ޚަބަރު

އީރާނަށް ރައްދު ޙަމަލާ ދިނުމުގައި އެމެރިކާއިން ބައިވެރި ނުވާނެ


ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން އީރާނަށް ދޭ އެއްވެސް ޙަމަލާއެއްގައި ބައިވެރި ނުވާނެ ކަން އެމެރިކާއިން ހާމަކޮށްފިއެވެ. ވައިޓް ހައުސުން ބުނީ, އެމެރިކާގެ ރައީސް ޖޯ ބައިޑަން ޒަޔަނިސްޓު އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މި ކަން އަންގަވާފައިވާ ކަމުގައެވެ.

މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި މި ވަނީ, އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ފެށުމާއި, އޭޕްރިލް 1 ވަނަ ދުވަހު ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުންނަ އީރާނުގެ ކޮންސިޔުލޭޓަށް ޙަމަލާ ދިނުމާ ގުޅިގެންނެވެ. ޣައްޒާގައި ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 33,729އަށް އުފުލިފައިވާއިރު, ދިިމިޝްޤަށް ދިން ޙަމަލާގައި ޔަހޫދީން ވަނީ އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ގެ ހަތް މެންބަރުން ޝަހީދު ކޮށްލާފައެވެ.

އައިއާރްޖީސީގެ މެންބަރުން ޝަހީދު ކޮށްލަން ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން އޭޕްރިލް 14ވަނަ ދުވަހު އީރާނުން ވަނީ ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. މި ޙަމަލާތަކުގައި އީރާނުން ވަނީ 300އެއްހާ ޑްރޯނާއި, ކްރޫޒް މިސައިލާއި ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައެވެ.

އީރާނުގެ ޙަމަލާއަށް ރައްދު ދިނުމުގެ ގޮތުން އަޅާނެ ފިޔަވަޅުތަކަކާ މެދު ޔަހޫދީންގެ ހަނގުރާމައިގެ ކެބިނެޓުން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ. ނަމަވެސް, އީރާނަށް ޙަމަލާއެއް ދޭން ޔަހޫދީން ނިންމާ އެއްވެސް ނިންމުމެއްގައި, އަދި އެ ފަދަ ޙަމަލާއެއްގައި އެމެރިކާއިން ބައިވެރިނުވާނެ ކަމުގައި ވައިޓް ހައުސުން ބުނެއެވެ.

ޔަހޫދީން ދިމިޝްޤަށް ދިން ޙަމަލާއާ ގުޅިގެން މެދުރިއުމަތީގެ މަސްރަޙު އިތުރަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި ދުނިޔޭގެ ބާރުތަކާއި ޢަރަބި ޤައުމުތަކުން ދަނީ ދެބަސްވުންތަކަށް ސިޔާސީ ހައްލެއް ހޯދުމަށް ބާރު އަޅަމުންނެވެ. އަދި, ބައިޑަން ވެސް ވަނީ ޖައްބާރު ނަތަންޔާހޫއާ ފޯނުން ގުޅުއްވައި, އީރާނަށް ޙަމަލާ ދިނުމުގައި އެމެރިކާގެ އެއްބާރުލުން ނުލިބޭނެ ކަމާއި, އެ ފަދަ ޙަމަލާއެއްގައި އެމެރިކާއިން ބައިވެރި ނުވާނެ ކަން އަންގަވާފައެވެ. މި ކަން ވައިޓް ހައުސުން ކަށަވަރު ކޮށްދެއެވެ.

ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީ ވިދާޅުވީ ޔަހޫދީންނާއި އެ މީހުންގެ މަސްލަޙަތު ހިމާޔަތް ކުރުމަށް އެމެރިކާއިން އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އީރާނާ ދެކޮޅަށް ޔަހޫދީން ފަށާ ހަނގުރާމައެއްގައި އެމެރިކާއިން ބައިވެރި ނުވާނެ ކަމުގައެވެ.
އީރާނުން ވެސް ވަނީ, ބަދަލު ހިފުމުގެ ގޮތުން އެ ޤައުމަށް ޙަމަލާއެއް ދިނުމާ ދެކޮޅަށް ޔަހޫދީންނަށް އިންޒާރު ދީފައެވެ. އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ބާޤިރީ ވިދާޅުވީ, ބަދަލު ހިފުމުގެ ގޮތުން ޔަހޫދީން އީރާނަށް އިތުރު ޙަމަލާއެއް ދީފި ނަމަ, އީރާނުން ރައްދުގައި ކުރިއަށްވުރެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމުގައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އަމީރު ޢަބްދައްލިހައްޔާނީ ވިދާޅުވީ, ޔަހޫދީންގެ ރަށްތަކަށް ޙަމަލާ ދިނުމުގެ ކުރިން އެ ކަން އަވައްޓެރި ޤައުމުތަކަށް އީރާނުން އަންގާފައިވާނެ ކަމުގައެވެ. އަދި, އެއީ އީރާނުގެ ރައްޔިތުންގެ ދިފާޢުގައި ދީފައިވާ ޙަމަލާއެއް ކަމުގައެވެ. މި ކަން އެމެރިކާއަށް އަންގާފައިވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ތުރުކީވިލާތުން ވެސް ވަނީ މި ކަން ކަށަވަރު ކޮށްދީފައެވެ.

މެދުއިރުމަތީގެ މަސްރަޙު ފިނި ކުރަން މަސައްކަތް ކުރަމުންދާ ޤައުމުތަކުގެ ތެރޭގައި ރަޝިޔާއާއި, ޗައިނާއާއި, ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުގެ އިތުރުން ޢަރަބި ޤައުމުތަކުގެ ތެރެއިން މިޞްރާއި, ޤަޠަރާއި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ) ހިމެނެއެވެ. ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޓްޒް ވިދާޅުވީ, މަސްރަޙު އިތުރަށް ހޫނުވިޔަ ނުދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެ ޤައުމުން ކުރާނެ ކަމުގައެވެ. ތުރުކީވިލާތުން ވެސް ވަނީ މެދުއިރުމަތީގެ މަސްރަޙު އިތުރަށް ގޯސްވާން ބޭނުން ނުވާ ކަމަށް ބުނެފައެވެ.