އެމްޑީޕީގެ ނުފޫޒު ޖުޑީޝަރީއަށް އޮތް މިންވަރު މިހާރުވެސް ހާމަވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވާދަކުރާ ސަރުކާރު ކެނޑިޑޭޓެއްގެ ކެމްޕެއިންގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތުން އިދިކޮޅު އެމްޑީޕީގެ ނުފޫޒު އެކޮމިޝަނުގައި ވަރަށް ބޮޑުކަމަށެވެ. އެގޮތުން އެމްޑީޕީގެ ސިޔާސީ މަސައްކަތުގައި އިސްކޮށް އުޅުއްވާ، މަޖިލިސް ރައިސް މުހައްމަދު އަސްލަމް ޖޭއެސްސީގައި އިންނަވާއިރު، އެ ކޮމިޝަނުގެ ރައީސް ހިސާން ހުސައިންއަކީވެސް އެމްޑީޕީގެ މެމްބަރެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލަ ލަސްވެގެން، އެމައްސަލަ އަަވަސްކުރަން ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވުމާއެކު، އެ މައްސަލަ ކޯޓުގައި އެޖެންޑާ ވެގެންދިއުމަކީ އެމްޑީޕީގެ ނުފޫޒު ކޯޓުތަކަށް އޮތް މިންވަރު ސާބިތުވާކަމެއްކަމަށެވެ.
"އެކަން މިސާބިތުވަނީ މީގެ ދުވަސްކޮޅެއް ކުރީން ނޫންތޯ މަޖިލީހުގެ ރައީސް ވިދާޅުވީ، ކުރީގެ ރައީސް، ރައީސް ޔާމީންގެ މައްސަލަ ލަސްވާތީ އެމައްސަލަ ޖޭއެސްސީ ބަލަން ފަށައިފި. ހަމަ އެވާހަކަ ވިދާޅުވިތާ ދެތިން ދުވަސްތެރޭ، މިހާރު އެއޮތީ މާދަމައަށް ޝެޑިއުލްކޮށްފައި. މިއޮތްހާ ދުވަހު އެބޭފުޅުން ހިފެހެއްޓެވީ ނޫންތޯ. އެބޭފުޅުން ބޭނުންވީމަ ޝެޑިއުލް އެބަކުރެވޭ' ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯޓުތައް މިނިވަންކޮށް ބޭއްވުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއްކަމަށާއި، އެ ވައުދު ފުއްދުމުގައި ދެމިހުންނަވާނޭކަމަށެވެ. އަދި ބައެއް ބޮޑެތި މައްސަލަތަކުގައި ސަރުކާރާއި ދެކޮޅަށް ކޯޓުތަކުން އަމުރާއި ހުކުމްތައް ނެރުމަކީ، ސަރުކާރުގެ ނުފޫޒެެއް ކޯޓަށް ނެތްކަން ހާމަވާކަމެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ އިތުރުން، ސަރުކާރުގެ އެއްވެސް ބޭފުޅަކުވެސް ޖުޑީޝަރީއަށް ނުފޫޒު ފޯރުވުމުގެ ގޮތުން މަސައްކަތެއް ނުކުރާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޖޭއެސްސީ މިނިވަންވާނީ ސިޔާސީ ނުފޫޒު ނެތް ބޭފުޅުން މަޖިލީހަށް އިންތިހާބުވެގެންކަމަށެވެ.