ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީދޭން ފަށައިފި


ކޯސްޓްލައިން ހާޑްވެއަރގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ގެއްލުންލިބުނު ފަރާތަކަށް ސަރުކާރުން ދެއްވާ އެހީގެ ފައިސާއާއި، ކޯސްޓްލައިން ހާޑްވެއަރ އަދި ހެޔޮއެދޭ އަމިއްލަ ފަރާތަކުން ހަދިޔާކުރި ފައިސާ ހިމެނޭހެން ތިން މިލިޔަނަށްވުރެ ގިނަ ރުފިޔާގެ އެހީ އެފަރާތްތަކާ ޙަވާލުކުރެއްވުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާއި ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ފަށްޓަވައިފިއެވެ.

މި އޭޕްރީލް މިމަހުގެ އަށާރަވީ ހޯމަދުވަހު ހަވީރު، މާފަންނު އޯޝަންލީޑްގައި ހުންނަ ކޯސްޓްލައިންގެ ފިހާރައިގައި ހިނގި އަލިފާނުގެ ޙާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީގެގޮތުގައި ސަރުކާރުން ދެއްވަން ނިންމެވީ 2.6 މިލިއަން ރުފިޔާއެވެ. އަދި ކޯސްޓްލައިންގެ ފަރާތުން އެއްމިލިޔަން ރުފިޔާ ދެއްވުމަށް ވަނީ ނިންމަވާފައެވެ.

ސަރުކާރުން ނިންމެވީ، އަލިފާނުގެ ޙާދިސާގައި ގެއްލުންވި އެ ސަރަޙައްދުގެ ގެތަކަށް ލިބިފައިވާ ގެއްލުމަށް ޢިމާރާތްކުރުމަށް ހިނގާ ޚަރަދުގެ 40 އިންސައްތަ ސަރުކާރުން ދެއްވާގޮތަށެވެ. އަދި ހިފާގެންގުޅޭ ސާމާނު ހަލާކުވެފައިވާ ފަރާތްތަކަށް ކަނޑައެޅފައިވާ އުޞޫލުން އެ ތަކެތި ސަރުކާރުން ހޯއްދަވައިދެއްވާނެ ކަންވެސް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ފަހަކަށް އައިސް ރާއްޖޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ މިހާދިސާއާ ގުޅިގެން ގެއްލުންވި ފަރާތްތަކަށް ދާއިމީ ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ޑިޒާސްޓަރ މެނޭޖްމަންޓު ސެންޓަރު ގުޅިވަޑައިގެން މިއަދު ވަނީ އެފައިސާ ދޫކުރައްވަން ފަށްޓަވާފައެވެ. ފައިސާ ދޫކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވް ޢަބްދުﷲ ޢަލީ ވިދާޅުވީ ސަރުކާރުން ދެއްވާ އެހީއާއި، ކޯސްޓްލައިން ކުންފުނިން ދެއްވާ އެހީ އަދި އަމިއްލަފަރާތްތަކުން ދެއްވި އެހީގެ ގޮތުގައި ބަހަނީ، 3620150.42 (ތިން މިލިޔަން ހަސަތޭކަ ވިހާސް ސަތޭކަ ފަންސާސް ރުފިޔާ ސާޅީސް ދެ ލާރި) ކަމަށާއި މިފައިސާ ބައްސަވަނީ 34 ފަރާތަކަށްކަމަށެވެ.

މި އެހީގެ ފައިސާ ދޫކުރައްވަމުން ގެންދަވަނީ ގޭބިސީތަކަށާއި، އެސަރަޙައްދުން އެނދި ދެ ފިހާރައެއްވެސް ހިމެނޭ ގޮތަށެވެ. މިގޮތުން އެންމެ ބޮޑަށް ގެއްލުންވި ފަރާތަށް 457000 (ހަތަރުސަތޭކަ ފަންސާސް ހަތްހާސް) ރުފިޔާ ލިބިގެންދެއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޯޑިނޭޓަރ އަޙުމަދު ރަޝީދު ވިދާޅުވީ، ފައިސާ ދޫކުރައްވަނީ ގޭބިސީތަކަށާއި، ގެތަކުގެ ވެރިފަތާތްތަކަށް ވަކިވަކިން ކަމަށާއި، ފައިސާ ބެއްސެވުމުގައި ޢަމަލުކުރައްވަނީ ކަމާގުޅުން ހުރި އިންޖިނޭރުންގެ އެސެސްމެންޓަކަށް ބައްލަވައިގެން، އެފަދަ ތަންތަން ހެދޭނެ މިންގަޑަކަށްކަމަށެވެ. އަޙްމަދު ރަޝީދު ވިދާޅުވީ، ގެއްލުން ލިބުނު ފަރާތްތަކަށް މާދަމާއިން ފެށިގެން ބަންދު ނޫން ދުވަސްތަކުގައި ފިނޭންސް މިނިސްޓްރީން ފައިސާ ދޫކުރައްވަމުން ގެންދަވާނެކަމަށެވެ.

މިއަދު ވަނީ 17 ފަރާތަކާއި ފައިސާ ޙަވާލުކުރައްވާފައެވެ. މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު، ކޯސްޓްލައިންގެ ފިހާރައިގައި އަލިފާން ރޯވެ، ހަތަރުގަޑިއިރުވަންދެން އަލިފާންގަޑު ކޮންޓްރޯލް ނުވެ، ދިގުލައިގެން ދިއުމާ ގުޅިގެން، އެ ފިހާރައިގެ ވަށައިގެން ހުރި ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. ބައެއް ގޭގެ ވަނީ ބޮޑު މަރާމާތެއް ކޮށްގެން ނޫނީ ބޭނުންނުކުރެވޭވަރަށް އަނދާފައެވެ. ގޭގައި ހުރި މުދަލާއި ކިޔަވާކުދިންގެ ހުރިހާ އެއްޗެއްވެސް ވަނީ އަނދާފައެވެ. އަދި ޢާއިލާތަކަށް ގެ ދޫކޮށް ދާންޖެހި، ސަރުކާރުން އެ ގެތަކުގެ ޢާއިލާތަކަށް ވަގުތީގޮތުން ހިޔާވަހިކަމާއި ޟަރޫރީ ކަންކަން އިންތިޒާމްކޮށްދެއްވާފައިވެއެވެ.