ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންކަމަށް ބުނެ ދަޢުރުވަމުންދާ ލިސްޓަކީ އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ތަޙުޤީކޮށް ކަމާއި ގުޅުންހުރި އިދާރާތަކަށް ފޮނުވި ލިސްޓް ނޫންކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އޭސީސީން މިގޮތަށް ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުުތު ހަމަވާކަމަށް އޭސީސީން ކަނޑައަޅާފައިވާކަމަށް ބުނާ ލިސްޓެއް ސޯޝަލް މިޑިއާގައި ދަޢުރުވަމުންދާތީއެވެ. އޭސީސީން ބުނީ ދަޢުރުވަމުންދާ ލިސްޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލާ، އެއީ އޭސީސީން ފޮނުވި ލިސްޓު ނޫންކަން ޔަގީންކޮށްފައިވާކަމަށެވެ.
މި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ކޮމިޝަނުން ބަލާ، އަންޖެހޭ ފިޔަވަޅު އަޅާނެކަމަށްވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.
ކޮމިޝަނުން ބުނީ ކޮމިޝަންގެ އެއްވެސް މަސައްކަތަކަށް އެއްވެސް ފަރާތެއްގެ އެއްވެސް ނުފޫޒެއް ނޯންނާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ. އަދި ކޮމިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ ޤާނޫނު ނަގަހައްޓާ ރައްޔިތުންގެ މަސްލަޙަތު ޙިމާޔަތްކުރުމަށްކަމަށްވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ފްލެޓް ލިސްޓް އެކުލަވާލުމުގައި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަތަކަކާއި ގުޅިގެން އެ މަސައްކަތް މެދުކަނޑާލައި، މައްސަލަތައް ހައްލުކުރުމަށް އޭސީސީން ހައުސިން މިނިސްޓްރީއަށް ދެފަހަރެއްގެ މަތިން އެންގީ މިދިޔަ އަހަރު ނޮވެމްބަރުގައެވެ.
ނަމަވެސް އެކަމަށް އިޖާބަ ދީފައި ނުވާތީ، އޭސީސީން ވަނީ އެ މަސައްކަތް މަޑުޖައްސާލަން އަންގާފައެވެ. އޭސީސީގެ ތަޙުޤީގުން އެނގިފައިވާގޮތުގައި ފްލެޓް ލިބޭކަމަށް ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން %59.6 މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ.
އޭސީސީގެ ތަޙުޤީގަށް އެކުލަވާލި ލިސްޓް، އެ ކޮމިޝަނުން ވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއާއި ރައްޔިތުންގެ މަޖިލީހާވެސް ޙިއްސާކޮށްފައެވެ. ނަމަވެސް މިހާތަނަށްވެސް ފައިނަލް ލިސްޓް އާއްމުކޮށްފައެއް ނުވެއެވެ.
ފްލެޓްތަކުގެ މަސައްކަތް އިންސާފުވެރިކަމާއެކު ކުރިއަށްގެންދިއުމަށް، ސަރުކާރުން ވަނީ ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ. ގެދޮރުވެރިކަމާއި ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.އަލީ ޙައިދަރު ވިދާޅުވީ، 4000 ހައުސިން ޔުނިޓްގެ ލިސްޓާއި ގުޅޭ މަސައްކަތްތައް ވީހާވެސް އިންސާފުވެރިކަމާއިއެކު ގެންގޮސް، އެ މަސައްކަތް އަވަހަށް ނިންމާ ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އަންގާފައިވާކަމަށެވެ.