ޚަބަރު

"ގުޅިފަޅާއި ގިރާވަރު ފަޅުގެ ލޭންޑް ޔޫސް ޕްލޭން މިހާރު މާ ފުރިހަމަ"


  • މިދިޔަ ސަރުކާރުން ލޭންޑް ޔޫސް ޕްލޭން ހަދާފައިވަނީ ބިނާވެށި ޕްލޭނާ ޚިލާފަށް

  • އައު ލޭންޑް ޔޫސް ޕްލޭންތަކުގައި ސްކޫލަށް 10 މިނެޓުން ހިނގާފައިދެވޭ

  • އައު ލޭންޑް ޔޫސް ޕްލޭންތަކުގައި މިސްކިތަށް 5 މިނެޓުން ހިނގާފައިދެވޭ

ނިމިދިޔަ ސަރުކާރުގެ ދައުރު ނިމެން ގާތްވެފައިވަނިކޮށް ސަރުކާރުން އިޢުލާނުކުރެއްވި ބިންވެރިޔާ ސްކީމްގެ ދަށުން ގިނަ އަދަދެއްގެ ރައްޔިތުންތަކަކަށް ގޯތި ދިނެވެ. ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ 9000 ވުރެ ގިނަ ރައްޔިތަކަށް ގޯތި ދިނުމަށް އޭރު ވަނީ ނިންމަވާފައެވެ. މި ސްކީމްގެ ދަށުން ގޯތި ދެނީ ހުޅުމާލޭގެ ދެވަނަ އަދި ތިން ވަނަ ފިޔަވަހިންނާއި ގިރާވަރުފަޅާއި ގުޅީފަޅުންނެވެ.

އެގޮތުން ހުޅުމާލެއިން 1351 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު ގުޅީފަޅުން 2218 ބިން ދޫކުރުމަށް ވަނީ ނިންމާފައެވެ. އަދި ގިރާވަރު ފަޅުން ދޫކުރުމަށް ނިންމާފައިވަނީ 5432 ގޯއްޗެވެ. އެ ގޯތިތައް އަވަސް އަރުވާލައިގެން މިދިޔަ އަހަރުގެ އޮގަސްޓު މަހު ގުރުއަތުލުން ނިންމާ ރައްޔިތުންނަށް ގޯތިތައް ބަހާލިއެވެ.

މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރީގެ ސަރުކާރުން ގިރާވަރުފަޅާއި ގުޅީފަޅުން ގޯތި ދީފައިވަނީ ރަނގަޅު ފުރިހަމަ ލޭންޑް ޔޫސް ޕްލޭނެއް ނުހަދާ ކަމަށްވިދާޅުވެ އެކަން ރަނގަޅުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ގޯތިތަކެއް ދީފައިވަނީ ދިރިއުޅޭ ތަނަކުން ފޯރުކޮށްދެންޖެހޭ އަސާސީ ޚިދުމަތްދޭ ތަންތަނަށް ބިން ކަނޑަނާޅާ ހަމަ ގޮޅިތަކެއް ކުރަހާލާފައިކަން ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.

ގިރާވަރުފަޅާއި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑިރެކްޓަރ ފާތިމަތު ޝާހީން ވިދާޅުވީ ނިމިދިޔަ ސަރުކާރުން ގިރާވަރުފަޅާއި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ހަދާފައިވާ ގޮތުން އެއީ ލޭންޑް ޔޫސް ޕްލޭނެކޭ ވެސް ނުދެންނެވޭނެ ކަމަށެވެ.

އެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލާފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ބިނާވެށި ގަވައިދާ ޚިލާފަށް ކަމަށާއި، ބިނާވެށި ޤަވައިދަކީ ލޭންޑް ޔޫސް ޕްލޭން ހަދާއިރު ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ގަވައިދެއްކަމަށް ޝާހީން ވިދާޅުވިއެވެ. ލޭންޑް ޔޫސް ޕްލޭންތަކުގައި އެކަށީގެންވާ މިންވަރަށް ގްރީން ސްޕޭސްވެސް ހިމަނާފައިނުވާއިރު، ސިނާޢީ މަސައްކަތްކުރާ ތަންތަނާއި މީހުން ދިރިއުޅޭ ސަރަހައްދުތަކާ ދެމެދު ދުރުމިން ހުންނަންޖެހޭ މިންވަރަށް، ޖާގަނެތްކަން ކުރީގެ ލޭންޑް ޔޫސް ޕްލޭންތަކުން ފާހަގަވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"
އާބާދީއާ އެކަށިގެންނުވާ މިންވަރަށް ކުޑަ ޖާގައިގެ ތަނަކުން ގޯތި ދީފައިވަނީ. މަގުތައްވެސް ފުޅާލެއް ނޫން. ރައްޔިތުންނަށް ހިނގާލާފައިދެވޭ ހިސާބުގައި މިސްކިތެއް ސްކޫލެއްވެސް ކުރީގެ ލޭންޑް ޔޫސް ޕްލޭންތަކުގައި ހިމަނާފައިނުވޭ
ފާތިމަތު ޝާހީން

ގުޅީފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕެލޭނާއި މިހާރުގެ ޕްލޭންގެ ތަފާތު

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި ގުޅީފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕެލޭނުގައި ސިނާޢީ މަސައްކަތްކުރާ ސަރަހައްދާއި މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދު 100 ފޫޓުގެ ދުރުމިންވެސް ނެތެވެ. އަދި ރައްޔިތުންނަށް ޢާންމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް މީހުން ދިރިއުޅޭ ސަރަހައްދާ ދުރުކަމަށް ވެސް ފާހަގަކޮށްފައިވެއެވެ. އަދި އެކަށީގެންވާވަރަށް ކުޅިވަރު ކުޅޭނެ ތަންތަނާއި ޕާކުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިމަނާފައިނުވެއެވެ. މީގެ އިތުރުން ގްރީން ސްޕޭސްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެންމެ 8 އިންސައްތައެވެ.

އެހެންނަމަވެސް މިހާރު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންގައި ބިމުގެ 21 އިންސައްތަ ކަނޑައަޅާފައިވަނީ ޕާކުތަކަށާއި ގްރީން ސްޕޭސްތަކަށެވެ. އަދި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ސްކޫލުތަކާއި ހުންނަނީ 10 މިނެޓުން ހިނގާފައިވާ ދެވޭވަރުގެ ދުރުމިނެކެވެ. އަދި މިސްކިތްތަކާ ދެމެދު ހުންނަނީ 5 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެކެވެ. އަދި މި ލޭންޑް ޔޫސް ޕްލޭނުގައި މުޅި ގުޅީފަޅުގައި ވެހިކަލް ޕާކުކުރުމަށް 70،000 ޕާކިން ސަރަހައްދު ކަނޑައަޅާފައިވެއެވެ.

ގިރާވަރުފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕެލޭނާއި މިހާރުގެ ޕްލޭންގެ ތަފާތު

ގިރާވަރުފަޅުގެ ކުރީގެ ލޭންޑް ޔޫސް ޕެލޭނުގައި ރައްޔިތުންނަށް ޢާންމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން އާބާދީއަށް އެކަށީގެންވާ މިންވަރަށް ހިމަނާފައިނުވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެކަށީގެންވާ މިންވަރަށް ކުޅިވަރު ކުޅޭނެ ތަންތަނާއި ޕާކުތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހިމަނާފައިނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ. ހަމައެއާއެކު ރައްޔިތުންނާއި ސްޓޭކްހޯލަޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދާފައިނުވާކަމަށާއި ކަމާބެހޭ އޮތޯރިޓީތަކުން ޕްލޭން އެޕްރޫވްކޮށްފައިނުވާކަން ވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. އަދި ގިރާވަރުފަޅުގައި ގްރީން ސްޕޭސްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބިމުގެ އެންމެ 8 އިންސައްތައެވެ.

އެހެންނަމަވެސް މިހާރުގެ ލޭންޑް ޔޫސް ޕްލޭންގައި ބިމުގެ 18 އިންސައްތަ ވަނީ ގްރީން ސްޕޭސްތަކަށް ޚާއްސަ ކޮށްފައެވެ. އަދި މި ޕްލޭންގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުން ސްކޫލުތަކާއި ހުންނަނީ 10 މިނެޓުން ހިނގާފައިވާ ދެވޭވަރުގެ ދުރުމިނެކެވެ. އަދި މިސްކިތްތަކާ ދެމެދު ހުންނަނީ 5 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެކެވެ. އަދި މި ލޭންޑް ޔޫސް ޕްލޭނުގައި ޕާކުކުރުމަށް ކަނޑައަޅާފައިވަނީ 31،359 ޖާގައެވެ.

ގިރާވަރުފަޅުން ޖުމްލަ ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގިރާވަރުފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާފައެވެ. އަދި ކުރީ ސަރުކާރުން ގުޅީފަޅުން ހިއްކަން ހަވާލުކުރީ 150 ހެކްޓަރުގެ ބިމެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގުޅީފަޅުން އިތުރު 85 ހެކްޓަރު ހިއްކަވާނެކަން އިޢުލާނުކުރައްވާފައެވެ.

ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުޞަތު ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މި ގޯތިތައް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވަނީ ގިރާވަރުފަޅުން ހިއްކާ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ނެތި، ގޯތިތައް ދޫކޮށްފައިހުރުމުންކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މިދިޔަ ސަރުކާރުން ގޯއްޗާއި ފުލެޓު ދިން އެންމެހާ ފަރާތްތަކަށްވެސް ފުލެޓާއި ގޯތި ދޭނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު މީގެ ކުރިން ވިދާޅުވެފައިވަނީ ގޯތި ދޭއިރު، ގޯތި ދޭ ތަންތަން ބަދަލުވެދާނެ ކަމަށެވެ. އަދި އެއީ މިދިޔަ ސަރުކާރުން ރަނގަޅު ލޭންޑް ޔޫސް ޕްލޭނެއް ހަދާފައިނެތުމުން، ލޭންޑް ޔޫސް ޕްލޭން ހަދާއިރު ގޯތީގެ ލޮކޭޝަން ބަދަލުތަލެއް އަންނާނެތީކަން ވަޒީރު ވަނީ ވިދާޅުވެފައިވެއެވެ.