ވިއްސާރައިގެ ސަބަބުން ގޭގެއަށް ފެންވަދެ ގެއްލުންވަމުންދާތީ، އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މާލެއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ގުޅިގެން މިރޭ 8:00 ޖެހުމާއި ހަމައަށް 31 ސަރަހައްދެއްގައި ވެލިބަސްތާ ޖަހާފައިވާކަމަށެވެ.
މީގެއިތުރުން ވިއްސާރައިގެ ސަބަބުން، ގިނަ ސަރަހައްދުތަކެއްގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެމްއެންޑީޢެފްއިން ވިދާޅުވެއެވެ. މިގޮތުން އައިޖީއެމް ކައިރިއާއި އެސްޓީއޯ ފުށްގުދަން ކައިރިއާއި، ދިރާގު އޮފީސް ކައިރިއާއި، ވެސްޓް ޕާކްގެ އިތުރުން ބޮޑުވަޅު ކައިރީގައި ދަނީ ހަރަކާތްތެރިވަމުންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.
އަދާހަމަ: ވިއްސާރައިގެ ސަބަބުން، ގިނަ ސަރަހައްދުތަކެއްގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް ދަނީ ކުރަމުން. މިގޮތުން އައިޖީއެމް ކައިރިއާއި އެސްޓީއޯ ފުށްގުދަން ކައިރިއާއި، ދިރާގު އޮފީސް ކައިރިއާއި، ވެސްޓް ޕާކްގެ އިތުރުން ބޮޑުވަޅު ކައިރީގައި ދަނީ ހަރަކާތްތެރިވަމުން. pic.twitter.com/w9bezVkmHt
— Maldives National Defence Force (@MNDF_Official) April 13, 2024
އެމްއެންޑީއެފްގެ އިތުރުން، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންވެސް ގެންދަނީ ވިއްސާރައިގައި ލިބެމުންދާ ގެއްލުންތައް ބަލައި، އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
އެމްއެންޑީއެފްއާއި ޑިޒާސްޓަރ މެނޭޖްމަންޓްގެ އިތުރުން، ސަރުކާރުގެ ކަމާބެހޭ އެހެން ފަރާތްތަކުންވެސް ގެންދަވަނީ ވިއްސާރައާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.