ޚަބަރު

ޔަހޫދީ އިސްރާއީލުން އީރާނަށް ޙަމަލާ ދޭން ފަށައިފި


ޔަހޫދީ އިސްރާއީލުން އީރާނަށް މިސައިލް ޙަމަލާތަކެއް ދީފިއެވެ. އީރާނުގެ ދަޢުލަތުގެ މީޑިޔާއިން ވަނީ, އެ ޤައުމުގެ މެދުތެރޭގައިވާ ސަރަޙައްދުތަކަށް ޒަޔަނިސްޓު އިސްރާއީލުގެ އަސްކަރިއްޔާއިން ދީފައިވާ މިސައިލް ޙަމަލާތަކާ ގުޅިގެން ބޮޑެތި ގޮވުންތަކެއް ގޮވާފައިވާ ކަމުގެ މަޢުލޫމާތު ރިޕޯޓު ކޮށްފައެވެ.

އީރާނުގެ މީޑިޔާއިން ބުނީ, ޔަހޫދީންގެ ގިނަ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ޤައުމުގެ މެދުތެރޭގައި އޮންނަ އިސްފަހާނަށް ކަމުގައެވެ. ބައެއް ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްފަހާންގައި އޮންނަ ވައިގެ ބަނދަރަކަށް ކަމަށް ބެލެވެއެވެ. އިސްފަހާނަކީ ނިއުކްލިޔަރ ހަކަތަ އުފައްދާ އަދި ޔުރޭނިޔަމް މުއްސަނދި ކުރާ ކާރުޚާނާތައް ހުންނަ ސަރަޙައްދެކެވެ.

އިސްފަހާނަށް ޙަމަލާ ދިނުމާ ގުޅިގެން އީރާނުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ އެ ރަށުގެ އިތުރުން ޝިރާޒާއި ތެހެރާނުގެ ވައިގެ އުދުހުންތައް މެދުކަނޑައިލާފައެވެ. ތެހެރާންގެ އިމާމް ޚުމައިމީ ބައިނަލްއަޤުވާމީ ވައިގެ ބަނދަރު ވެސް ވަނީ ބަންދު ކޮށްފައެވެ. މީގެ އިތުރުން, އެމިރޭޓްސް އަދި ފްލައިދުބާއީގެ މަތިންދާބޯޓުތައް ވަނީ އީރާންގެ ވައިގެ ސަރަޙައްދު ބޭނުން ކުރުން ހުއްޓައިލާފައެވެ.

ޔަހޫދީން އީރާނަށް ޙަމަލާ ދޭން ފަށާފައި މި ވަނީ, އޭޕްރިލް 14 ވަނަ ދުވަހު އީރާނުން ޔަހޫދީންގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދިނުމާ ގުޅިގެން, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އީރާނުން ވަނީ ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދޭން 300އެއްހާ ޑްރޯނާއި, ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައެވެ. ނަމަވެސް, އެމެރިކާއާއި އިނގިރޭސިވިލާތުގެ އެހީތެރިކަމާ އެކު ޔަހޫދީން ވަނީ އޭގެ ތެރެއިން ގިނަ ޙަމަލާތައް ދިފާޢުކޮށް ވައްޓައިލާފައެވެ.

ޔަހޫދީން އީރާނަށް ޙަމަލާ ދީފައި މި ވަނީ, އެ ކަމާ ދެކޮޅަށް ޔަހޫދީންގެ ވާގިވެރިން ގޮވައިލަމުން ދިޔަ ދަނޑިވަޅެއްގައެވެ. އީރާނަށް ޙަމަލާ ދިނުމާ ދެކޮޅަށް ޔަހޫދީންނަށް ބާރުއަޅާފައިވާ ޤައުމުތަކުގެ ތެރޭގައި ޔަހޫދީންނާއި އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކުރަން ފޫގަޅައިގެން އޮތް އެމެރިކާގެ އިތުރުން އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ވެސް ހިމެނެއެވެ.

ޔަހޫދީންގެ ޙަމަލާތައް އީރާނުގެ ރަށްތަކަށް އަމާޒު ކޮށްފައި މި ވަނީ, އެއްވެެސް ޙަމަލާއެއް ދީފި ނަމަ, ރައްދުގައި ކުރިއަށްވުރެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފައިވާ ދަނޑިވަޅެއްގައެވެ. އީރާނުން ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދީފައި ވަނީ, ޔަހޫދީން އިސްވެ އޭޕްރިލް 1 ވަނަ ދުވަހު ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ބޮންއަޅައި, އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް މެންބަރުން ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.