ޚަބަރު

ޖަޕާނުން ބާއްވާ "މެރިން ޑައިވިންގ އެވޯޑްސް"ގެ ދެ އެވޯޑެއް ރާއްޖެއަށް


  • މިއީ މި އެވޯޑުގެ 32 ވަނަ އެޑިޝަން

  • ދުނިޔޭގެ މުރަކަ ފަރުތަކުގެ ގާތްގަނޑަކަށް 5 އިންސައްތަ ހިއްސާކުރަނީ ރާއްޖެ

  • މާރިޗް މަހުގެ ނިޔަލަށް 9،333 ޖަޕާން ފަތުރުވެރިން ރާއްޖެ އައި

ޖަޕާނުގައި ބާއްވާ އެންމެ ބޮޑު ޑައިވިން ފެއަރ "މެރިން ޑައިވިންގ އެވޯޑްސް"ގެ ދެ ކެޓަގަރީއަކުން ދިވެހިރާއްޖެއިން ކާމިޔާބީ ހާސިލުކޮށްފިއެވެ.

"މެރިން ޑައިވިންގ އެވޯޑްސް"ގައި ރާއްޖެއިން ޙާސިލުކޮށްފައިވަނީ "ބެސްޓް އޭރިއާ އޯވަސީސް ޑިވިޝަން" އިން ތިންވަނަ އަދި "ބެސްޓް އޯވަސީސް ޑެސްޓިނޭޝަން އައި ވޯންޓް ޓު ވިޒިޓް ފޯ ދަ ފަސްޓް ޓައިމް" ކެޓަގަރީން 2 ވަނަ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އެމްއެމްޕީއާރުސީން ހާމަކުރެއެވެ.

"މެރިން ޑައިވިންގ ފެއަރ" އަކީ ޖަޕާނުގައި ޑައިވިންގެ ދާއިރާގައި 50 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އިސްކޮށް ހަރަކާތްތެރިވާ ޖަޕާނުގެ އެންމެ ބޮޑު ކޮމްޕްރެހެންސިވް ޑައިވިން ހަރަކާތެވެ. މެރިން ޑައިވިން އެވޯޑް ކަނޑައަޅަނީ މުޅި ޖަޕާނުގެ ޑައިވަރުންގެ އޮންލައިން ވޯޓުން ހަ މަސް ދުވަހުގެ ވޯޓުލުމުގެ މުއްދަތަށް ފަހުއެވެ. މިއީ މި އެވޯޑުގެ 32 ވަނަ އެޑިޝަނެވެ. މިއީ ތަޖުރިބާކާރު ޑައިވަރުންގެ އިތުރުން މުސްތަޤުބަލުގައި ޑައިވިންގ ފަށަން ވިސްނަމުންދާ ފަރާތްތަކާއި ޑައިވިންގ އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނަށްވެސް މުހިންމު ފެއަރއެކެވެ.

މި އެވޯޑް ޙަފްލާ ބާއްވާފައިވަނީ މިމަހު ޓޯކިޔޯގެ އިކެބުކުރޯގައި ކުރިއަށްދިޔަ "މެރިން ޑައިވިން ފެއަރ 2024" ގެ ސްޓޭޖުގައެވެ. މި ފެއަރގައި 8 ކެޓަގަރީއަކުން މަތީ ރޭންކް ހޯދި މަންޒިލްތަކާއި، އިންސްޓްރަކްޓަރުންނާއި، ޑައިވިންގ ޝޮޕްތަކުން މީހުން ވަނީ ބައިވެރިވެފައެވެ.

ދިވެހިރާއްޖެއަކީ، ދުނިޔޭގެ މުރަކަ ފަރުތަކުގެ ގާތްގަނޑަކަށް 5 އިންސައްތަ ތަމްސީލުކުރާ ޤައުމެކެވެ. އަދި ރާއްޖޭގައި އެތައް ސަތޭކަ ޑައިވިން ސައިޓްތަކެއް ހިމެނޭއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި 2000 އަށް ވުރެ ގިނަ ބާވަތްތައް ދިރިއުޅޭކަމަށް ބެލެވެއެވެ. މީގެ އިތުރުން ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން މަންތާ ރޭ އާއި ވޭލް ޝާކް ކޮންމެ އަހަރަކު ވެސް ބަލާލެވޭނެ މަދު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.

ޖަޕާނަކީ ދިވެހިރާއްޖެއަށް މުހިންމު މާކެޓެކެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރި އެއް މާކެޓެވެ. މިގޮތުން 2019 ވަނަ އަހަރު ޖަޕާން އޮތީ 9 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ދަތުރުކުރި މާކެޓްގެ ގޮތުގައެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާރިޗް މަހުގެ ނިޔަލަށް ޖަޕާނުން 9،333 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ދަތުރުކުރީ 2،217 ފަތުރުވެރިންނެވެ.
މިމާރކެޓުން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު މިއަހަރު މިވަނީ %310 އިތުރުވެފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ޖަޕާނަކީ މިވަގުތު 15 ވަަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ގައުމެވެ.