މިއަދު ދިވެހިންނަށް ލިބިފައިވާ ޓެކްނޮލޮޖީގެ ފަހި ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފައިގެން އަދުގެ ކިޔަވާ ކޮންމެ ދަރިވަރަކުވެސް މިޤައުމަށް ފައިދާހުރި މަސައްކަތެއް ކުރާ ހަރުދަނާ މީހަކަށްވުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލްލަތީފް އިލްތިމާސްކުރައްވައިފިއެވެ.
ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީ.އެޗް.އެސް.އީގެ 2016 ވަނަ އަހަރުގެ އިސްމަޤާމުތަކަށް ހޮވުނު ދަރިވަރުންނަށް މަޤާމު ހަވާލުކުރުމަށްޓަކައި އެސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އިކްރާމް ވިދާޅުވީ، ކޮންމެ އެއްޗެއްގެ ނުވަތަ ވަސީލަތެއްގެ ބޭނުންވެސް ރަނގަޅު އަދި ރަނގަޅު ނޫންގޮތަށްވެސް ހިފިދާނެކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގެ ފޭސްބުކް ފަދަ ވަސީލަތްތައް ބޭނުން ކުރާއިރު އަންނަން އޮތް ޖީލުތަކަށްވެސް އޭގައި ހިމަނާ މަޢުލޫމާތުތަކަކީ ބޭނުންހިފޭނެ މުހިންމު އެއްޗެއްގެ ގޮތުގައި ބައްޓަންކުރުން މުހިންމުކަމަށާއި، ސޯޝަލް މީޑިއާގައި ހޭދަކުރާ ކޮންމެ ވަގުތަކީވެސް މުހިންމު ބޭނުންތެރި ވަގުތަށް ހެދުން މުހިންމުކަމަށް ވިދާޅުވިއެވެ.
އިކްރާމް ވިދާޅުވީ، ކިޔެވުމާއި އެއްގޮތަށް ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ތަޖުރިބާ ހޯދުމަކީ، މާދަމާ ޤައުމުގެ ހިންގުމުގެ ދާއިރާއަށް ނުކުންނަންތިބި ޒުވާން ބޭފުޅުންނަށް ވަރަށް ގިނަ ފައިދާއާއި އެހީތެރިކަން ލިބިގެންދާނެކަމެއް ކަމަށެވެ.
ސީ.އެޗް.އެސް.ސީގެ ދަރިވަރުންނަކީ، ކޮންމެ ކަމަކަށްވެސް ކެރިގެން ކުރުމަތިލާ އަޚުލާގު ރަނގަޅު ދަރިވަރުންތަކަކަށްވުމަސް ސްކޫލުގެ ޕްރިންސިޕަލް ވަނީ ދަރިވަނުންނަށް ނަސޭހަތްތެރިވެދެއްވާފައެވެ.
ރޭ ވަނީ ސްކޫލުގެ 2016 ވަނަ އަހަރުގެ ކެޕްޓަނަކަށް ހޮވުނު މޫސާ މިޖާދު ނުއުމާންއަށާއި، ސްކޫލްގެ ޑެޕއުޓީ ކެޕްޓަނުންގެ އިތރުން، ކްލަބްތަކުގެ ރައީސުންނާއި، ހައުސްތަކުގެ ކެޕްޓަނުންނަށް މަގާމު ހަވާލުކޮށްފައެވެ. އަދި މިދިޔަ އަހަރު ސީ.އެޗް.އެސް.ސީގެ އިސްމަގާމުތައް ފުރި ދަރިވަރުންނަށްވެސް އެކަމުގެ އަގުވަޒަންކޮށް ރޭ ސެޓްފިކެޓުދީފައިވެއެވެ.
ސީ.އެޗް.އެސް.އީއަކީ، މީގެ އަހަރުތަކެއް ކުރިން ފެށިގެން މާލޭގައި ހަމައެކަނި އޭލެވެލްގެ ގްރޭޑްތަކަށް ކިޔަވައިދެއްވާ ސްކޫލެކެވެ.