ޚަބަރު

ހުޅުމާލޭގައި 2 މިސްކިތް ބިނާކުރަން ބިން ހަވާލުކޮށްފި


  • މިސްކިތް ބިނާކުރަން ބިން ދޫކުރީ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހިން

  • ދެވަނަ ފިޔަވަހިން ދޫކުރީ 27،920 އަކަފޫޓުގެ ބިމެއް

  • ތިންވަނަ ފިޔަވަހިން ދޫކުރީ 21،952 އަކަފޫޓުގެ ބިމެއް

ހުޅުމާލޭގައި 2 މިސްކިތް ބިނާކުރުމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކޮށްފިއެވެ.

ބިން ހަވާލުކޮށްފައިވަނީ ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ބިނާކުރާ މިސްކަތަށާއި، ހުޅުމާލޭ 3 ވަނަ ފިޔަވަހީގައި ބިނާ ކުރާ މިސްކިތަށެވެ. މިސްކިތް ބިނާކުރުމަށް ހުޅުމާލޭ 2 ވަނަ ފިޔަވަހިން ދޫކުރީ 27،920 އަކަފޫޓުގެ ބިމެކެވެ. އަދި ހުޅުމާލޭ 3 ވަނަ ފިޔަވަހިން ދޫކުރީ 21،952 އަކަފޫޓުގެ ބިމެކެވެ.

މިސްކިތް ބިނާކުރުމަށް ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

ހުޅުމާލެ ފޭސް 2ގައި ދާއިމީ މިސްކިތެއް މިދިޔަ މަރޗްމަހުގެ ތެރޭގައިވަނީ ހުޅުވާފައެވެ. މީގެ އިތުރުން ފޭސް 2 ގައި މިހާރުވެސް 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.