ތަޢުލީމު

ގއ.އަތޮޅު އެންމެން ގުޅިގެން ތަޢުލީމް ކުރިއަރުވަން ކުރާ މަސައްކަތް


ގއ.އަތޮޅުގެ ހުރިހާ ރަށަކުންވެސް ފެނުނީ އެންމެން ގުޅިގެން ތަޢުލީމް ކުރިއަރުވަން މަސައްކަތް ކުރާ މަންޒަރުކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވަނީ ގއ.އަތޮޅުގެ ހުރިހާ ސްކޫލަކަށް ސްކޫލްތަކަށް ޒިޔާރަތްކުރައްވާފައެވެ.

ހުވަދު އަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމް ކުރެއްވި ޒިޔާރަތުގައި އެރަށްރަށުގެ ސްކޫލްތަކަށް ވަޑައިގެން، ސްކޫލްގެ ސީނިއަރ މެނޭޖްމަންޓާއި، ޓީޗަރުންނާއި، ސްކޫލްބޯޑާއި، ޕީޓީއޭ ހިންގާ ކޮމެޓީއާއި އަދި ކައުންސިލާ ބައްދަލުކުރައްވައި، ރަށްރަށުގެ ތައުލީމީ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިނިސްޓަރ ޑރ.އައިޝަތު ޝިހާމް ވިދާޅުވީ، ރަށްރަށަށް ކުރެއްވި މި ޒިޔާރަތުން އެންމެ ބޮޑަށް ފާހަގަކުރެއްވުނު އެއްކަމަކީ ރަށްރަށުގެ ރައްޔިތުން ތަޢުލީމަށް ދެއްވާ ސަމާލުކަން ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރ ގއ.އަތޮޅަށް ކުރެއްވި މި ދަތުރުފުޅަކީ ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވާ އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް ފައްޓަވާފައިވާ ޕްރޮގްރާމްގެ ތެރެއިން ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މަޢުލޫމާތު ސްކޫލްތަކާ ހިއްސާކުރައްވާފައިވެއެވެ. އަދި ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ފެންވަރު އިތުރުކުރުމާއި ބެހޭ ގޮތުންނާއި، ސުކޫލުތަކަށް ދިމާވާ ދަތިތަކާބެހޭ ގޮތުން މަޝްވަރާކޮށް އެކަންތައްތައް ހައްލު ކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ދަސްވާރު ޕްރޮގްރާމާއި، ބީޓެކް ސްޓްރީމާއި ބެހޭ ގޮތުން ސުކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދީ، އެޑިއުކެޝަން މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ސުކޫލްތަކުގައި އެމަސައްކަތްތަކާއި ހަވާލުވެ ތިބި މުވައްޒަފުންނަށް ފޯރުކޮށްދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވެއެވެ. އަދި އެމިނިސްޓްރީ އާއި އެމްއެންޑީއެފް ގުޅިގެން ސްކޫލްތަކުގައި ކުރިއަށްގެންދާ ތަރުބަވީ ޖީލު ބިނާކުރުމުގެ ސިލްސިލާ ޕްރޮގްރާމްގެ ސެޝަންތައްވެސް އެއަތޮޅުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވަނީ ކުރިއަށްގެންގޮސްފައެވެ.