ކުޅިވަރު

އޭދަފުށި ފުޓްސަލް ކަޕް: ޔުނައިޓެޑް ވީ، ސީސީ، މުރިންގް އަދި އެފްރޯ ސެމީއަށް


ބ. އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެ ރަށުގައި ބާއްވާ "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" ގެ ސެމީ ފައިނަލަށް ޔުނައިޓެޑް ވީ، ސީސީ ސްޕޯޓްސް ކުލަބު، މުރިންގް އެފްސީ އަދި އެންމެ ފަހުގެ ޗެމްޕިއަން އެފްރޯ ސްޕޯޓްސް ކުލަބު ދަތުރުކޮށްފިއެވެ.

އޭދަފުށީ ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް ފުރަތަމަ މެޗު ޔުނައިޓެޑް ވީން ކާމިޔާބުކުރީ އެއިޓީފޯ އެފްސީ އަތުން 14-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ޔުނައިޓެޑް ވީގެ މުޙައްމަދު ހައްސާން އަޙްމަދު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެ ޓީމުގެ މުޙައްމަދު ޖަޒްލާން ޖާދުﷲ ވަނީ ހެޓްރިކެއް ހަދާފައެވެ. އަދި އެ ޓީމުގެ އަޙްމަދު އަޝްރަފް ޔޫސުފް (ސޮބީ) އާއި، ހަމްޒާ މުޙައްމަދު (ހަމްޕު) އަދި އަލީ ހައިޝަމް (ޗުމްޕު)، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކުރިއިރު، ގޯލްކީޕަރު އަބްދުﷲ ނާސިހުވެސް ވަނީ ލަނޑެއް ޖަހާފައެވެ. މި މެޗުގައި އެއިޓީފޯ އެފްސީން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ޝާފީ އަލީއެވެ.

މި މުބާރާތުގެ ސެމީގެ ޖާގައެއް ސީސީ ސްޕޯޓްސް ކުލަބުން ހޯދީ މިރޭ ކުޅުނު ކުއާޓާ ފައިނަލް ދެވަނަ މެޗުގައި 2-0 ގެ ނަތީޖާއަކުން ވެލާ ސްޕޯޓްސް ބަލިކުރުމަށްފަހުއެވެ. މި މެޗުގައި ސީސީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކެޕްޓަން އަޙްމަދު އައިހަމް (އައިހޫ) އާއި އުނައިސް ޒުބައިރެވެ.

މީގެ އިތުރުން މިރޭ ކުޅުނު ކުއާޓާ ފައިނަލް ތިންވަނަ މެޗުގައި މުރިންގް އެފްސީން ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ނަލަ ބްރަދާސް ބަލިކޮށްފައެވެ. މި މެޗުގައި މުރިންގުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް ސިމާހާއި، ޝާރިފް އަބްދުލް މަޖީދު އަދި އަބްދުﷲ ޒައީމެވެ. އަދި ނަލަ ބްރަދާސްއިން މި މެޗުގައި ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ ހަސަން އަބްދުލް ލަތީފާއި މުޙައްމަދު އަޖުފާނެވެ.

މި މުބާރާތުގައި މިރޭ ކުޅުނު ކުއާޓާ ފައިނަލް ފަހު މެޗު އެފްރޯއިން ކާމިޔާބުކޮށްފައިވަނީ އެންމެ ފަހުގެ ރަނަރަޕް އޯލް ވުލްވްސް އަތުން ފަހަތުން އަރައި 5-2 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައިވެސް މި ދެ ޓީމު ވާދަކުރިއިރު، އެ ފަހަރުގެ ފައިނަލުންވެސް މޮޅުވީ އެފްރޯއެވެ. މިރޭގެ މެޗުގައި އެފްރޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ދެ ލަނޑު ޖެހި އަލީ މާއިސް (މައްޓު) އާއި، އިޝާން އިބްރާހީމް (ސައްޓު) އަދި މުޙައްމަދު ފާސިރު (ފާއްޓޭ) އެވެ. އަދި އެ ޓީމުގެ އަނެއް ލަނޑަކީ އޯލް ވުލްވްސްގެ ގޯލްކީޕަރު މުޙައްމަދު މައީސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި މެޗުގައި އޯލް ވުލްވްސްއިން ކާމިޔާބުކުރި ދެ ލަނޑުވެސް ޖަހައިދިނީ އިމްތިޝާލް އަބްދުލް ރަހީމެވެ.

އޭދަފުށި ފުޓްސަލް ކަޕުގެ ސެމީ ފައިނަލް މެޗުތައް މާދަމާރޭ ކުޅޭއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވީ އާއި ސީސީއެވެ. އަދި ދެވަނަ މެޗުގައި މުރިންގް ނުކުންނާނީ އެފްރޯއާ ދެކޮޅަށެވެ. މި ފަހަރުގެ މުބާރާތުގައި 16 ޓީމެއް ބައިވެރިވިއިރު، މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރެއެވެ.