ޚަބަރު

ޖަޒީރާ ޓެލެގްރާމް ޗެނަލްގެ މައްސަލައިގަ އިތުރު މީހަކު ހައްޔަރުކޮށްފި


  • މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 60 އަހަރުގެ ފިރިހެނެއް

  • ކޯޓުންވަނީ އޭނާގެ ބަންދުގެ މުއްދަތު 2 ފަހަރެއްގެ މަތިން އިތުރުކޮށްދީފަ

  • މި މައްސަލައިގަ މީގެކުރިން 2 މީހަކު ހައްޔަރުކޮށްފައިވޭ

ފުޅާ ދާއިރާއެއްގަ ކުށުގެ އަމަލުތައް ހިންގުމަށް ޖަޒީރާގެ ނަމުގައި ބޭނުންކުރަމުންއައި ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ތުހުމަކުރެވޭ އިތުރު މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުންގެ ޚިދުމަތުން ފާހޖަގަކޮށްފިއެވެ.

މަޢުލުމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި މާޗް މަހުގެ 30 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރި ހިންގުމަށް ބޭނުންކުރަމުންދިޔަ ޓެކްސީގެ ޑްރައިވަރެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، އެ މައްސަލައިގަ ހައްޔަރުކުރީ 60 އަހަރުގެ ފިރިހެނެއްކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ ހަފަރެއްގެ މަތިން 30 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްދީފައިވާކަމަށެވެ. އަދި މި މައްސަލަ ތަޙުޤީގުކުރަމުންގެންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުޅާ ދާއިރާއެއްގަ ކުށުގެ އަމަލުތައް ހިންގުމަށް ޖަޒީރާގެ ނަމުގައި ބޭނުންކުރަމުންއައި ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ތުހުމަކުރެވޭ ގިނަ އަދަދެއްގެ މީހުން އެބަތިބިކަމަށާއި އެފަދަ މީހުންގެ އެކައުންޓްތަކުން މިލިޔަނުން ފައިސާގެ ޓްރާންސެކްޝަންތައް ހަދާފައިވާކަން ފުލުހުންގެ ތަހުޤީގަށްވަނީ ހާމަވެފައެވެ.

މި މައްސަލައާ ގުޅިގެން 4 ތަނެއް ބަލާފާސްކޮށް މީގެ ކުރިން 28 އަހަރުގެ ފިރިހެނަކާއި، 39 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ހިންގަމުން ގެންދިޔަ މިޗެނެލަކީ ރާއްޖޭގައި މިހާތަނަށް މިފަދަ އަމަލުތައް ހިންގުމަށް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރި ޗެނަލްކަމަށާއި، ޑިސެމްބަރު މަހުން ފެށިގެން ފެބުރުވަރީ މަހާއި ދޭތެރޭ ވަރަށް ބޮޑަށް ޗެނަލް ބޭނުންކުރި މިންވަރު އިތުރުވެފައިވާއިރު، ޗެނަލްތައް ފޮލޯކުރާ މީހުންގެ އަދަދު 7000 އަރާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ އެކެއްގެ އެކައުންޓުން އަނެކެއްގެ އެކައުންޓްތަކަށް ބޮޑެތި އަދަދުން ފައިސާ ޓްރާންސްފަރ ކޮށްފައިވާކަން ތަޙުޤީގަށް ހޯދިފައިވާކަންވެސް ފުލުހުންވަނީ ހާމަކުރައްވާފައެވެ.