސް ދެވުނީ މަޖިލީހުގެ ތެރެއިން މެންބަރުންތަކެއް ކުރި މަސައްކަތުންކަމަށް ވިދާޅުވިއެވެ.
މީގެއިތުރުންވެސް އިޤްތިޞާދު ފުޅާކުރުމަށް ރަނަގަޅު ފިޔަވަޅުތަކެއް ނޭޅުމާއި މަސްވެރިކަމުގެ ސިނާއަތަށްވެސް ފައިދާވާނެ އެއްވެސް ބަދަލެއް ނިމިދިޔަ ސަރުކާރަށް ނުގެނެވި މަސްވެރިންނަށް ދޭންވާ ފައިސާކޮޅުވެސް ނުދެވުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްޑީޕީއަށާއި ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ހިނގާފައިވާ ކަންކަމަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވަނީ އެ ވެރިކަމުގައި މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބި ސަރުކާރުގެ މެނިފެސްޓޯއަށް އިހުމާލުވި ބަޔަކު މަޖިލީހަށް ގެނެސްގެން ދެން އިތުރަށް ރައްޔިތުންނަށް ވާނެ ފައިދާއެއް ނެތްކަމަށެވެ.