ޚަބަރު

ސަރުކާރުން ދެއްވި ޔަގީންކަމާއެކު ނިމުނު ރަމަޟާންމަހު ބާޒާރުގައި ތަކެތި ތިޔާގިވެ އަގު ހިފެހެއްޓުނު


  • ޒަރޫރީ ހުރިހާ ބާވަތެއްވެސް ހުސްނުވެ ލިބުނު

  • އަގުތައް ހުރީ އެއް ހަމައެއްގައި ހިފެހެއްޓިފައި

  • ސަރުކާރުން މިކަމުގެ ޔަޤީންކަންވެސް ދެއްވި

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ ބާޒާރުގައި ކާބޯތަކެތީގެ އަގު ބޮޑުތަނުން އުފުލިގެންދާ މަހެކެވެ. މިކަމުގެ ކަންބޮޑުވުން އާންމުން އެކިގޮތްގޮތަށް ފާޅުކުރެއެވެ. ނަމަވެސް މިއަހަރުގެ ރަމަޟާންމަސް ފެނިގެންދިޔައީ މިއާއި މުޅިން ހިލާފަށެވެ.

ކޮންމެ އަހަރެއްގެ ރަމަޟާންމަހުވެސް ކާބޯތަކެތީގެ އަގުތައް އުފުލި ބައެއް ތަކެތި ބާޒާރުން ނުލިބުމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ. އެގޮތުން ފިޔާ ބިސް އަލުވި ފަދަ އަސާސީ ބައެއް ތަކެތި ބާޒާރުން ހުސްވުމާއި މިރުހާއި އެނޫންވެސް ބައެއް ބާވަތްތަކުގެ އަގުތައް އުފުލިގެންދިއުމަކީ އާންމުންގެ ކަންބޮޑުވުމެކެވެ.

މިއަހަރުގެ ރަމަޟާންމަސް ފެށުމުގެ މާކުރިންވެސް ސަރުކާރުން ބުނަމުން ދިޔައީ މިއީ އެހެން އަހަރުތަކާއި ޚިލާފަށް ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓިގެންދާނެ މަހަކަށް ވެގެންދާނެކަމަށެވެ. އަދި ދުރާލާ އެކަމާއި ގުޅޭ ފިޔަވަޅުތަކެއްވެސް ސަރުކާރުން ވަނީ އަޅުއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ މި ރަމަޟާންމަހަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހުސްނުވެ ލިބި އަދި އަގުތައް އުފުލިގެން ނުދިޔައީ ދުރާލާ ކުރެއްވި މަސައްކަތުގެ ނަތީޖާއިންކަމަށް ވިދާޅުވެފައެވެ.

އެއީ އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވި އަމާޒު. ރަމަޟާންމަހު ރައްޔިތުންނަށް ލުއިފަސޭހަކޮށް ކާބޯތަކެތިގެ ކަންކަން ހަމަޖައްސައިދިނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަމަޟާންމަސް ފެށުމުގެ ކުރިން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދުވެސް ވިދާޅުވެފައި ވަނީ ރަމަޟާންމަހު ކާބޯތަކެތީގެ އަގު މައްޗަށް ނުދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށާއި އެކަން ކަށަވަރުކުރުމަށް ރައީސްގެ އެދިވަޑައިގަތުމާއެކު މަސައްކަތްތައް ކުރައްވަމުން ގެންދެވިކަމަށެވެ. އެގޮތުން ރައީސް އޮފީހުގެ ބެއްލެވުމުގެ ދަށުން އެ ވުޒާރާއާއި އެސްޓީއޯއާއެކު ވޯކިން ކޮމިޓީއެއް އުފައްދަވާއި މަސައްކަތްތައް ކުރައްވަމުން ގެންދެވިކަން އޭރު ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ރަމަޟާންމަހަށް ޚާއްސަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވަނީ ބައެއް ތަކެތި ގެނެސް ހެޔޮއަގުގައި ވިއްކާފައެވެ. އެގޮތުން އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކާފައިވަނީ 50 ރުފިޔާއަށެވެ. ރަމަޟާންމަސް ފެށުމުގެ ކުރިން 20 ރުފިޔާއަށް ވިއްކަމުންއައި ފިޔާ ކިލޯއެއްގެ އަގު 17 ރުފިޔާއަށް އަދި ކުރިން 450 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ބަސްތާއެއްގެ އަގުވަނީ 320 ރުފިޔާއަށްވެސް ވަނީ ކުޑަކޮށްފައެވެ.

ފިޔާގެ އިތުރުން އެސްޓީއޯއިން އަލުވި އަދި ބިހުގެ އަގުވެސް ވަނީ ރަމަޟާންމަހާއި ދިމާކޮށް ހެޔޮކޮށްފައެވެ. އެގޮތުން އަލުވި ކިލޯއެއް ވިއްކާފައިވަނީ 15 ރުފިޔާއަށެވެ. އަދި ބިހެއް 1 ރުފިޔާ 75 ލާރީގެ މަގުން ވިއްކާފައެވެ.

މީގެއިތުރުންވެސް ބާޒާރުން އާންމުކޮށް ގަންނަ ބައެއް ބާވަތްތައްވެސް ރަމަޟާންމަސް ފެށި 6 ރޯދަ ނިމެންދެންވެސް ވަނީ އެއް އަގެއްގައި ހިފެހެއްޓިފައެވެ. އަދި ތަކެތި ބާޒާރުން ހުސްވެ ނުލިބިގެން އުޅޭކަށްވެސް ނުޖެހުނެވެ. އާންމުކޮށް އެންމެ ބޮޑަށް އަގު އުފުލިގެންދާ މިރުހާއި ކަރާގެ އަގު ވަރަށް ބޮޑަށްވެސް ހިފެހެއްޓިފައި ހުރިކަން ފާހަގަވިއެވެ. އެގޮތުން 100 ގްރާމްގެ މިރުސް ރަމަޟާންމަހު ބާޒާރުގައި ހުރީ 20 ރުފިޔާ 25 ރުފިޔާއަށެވެ. މީގެކުރިން ރަމަޟާންމަހު މިރުހުގެ އަގު 100 ރުފިޔާއަށްވެސް އަރައިގެން ދިޔައެވެ. ކަރާގެ އަގު ބާޒާރުގައި ހުރީ30 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.

މި ސަރުކާރުގެ އަމާޒުހުރީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތާއެކު، ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު އަދި އަސާސީ ކަންކަމަށް އިސްކަންދެއްވައިގެން އެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށެވެ. ރައީސްގެ ޖަވާބު ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކުރިއަށް އޮތް މުސްތަޤްބަލުގައި މެދު ރާސްތާ އަދި ދުރު ރާސްތާގެ ޕްލޭންއަކީ ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތެއް ރާއްޖޭގައި އުފެއްދޭގޮތް ގާއިމްކޮށް، ފުޑު ސެކިއުރިޓީ ޔަޤީންކުރުންކަމަށެވެ.