މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މަދަނީ ބައެއް ޖަމްޢިއްޔާތަކުން އިންތިޒާމުކޮށްގެން މާލޭގައި ބާއްވަން އިންތިޒާމުކުރަމުންދާ ކަމަށް ބުނާ ހިނގާލުން ކުރިޔަށް ގެންދަން ފުރުޞަތު ނުދެއްވަން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ނިންމަވައިފިއެވެ.
މާދަމާ ހަވީރު މާލޭގައި ބާއްވަން އިންތިޒާމުކުރާ ހިނގާލުމުގެ މަޢުލޫމާތު މީޑިއާގެ ޒަރީޢާއިން ލިބިވަޑައިގެންފައިވާ ކަމަށާއި އެފަދަ ހިނގާލުމެއް ބޭއްވުމުން، މާލޭގެ މަގުތަކުގައި ހިނގައިބިނގައިވާ މީހުންނަށާއި ދުއްވާ އެއްޗެހި ދުއްވުން ހުއްޓި، އޭގެ ސަބަބުން އެތައް ބަޔަކަށް ދަތިތައް ފޯރަމުންދާނެތީ ހިނގާލުން ކުރިޔަށް ގެންދަން ފުރުޞަތު ނުދެއްވާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
މާލޭގެ މަގުތަކަކީ ކާރޫބާރު ބޮޑު މަގުތަކަކަށް ވެފައި ގިނަ ވަގުތުތަކަކަށް މަގުތައް ބަންދުކުރަން ޖެހުމުން ދަތުރުފަތުރުގެ ނިޒާމަށް ދަތިތައް ފޯރައި ހިނގައިބިނގައިވާ ފަރާތްތަކަށް ދަތިތައް ފޯރާތީ މިފަދަ ހިނގާލުންތައް ކުރިޔަށް ގެންދަން ފުރުޞަތު ނުދެއްވަން ނިންމަވާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.