ކުޅިވަރު

ޒެފްރޯލް ގޯޅި، ބުރު، ކާސިންޖީ، ޓީނޭޖް، ބްރަދަހުޑް، ޓީނޭޖް ޓީ އަދި ޓީސީ ފްރެޓާނިޓީއަށް މޮޅެއް


އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 1445 ގައި ރޭ ކުޅުނު މެޗުތައް ޒެފްރޯލް ގޯޅި، ބުރު ސްޕޯޓްސް ކުލަބު، ކުލަބު ކާސިންޖީ، ޓީނޭޖް ޖޫނިއާސް، ބްރަދަހުޑް، ޓީނޭޖް ޓީ އަދި ޓީސީ ފްރެޓާނިޓީން ކާމިޔާބުކޮށްފިއެވެ.

މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗު ޒެފްރޯލް ގޯޅިން ކާމިޔާބުކޮށްފައިވަނީ މަސްއޮޑި ވޯވޯއާ ވާދަކޮށް ސީދާ ދެ ގޭމުންނެވެ. ފުރަތަމަ ގޭމް ޒެފްރޯލް ގޯޅިން ކާމިޔާބުކުރީ 3-12 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-18 އިންނެވެ.

ރޭގެ ދެވަނަ މެޗު ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފައިވަނީ ހައްހާ ވައިކަންމައްޗާ ވާދަކޮށް ސީދާ ދެ ގޭމުންނެވެ. ފުރަތަމަ ގޭމް ބުރު ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފައިވަނީ ފަސޭހަކަމާއެކު 0-16 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމް އެ ޓީމުން ކާމިޔާބުކުރީ 4-6 ގެ ނަތީޖާއަކުންނެވެ.

ރޭގެ ތިންވަނަ މެޗު ކުލަބު ކާސިންޖީން ކާމިޔާބުކުރީ ކުލަބު ޖިމީސްއާ ވާދަކޮށް ދެ ގޭމުންނެވެ. ފުރަތަމަ ގޭމް ކުލަބު ކާސިންޖީން ކާމިޔާބުކޮށްފައިވަނީ 2-16 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމު އެ ޓީމުން ކާމިޔާބުކުރީ 1-9 ގެ ނަތީޖާއަކުންނެވެ.

މީގެއިތުރުން ރޭގެ ހަތަރުވަނަ މެޗު ޓީނޭޖް ޖޫނިއާސްއިން ކާމިޔާބުކުރީ ބުރު ކޮންކުއަރާސްއާ ވާދަކޮށް ސީދާ ދެ ގޭމުންނެވެ. ފުރަތަމަ ގޭމް 6-12 އިން ކާމިޔާބުކުރިއިރު، ދެވަނަ ގޭމް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 11-12 ގެ ނަތީޖާއަކުންނެވެ.

ބްރަދާހުޑްއިން ކުޅުނު މެޗު ކާމިޔާބުކުރީ ލޮރެންޒޯ ހައިނާސް އަތުން ސީދާ ދެ ގޭމުންނެވެ. ފުރަތަމަ ގޭމް 7-8 އިން ކާމިޔާބުކުރިއިރު، ދެވަނަ ގޭމް އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 12-6 ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މުބާރާތުގައި ރޭ ޓީނޭޖް ޓީން ކުޅުނު މެޗު ކާމިޔާބުކޮށްފައިވަނީ ލަޔަންސް އެންޑް ޓައިގާސްއާ ވާދަކޮށް ދެ ގޭމުންނެވެ. ފުރަތަމަ ގޭމު ޓީނޭޖް ޓީން ކާމިޔާބުކުރީ 7-8 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމް އެ ޓީމުން ކާމިޔާބުކުރީ 9-12 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު ފަހު މެޗު ޓީސީ ފްރެޓާނިޓީން ކާމިޔާބުކޮށްފައިވަނީ އެލްއެފް ސްޕޯޓްސް ކުލަބާ ވާދަކޮށް ދެ ގޭމުންނެވެ. ފުރަތަމަ ގޭމް ޓީސީ ފްރެޓާނިޓީން ކާމިޔާބުކުރީ ނިމެން މިނެޓަކަށް ވެފައިވަނިކޮށް 6-7 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ގޭމް ކާމިޔާބުކޮށްފައިވަނީ 3-15 ގެ ނަތީޖާއަކުންނެވެ

ޖުމްލަ 34 ޓީމު ވާދަކުރާ މި އަހަރުގެ ބައިބަލާ މުބާރާތުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެއެވެ. އަދި މި މެޗުތައް ޔެސް ޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.