ކުޅިވަރު

އޭދަފުށި ފުޓްސަލް ކަޕް: ސީސީ އާއި ޗެމްޕިއަން އެފްރޯ ފައިނަލަށް


ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" ގެ ފައިނަލަށް ސީސީ ސްޕޯޓްސް ކުލަބާއި އެންމެ ފަހުގެ ޗެމްޕިއަން އެފްރޯ ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗު ސީސީ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރީ ޔުނައިޓެޑް ވީ އަތުން 9-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ސީސީ ސްޕޯޓްސް ކުލަބުގެ އަލީ ފާސިރު (ސެންޓޭ) ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި އެ ޓީމުގެ މުއާޒް އަލީ އާއި، ކެޕްޓަން އަޙްމަދު އައިހަމް (އައިހޫ)، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. ދެން މި މެޗުގައި ސީސީ ސްޕޯޓްސް ކުލަބުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ އުނައިސް ޒުބައިރާއި، ނާއިޒް ހަސަން (ދާދު) އެވެ. މި މެޗުގައި ޔުނައިޓެޑް ވީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނިޝާމް މުޙައްމަދު ރަޝީދާއި، މުޙައްމަދު ހައްމާދާއި، ހަމްޒާ މުޙައްމަދު (ހަމްޕު) އަދި އަޙްމަދު އަޝްރަފް ޔޫސުފް (ސޮބީ) އެވެ.

މީގެ އިތުރުން މި މުބާރާތުގެ ފައިނަލުގެ ޖާގައެއް އެފްރޯއިން ހޯދީ މިރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި މުރިންގް އެފްސީ އަތުން 5-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އެފްރޯއިން ދެ ލަނޑު ކާމިޔާބުކުރިއިރު، މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ ހައިޝަން ހަސަނެވެ. އަދި މެޗުގެ 19 ވަނަ މިނެޓުގައި އަލީ މާއިސް (މައްޓު) ވަނީ އެފްރޯއަށް ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގެ ދެވަނަ ހާފު ފަށައިގެން މުރިންގް އެފްސީން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި އިބްރާހީމް ސިމާހު ވަނީ އެ ޓީމަށް ފަރަގު ކުޑަކޮށްދީފައެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން އެފްރޯއިން އަލުން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ މުރިންގުގެ އިސްމާޢީލް ޝަރީފް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ މިނެޓެއް ފަހުން ހުސެއިން ޝަރީފް އެފްރޯގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ފަހު ވަގުތުގައި އެ ޓީމުގެ ފަސްވަނަ ލަނޑު ޖަހައިދިނީ ހާފިޒް އަޙްމަދެވެ.

މި ނަތީޖާއާއެކު ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލް މެޗުގައި ސީސީ އާއި އެފްރޯ ބައްދަލުކުރާއިރު، މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް މި ދެ ޓީމުގެ ކުރިމަތިލުމެއް ފެނިގެންދިޔައެވެ. އަދި އެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.