ޚަބަރު

ޔަހޫދީ ފައުޖުގެ ޓޭންކުތައް އަނެއްކާ ވެސް ޣައްޒާގެ އުތުރަށް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން އެ ސަހަރުގެ އުތުރުގެ ސަރަޙައްދުތަކަށް އަސްކަރީ ޓޭންކުތައް ފޮނުވައި, ވަރުގަދަ ޙަމަލާތަކެއް ދޭން ފަށައިފިއެވެ. ޔަހޫދީ ފައުޖުގެ ޓޭންކުތައް އަލުން ފޮނުވާފައި މި ވަނީ, މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޔަހޫދީ ފައުޖުގެ ސިފައިން ފޭބި ހިސާބުތަކަށެވެ.

މީގެ އިތުރުން, ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ވަރުގަދަ ވައިގެ ޙަމަލާތަކެއް އަމާޒު ކުރަމުންނެވެ. މި ގޮތުން, ޣައްޒާގެ މެދުތެރޭގައި އޮންނަ އަލް-މަޣާޒީ ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ޙަމަލާތަކެއްގައި 11 މީހުުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އަދި, ޣައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙުގެ ޔާބިނާ ރެފިއުޖީ ކޭޕްމަށް ބޮން އަޅައި, ހަތް މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ.

"އަޅުގަނޑުގެ ބޭބެމެން ތިބީ ދޮރުމަތީގައި މަޑުކޮށްލައިގެން. ޔަހޫދީ ފައުޖުން ޙަމަލާދީފައި ވަނީ އެ ވަގުތު. އަޅުގަނޑުގެ ބޭބެއާއި ތިމާގެ އިތުރު ކުދިންތަކެއް ޒަޚަމުވި. އަޅުގަނޑުގެ ދަރިފުޅާއި ފިރިމީހާ ވަނީ ޝަހީދު ކޮށްލާފައި. އެ މީހުން ޝަހީދު ކޮށްލާފައި ވަނީ އެއްވެސް ކުށަކާ ނުލައި،" އަލް-މަޣާރީ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ ވަފާ ޢީސާ އަލް-ނޫރީ ބުންޏެވެ.

ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުތަކުން އަރާފައި ވަނީ ޣައްޒާގެ އުތުރުގައި އޮންނަ ބަޔިތު ޙަނޫނާއި ޖަބާލިޔާ ރެފިއުޖީ ކޭމްޕަށެވެ. އެ ސަރަޙައްދުތަކަށް އަރައި, މަދަރުސާތައް ވަށައިލުމަށް ފަހު, ރަޙުމު ކުޑަ ޙަމަލާތަކެއް ދެމުންދާ ކަމުގައި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން ބުނެއެވެ. އެ މަދަރުސާތަކުގައި ތިބީ, ޔަހޫދީންގެ ޙަމަލާތަކުގައި ގެދޮރު ސުންނާފަތި ކޮށްލާފައިވާ ޢާއިލާތަކެވެ. އެ ސަރަޙައްދުތަކުން ޔަހޫދީ ފައުޖުން ވަނީ އިންޓަރނެޓުގެ ޚިދުމަތް ވެސް ކަނޑައިލާފައެވެ.

މީގެ ތެރެއިން ބަޔިތު ޙަނޫނަކީ, އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި އެންމެ ފުރަތަމަ އެއްގަމު މަގުން އެރި ސަރަޙައްދެވެ. 60,000އެއްހާ މީހުން ދިރިއުޅޭ ބަޔިތް ޙަނޫން ރެފިއުޖީ ކޭމްޕުގެ ބޮޑު ސަރަޙައްދެއް މިހާރު އޮތީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ. ޔަހޫދީ ފައުޖުން އެ ސަރަޙައްދުތަކަށް އަލުން އަރާފައި މި ވަނީ, އެ ސަރަޙައްދުގެ އަހުލުވެރިން އެނބުރި ގެދޮރަށް ދާން ފެށުމާ ގުޅިގެންނެވެ.

ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ޣައްޒާ ސިޓީގައި ދަތުރު ކުރަމުން ދިޔަ ފުލުހުންގެ އުޅަނދަކަށް ވެސް ޔަހޫދީ ފައުޖުން ޙަމަލާ ދީފައިވާ ކަމުގައެވެ. އަދި, އެ ޙަމަލާގައި ފުލުހުންގެ ހަތް މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީ ފައުޖުން ވަނީ އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕަށް ވެސް ވަރުގަދަ ވައިގެ ޙަމަލާތަކެއް ދީފައެވެ.

އދގެ އިންސާނީ ޙައްޤުތަކާ ބެހޭ އޮފީހުން ބުނީ, ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަން މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު އެ ސަހަރަށް އެތެރެ ކުރަން ޔަހޫދީ ފައުޖުން އަދިވެސް ހުރަސް އަޅަމުންދާ ކަމުގައެވެ. މިއީ, އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ ކުށެއް ކަމުގައި އެ އޮފިޙުން ބުންޏެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33,843އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 76,575އަށް އުފުލިފައެވެ.