ޚަބަރު

އަންޑަމަން އައިލެންޑްސްއަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރޭ: މެޓް


  • ބިން ހެލުން އައިސްފައިވަނީ ރޭ ފަތިހު 4:01 ގައި

  • ބިންހެލުން އައިސްފައިވަނީ 5.1ގެ ބާރުމިނުގައި

އަންޑަމަން އައިލެންޑްސް، އިންޑިޔާ ސަރަހައްދަށް ރޭ ފަތިހު އައި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކޮށްފައިނުވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

ރިކްޓަރ މިންގަނޑުން 5.1ގެ ބާރުމިނުގައި މިބިން ހެލުން އައިސްފައިވަނީ ހދ. ހަނިމާދޫއާ 2250 ކިލޯ މީޓަރު ދުރުން ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ. މިބިންހެލުން އައިސްފައިވަނީ މިއަދު ފަތިހު 4:01 ގައެވެ.

މިދުވަސްވަރު ރާއްޖޭގެ އެކިހިސާބަށް އަންނަނީ ވިއްސާރަކުރަމުންނެވެ. މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއި ގުގުރުން އެކަށީގެންވެއެވެ. އެހެންނަމަވެސް ހުރިހާ ހިސާބަކަށްވެސް އާދައިގެ ވަރަކަށް ވައި މަޑުވެ ކަނޑުތައްވެސް މަޑުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ. އެހެންނަމަވެސް ދިޔަވަރު ބޮޑުވާ ވަގުތު ރާއްޖޭގެ އެކިހިސާބަށް އުދަ އެރުން އެކަށީގެންވާކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރިގޮތުގައި މިހާރު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރަމުންދަނީ ދެމޫސުން ބެދޭތީ ކުރާ ވިއްސާރަ ކަމަށެވެ.

މިމަހުގެ 18އިން ފެށިގެން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެކަމަށާއި ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރުކުރާނެކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ހާމަކޮށްފައެވެ.