ކުޅިވަރު

ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓް ކުރުމަށް ޚާއްސަ އެރީނާއެއް ގާއިމުކުރުމަށް ސޮއިކޮށްފި


ހުޅުމާލޭގައި ރޭސިން އަދި ޑްރިފްޓް ކުރުމަށް ޚާއްސަ ސަރަހައްދެއް ކަނޑައަޅައި، ހުޅުމާލޭ ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.

އެ ސަރަހައްދު ރަސްމީކޮށް ހަވާލުކޮށްފައިވަނީ އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. އަދި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މިއަދު ސޮއިކޮށްފައިވަނީ ރޭސިން އާއި ޑްރިފްޓިންއަށް ޚާއްސަ 50،000 އަކަފޫޓުގެ ބިމެއް ކަނޑައެޅިކަން ހާމަކޮށްދޭ އެއްބަސްވުމެކެވެ. މި އެއްބަސްބުމުގައި ސޮއިކުރެއްވުމަށްފަހު ވަޒީރު ވަނީ ކުޅިވަރު ކުރިއެރުމަށް ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ މި އަހަރު ރޭސިންއަށް ބިމެއް ކަނޑައެޅިގެން ދިއުމަކީ މިކަމަށް އެދިއެދި ތިބި ޒުވާނުންގެ އުންމީދުގައި ކުލަޖެހިގެންދާނެ ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގައި ދެ ކުޅިވަރު ތައާރަފު ވެގެންދާނެ ކަމަށް ޝައްކު ނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

"
ނިމިގެން މި ދިޔައީ މިއީ ވަރަށް ގިނަ ޒުވާނުން ވަރަށް ގިނަދުވަސް ވަންދެން އެދިއެދި ތިބިކަމެއް. މީގެ ސަބަބުން ރޭސިން އާއި ޑްރިފްޓިން ރާއްޖޭގައި ތައާރަފު ވެގެންދާނެ ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

ވަޒީރު ވަނީ މި ކުޅިވަރުތައް ގާއިމުކުރުމަށް ބިން ކަނޑައަޅުއްވައި، ވަސީލަތްތައް ތަނަވަސްކޮށްދިން ކަމަށްޓަކައި އެޗްޑީސީއަށްވެސް ޝުކުރުއަދާކުރައްވާފައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒަލް ރަޝީދު ވިދާޅުވީ އެ ކުންފުނިން މަސައްކަތް ކުރާނީ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން ކަމަށާއި، އެއްބަސްވުމުގެ ދަށުން މިނިސްޓްރީގެ އިތުރުން ދެ އެސޯސިއޭޝަނާއެކުވެސް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

"
އަޅުގަނޑަށް އަންޑަސްޓޭންޑްވޭ ކޮންކަހަލަ ސްޕޯޓެއްކަން. އަޅުގަނޑުމެން މަސައްކަތްކުރާނީ މނިސްޓްރީގެ ތެރެއިން ތި ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކަށް އެދެވޭ ހައްލެއް ހޯދުމަށް. އެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން.
ފަޒަލް ރަޝީދު - އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު

މިއީ ސަރުކާރުން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މޮޓޯރ ސްޕޯޓްސްއަށް އެކަށޭނެ ސަރަހައްދެއް ތަރައްގީކޮށްފައި ނުވާތީ ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. ރޭސިން އަދި ޑްރިފްޓް ސްޕޯޓްސް އެރީނާ ތަރައްގީކުރުމުން ރައްކާތެރި ގޮތެއްގައި މޮޓޯރ ސްޕޯޓްސްގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ލިބިގެންދާނެއެވެ.