ޚަބަރު

ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމާގުޅޭ


ސިވިލް ސަރވިސް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދެއްވުން އަވަސްކުރެއްވުމާ ގުޅޭގޮތުން ސަރުކާރާއިއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މިހެން ވިދާޅުވީ ސިވިލް ސަރވިސް ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ. ސިވިލް ސަރވިސް ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ދެއްވި ޚިތާބުގައި ވިދާޅުވީ ސިވިލް ސަރވިސްގެ އާންމު އޮނިގަނޑުގައި ތިބި މުވައްޒަފުންނަށް މުސާރައާ އިނާޔަތުގެ ކުރިއެރުމެއް ނުލިބޭތާ 7 އަހަރުވެފައި ވާކަމަށެވެ. އެހެންކަމުން އެފަދަ ކުރިއެރުމެއް ވީހާއަވަހަކަށް ދެވޭތޯ ސަރުކާރާއިއެކު މަޝްވަރާ ކުރަމުން ގެންދަވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެކޮމިޝަނުން ސިވިލް ސަރވިސް މުވައްޒަފުންގެ ކުރިމަގު އުޖާލާ ކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންނަށް މަތީތަޢުލީމުގެ ފުރުސަތު ހޯދައިދެއްވުމަށް "ސްޓަޑީލޯން" ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމަށް ޤައުމީ ބޭންކާއިއެކު މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ.

މީގެއިތުރުން ސިވިލް ސަރވިސް މުވައްޒަފުންނަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލުލިބޭނެފަދަ "ހައުސިންގ ސްކީމެއް" ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްޞަކޮށް ސަރުކާރުން ފައްޓަވައިދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ޑރ. ޝަމީމްގެ ޚިތާބުގައި ވިދާޅުވިއެވެ. ސިވިލް ސަރވިސްގެ ޚިދުމަތްތައް ކުރިއަރުވައި ހިންގުން ހަރުދަނާކުރުމާއި، ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންކަން ދިރާސާކޮށް މަޝްވަރާ ކުރުމަށް ބާއްވާ 2 ވަނަ ސިވިލް ސަރވިސް ކޮންފަރެންސް، މިމަހުގެ 11 އިން 12 އަށް ބޭއްވުމަށް ތައްޔާރުވަމުން ގެންދަވާކަމަށް އެކޮމިޝަނުން މަޢުލޫމާތުދެއްވައެވެ. ދިވެހި ސިވިލް ސަރވިސް ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ މެއިމަހުގެ 1 ވަނަ ދުވަހެވެ. މިއަދަކީ މިނިވަން މުސްތަޤިއްލު ޚިދުމަތެއްގެގޮތުގައި ސިވިލް ސަރވިސް ކޮމިޝަންގެ މަސައްކަތްތައް ފެއްޓެވިތާ 8 އަހަރު ފުރުނު ދުވަހެވެ.