ޚަބަރު

ފާޅުކުރަން ބޭނުންވާ ޚިޔާލު ދިވެހިބަހުން ބުނެދޭން ނޭނގުމަކީ ހިތާމަކުރަންޖެހޭ ކަމެއް: ޑރ.އަޝްރަފް


  • އެކެޑަމީގެ ރައީސް ވިދާޅުވީ ތަކެއްޗަށް ކިޔާ ނަން ދިވެހި ބަހުން ބުނަން ނޭނގޭކަމަށް

  • ބަހަށް އަހުލުވެރި ނުވާ ސަބަބު ދެނެގަތުގެ މަސައްކަތް ދަނީ ކުރަމުން

  • ބޮޑުވަމުން އަންނަ ޖީލު ބަހަށް އަހުލުވެރިކުރުމުގައި ބެލެނިވެރިންނާ ބޮޑެތި މީހުންގެ ދަޢުރު ބޮޑު

ބުނަންބޭނުންވާ ބަސް، ފާޅުކުރަން ބޭނުންވާ ޚިޔާލު ދިވެހިބަހުން ފާޅުކުރަން ނޭނގުމަކީ އެކަމާމެދު ވިސްނާ އަވަސް ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމެއްކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ޢަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ދިވެހި ބަހުގެ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ޢަބްދުއްރަހީމްވަނީ ދުވަހާ ގުޅޭ ޚާއްސަ މެސެޖެއް ނެރުއްވާފައެވެ.

މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ދިވެހިބަހުން ވިސްނަމާ!" މި ޝިޢާރެވެ. ދިވެހިބަހުގެ ދުވަހުގެ މެސެޖުގައި އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ވިދާޅުވީ ޅަފުރައިގެ ކުދިންނަށް އެމީހުން ބުނަން ބޭނުންވާ އެއްޗަކާ ފާޅުކުރަން ބޭނުންވާ ޝުޢޫރުތައް ދިވެހި ބަހުން ބުނެދޭން ނޭނގޭކަމަށެވެ. ބޮޑުވަމުން އަންނަ ކުދިންނަށް ދިވެހި ވެށީގައި ހިމެނޭ ވަރަށް ގިނަ ބާވަތްތަކަށް ދިވެހިބަހުން ކިޔާ ނަންތައް ނޭނގޭކަމީ ޤަބޫލުކުރަންޖެހޭ ހިތި ހަގީގަތެއްކަމަށެވެ. އޭގެތެރޭގައި ގަސްގަހާގެއްސާއި މަސްމަހާމެއްސާއި މާމެލާމެލީގެ ބާވަތްތައްވެސް ހިމެނޭކަމަށެވެ. އަދި ދިވެހިންގެ މަސައްކަތްތެރިކަމާއި އެ މަސައްކަތްތައް ކުރުމަށް ގެންގުޅޭ އާލާތްތަކާއި އެކި ބޭނުންތަކުގައި ހިފާގެންގުޅޭ ތަކެއްޗަށް ދިވެހިން ކިޔާ ނަންތައް ނޭނގުމަކީ ލަދުވެތިކަމެއްކަމަށެވެ.

އެކެޑަމީގެ ރައީސް ވިދާޅުވި މިއީ ކީއްވެގެން ކުރިމަތިވެގެން އުޅޭ ކަމެއްތޯ ދިރާސާކޮށް، އެކަން ޙައްލުކުރުމަށް އޮތް މަގަކީ ކޮބައިތޯ ބަލާ، އެކަން ޙައްލުކުރަން ކުރެއްވެން ހުރި ކަންކަން ކުރިއަށް ގެންދަވާކަމަށެވެ.

އަޝްރަފް ވިދާޅުވީ ތަކެއްޗަށް ކިޔާނެ ދިވެހި ނަން ތިމާގެ ސިކުނޑިއަށް ނުވިސްނިގެން އިނގިރޭސިން ލަފުޒު ބޭނުންކުރާ ކުދިން ގިނަވެއްޖެކަމަށެވެ.

"ބަހުގެ ބައެއް އުސްތާޒުން ވިދާޅުވާގޮތުގައި "ދިވެހިން" ވިސްނާ ކުދިން މަދުވެއްޖެ. "ދިވެހިބަހުން" ވިސްނާ ކުދިން އަދި މާ މަދުވެއްޖެ. ހިތުގައި އުފެދޭ ޝުޢޫރު ފަސޭހަކަމާއެކު އަނެއްކާއަށް ދިވެހިބަހުން ފާޅުކުރުމަކީ ދަތިކަމަކަށް ވެއްޖެ." ބަހުގެ އެކެޑަމީގެ ރައީސް ޑރ.އަޝްރަފް ވިދާޅުވިއެވެ.

ޑރ.އަޝްރަފް ވިދާޅުވީ ހިތުގައި އުފެދޭ ޖަޒުބާތާއި ޚިޔާލުވެސް ހާމަކޮށްލަނީ ފަސޭހަކަމާއެކު އިނގިރޭސި ލަފުޒުތައް ހިމަނައިގެންކަމަށެވެ. އެފަދަ ކުދިން ވިސްނުމުގައި ދިވެހި ބަސް ނުގެންގުޅުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އަޝްރަފް ފާޅުކުރެއްވިއެވެ.

ޑރ.އަޝްރަފް ވިދާޅުވީ މިއަހަރުގެ ދިވެހި ބަހުގެ ދުވަހު މައިންބަފައިންނާއި ބޮޑެތި މީހުން އަޒުމުކަނޑައަޅަންވީ، ދިވެހިން ވިސްނާ، އެކަން ބޮޑުވަމުން އަންނަ ޖީލަށް އުނގަންނައިދޭ ބަޔަކަށްވުމަށްކަމަށެވެ. ދިވެހި ސިކުނޑިތަކުގައި ދިވެހި ނަންތައް ހަރުލައްވާ، ދިވެހި ލަފުޒު ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމަށްކަމަށެވެ. އޭރުން ދިވެހީންގެ ދިވެހި ބިމުގައި އުޅޭނީ ދިވެހިންކަމަށާއި، ދިވެހި ބިމާއި ދިވެހި ބަސްދެކެ ލޯބިވާ، ދިވެހި ބަހަށް ޤަދަރުކުރާ ދިވެހިންކަމަށް ވިދާޅުވިއެވެ.

ދިވެހި ބަހަށް ޚާއްސަ ދުވަހެއް ފާހަގަކުރަން ފެށީ 2015ވަނަ އަހަރުންފެށިގެންނެވެ. ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.