ޚަބަރު

ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ރޫހު ރައީސް ކަނޑުވާލައްވައިފި: ވަޒީރު


  • މިވެރިކަމުން ފެނިގެންދަނީ ރައްޔިތުންނާ ގާތުން ވެރިކަން ކުރުމުގެ ފަލްސަފާއެއްކަމަށް

  • ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ރޫހު މިހާރު ކެނޑިގެންގޮސްފައިވާކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ރޫހު ކަނޑުވާލައްވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ފީއަލީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ވާހަކަދައްކަވަމުންނެވެ.

ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، މިވެރިކަމުން ފެނިގެންދަނީ ރައްޔިތުންނާއި ގާތުން ވެރިކަން ކުރުމުގެ ފަލްސަފާއެއް ޤާއިމްކުރުމުގެ ސިޔާސަތެއްކަމަށެވެ. މިއީ ރާއްޖޭގައި މިހާތަނަށް ފެނުނު މަންޒަރެއް ނޫންކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމުން ވަރަށް ބޮޑު އުންމީދެއް ރައްޔިތުންނަށް އައު ވެގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ރޫހު މިހާރު ކެނޑިގެންގޮސްފައިވާކަމަށެވެ. މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ރައީސަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް ބަދަލުހިފުމުގެ ރޫހު ނުގެންގުޅުއްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެމަނިކުފާނުގެ އެންމެ ބޮޑު އެއް ވައުދަކަށްވީ ރާއްޖޭގައި އޮތް ސިޔާސީ ހަމަނުޖެހުންތަކާއި ބަދަލުހިފުމުގެ ރޫހު އެއްކޮށް ކަނޑުވާލެއްވުން. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މި ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެގެން ހިނގައްޖެ. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް އެކަންކަން ހިނގައިފި. އެހެންނަމަވެސް ތިބޭފުޅުންނަށް މިއަދު ފެނިވަޑައިގަންނަވާނެ މިހާހިސާބަށް އައިއިރުގައި ސިޔާސީ ވެރިންނަކަށް އެއްވެސް ހުރަހެއް ގޮންޖެހުމެއް ދަތިކަމެއް ނެތި އެމަނިކުފާނު އެވަނީ ސިޔާސީ ފަރާތްތަކަށް އެއްވެސް ހުރަހެއް ނެތި ދައްކަން ބޭނުންފުޅުވާ ހުރިހައި ވާހަކައެއްވިއަސް އެކަމަށް ފުރުސަތު ހުޅުވާލާފައި." ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވުމަށްވެސް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. މިއީ ކައުންސިލްތަކަށް ލިބިގެންދިޔަ ވަރަށް ފަހި ފުރުސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.