ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކުރައްވައިފި


  • ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް 5 މެމްބަރުން އައްޔަންކުރެއްވި

  • ރައީސަކަށް އައްޔަންކުރެއްވީ އަލްއުސްތާޛު އިސްޙާޤު ޙުސައިން

  • ނައިބު ރައީސަކަށް އައްޔަންކުރެއްވީ އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކުރައްވައިފިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މެމްބަރުން ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ރައީސްކަމުގެ މަޤާމަށް އައްޔަންކުރެއްވީ ޏ.ފުވައްމުލައް، ދަޑިމަގު. ގްލޯރީގެ އަލްއުސްތާޛު އިސްޙާޤު ޙުސައިނެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށާއި ނައިބު ރައީސްކަމަށް، އައްޔަންކުރައްވާފައި ވަނީ ޅ.ހިންނަވަރު، ހިޔާވަހި އަލްއުސްތާޛާ ފާޠިމަތު މަހީރާ މުޙައްމަދެވެ.

މީގެއިތުރުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށްވަނީ ހުޅުމާލެ ހިޔާ 04-21-8 އަލްއުސްތާޛާ ޝަހީމާ ސަލީމާއި، ގއ.ގެމަނަފުށި، ފެހިކުރި އަލްއުސްތާޛާ އިޝާރާ ޢަބްދުލްޢަޒީޒާއި، ދަފްތަރު ނަންބަރު ދރ 265 އަލްއުސްތާޛާ ސައުސަން ޢަލީ އައްޔަންކުރައްވާފައެވެ.

މިބޭފުޅުންނަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިނެވެ.