ތަޢުލީމު

ފިޝް ކޭމްޕްގެ ބައިވެރިންނަށް މުހިންމު މަޢުލޫމާތު ސެޝަންތަކެއް


މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ގދ. ތިނަދޫގައި ބާއްވަވާ ފިޝް ކޭމްޕްގެ ތެރެއިން ކަނޑުމަތީ ޙާދިސާތަކުގައި ޢަމަލުކުރަންވީ ގޮތާއި، ރަށްރަށުގައި އުފެދިފައި ހުންނަ ކުޅިއާއި ޗަސްބިންތަކާބެހޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވަވައިފިއެވެ.

މިއީ، ފިޝަރީޒް މިނިސްޓްރީން މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް ބާއްވަވާ 7 ވަނަ ކޭމްޕެވެ. މި ކޭމްޕްގައި ގދ.އަތޮޅުގެ އެކި ސްކޫލްތަކުން 34 ދަރިވަރުން ބައިވެރިވެއެވެ.

މި ކޭމްޕްގައި ކަނޑުމަތީ ސަލާމަތާ ރައްކާތެރިކަމަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމަށް ކުރިޔަށްގެންދިޔަ ސެޝަނުގައި ކަނޑުމަތީ ހާދިސާތަކުން ރައްކާތެރިވެ ތިބޭގޮތާއި، އަމަލުކުރަންވީ ގޮތްތަކާއި ސަލާމަތީގޮތުން ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ. އެގޮތުން އެފަދަ ހާދިސާތަކުގައި ކަންތައްކުރަންވީ އިރުޝާދުތައްވެސް ވަނީ ދަރިވަރުންނާ ހިއްސާކޮށްފައެވެ.

img:http://s2.psmnews.mv/images/660x400/14620385659826.jpg|ހަތްވަނަ ފިޝް ކޭމްޕްގެ ތެރެއިން- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މީގެ އިތުރުން މެންގްރޫވްސްގެ ސަބަބުން ތިމާވެއްޓަށް ލިބޭ ފައިދާތަކާއި، އޭގެ ބޭނުންތެރިކަމާ މާހައުލާއި ބެހޭގޮތުން ވަނީ މަޢުލޫމާތު ދީފައެވެ. މި ސެޝަން ކުރިޔަށްގެންގޮސްފައިވަނީ، ގދ ހޯޑެއްދޫގައި ހުންނަ ކުޅިއަށް ގޮސް އަމަލީގޮތުން ކުދިން ބައިވެރިކޮށްގެންނެވެ.

މި ކޭމްޕްގައި ބައިވެރިވާ ދަރިވަރުން ބުނީ، މިފަދަ ކޭމްޕަކީ މެރިން ސައިންސް ކިޔެވުމުގައި ބޮޑު އެހީތެރިކަމެއް ލިބިގެންދާ ކޭމްޕެއްކަމަށެވެ. މި ކޭމްޕްގައި ދަރިވަރުންނަށް މަޢުލޫމާތު ދެއްވަނީ، އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އޮފިސަރުންނާއި މިނިސްޓްރީގެ ކަމާބެހޭ ތަޖުރިބާކާރުންނާއި މަސްވެރިކަމުގެ ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ތަފާތު އެކި ފަރާތްތަކުގެ އިތުރުން މިނިސްޓްރީގެ ދަށުން ހިންގާ މެރިން ރިސާޗް ސެންޓަރުގެ ބޭފުޅުންނެވެ.