ޚަބަރު

ވޭސްޓް ޔާޑާއެކު މާލޭގެ ކުނީގެ މައްސަލަ ޙައްލުކުރެވޭނެ- މިނިސްޓަރ


މާލޭގެ ހުޅަނގު ފަރާތުގައި ތަރައްޤީކުރައްވާ އިންޑަސްޓރިއަލް ވިލެޖްގައި ހައްދަވާ ވޭސްޓް ޔާޑާއެކު މާލޭގެ ކުނީގެ މައްސަލަ ޙައްލުކުރެވޭކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ މުޢިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތަކީވެސް މާލޭގެ ރީ ޑިވަލޮޕްމެންޓް ޕްލޭންގައި ހިމެނޭ މަސައްކަތެއްކަމުން، އެއީ ވަރަށް އިސްކަމެއް ދެއްވައިގެން ސަރުކާރުން ކުރިޔަށް ގެންދަވާ މަޝްރޫޢެއް ކަމަށެވެ.

މާލޭގެ އިރުމަތީފަރާތުގައި ހައްދަވާ އިންޑަސްޓްރިއަލް ވިލެޖަކީ މާލޭގެ އެކި ސަރަޙައްދުތަކުގައި މިހާރު ހުރި ގަރާޖް، ވޯކްޝޮޕް ފަދަ ތަންތަނާއި، އިންޑަސްޓްއަލް މަސައްކަތްތައް އެސަރަޙައްދަށް ބަދަލުކުރެއްވުމާއި، ކުނިމެނޭޖްކުރުމުގެ އިންތިޒާމް ހަމަޖެއްސެވުމުގެ އިތުރުން، ބަރުވެހިކަލްތައް ބެހެއްޓެވުމަށް ސަރުކާރުން ތަރައްޤީކުރައްވަން ނިންމަވާފައިވާ ސަރަޙައްދެކެވެ. އިންޑަސްޓްރިއަލް ވިލެޖްގެ ބޮޑު ސަރަހައްދެއް ކަނޑައަޅުއްވާފައިވަނީ ވޭސްޓްޔާޑަކަށްކަން ފާހަގަކުރައްވަމުން ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ، އެތަން ހެދިގެންދިޔުމުން، މާލޭގެ އެއްވެސް ސަރަޙައްދެއްގައި ކުނިކޮށްޓާއި، ކުނި އުފުލާ ދޯންޏެއްވެސް ނޯންނާނެކަމަށެވެ.

މިތަނުގެ މަސައްކަތްތައް ސަރުކާރުން ކޮންޓްރެކްޓް އުޞޫލުން ޙަވާލުކުރައްވާފައިވަނީ އެމްޓީސީސީއާއެވެ. އިންޑަސްޓްރިއަލް ވިލެޖްގެ ބިންހިއްކެވުމުގެ މަސައްކަތް ކުރިޔަށްދާއިރު އަދި އިންޑަސްޓްރިއަލް ވިލެޖް ޤާއިމުކުރުމަށް 4.5 ހެކްޓަރުގެ ބިންހިއްކައި، ވަކިރަށަކުން ލިބޭފަދަ ޚިދުމަތްތަކެއް ޤާއިމުކުރެވޭނެކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

ޕީއެސްއެމްއަށް މަޢުލޫމާތުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖް ޤާއިމުކުރެއްވުމުގެ އެންމެބޮޑު ބޭނުމަކީ ޢާންމުން ދިރުއުޅޭ ސަރަޙައްދުން ކެމިކަލް ރައްކާކުރާ ތަންތަނާއި، ވޯކްޝޮޕްފަދަ އާންމުންގެ ޞިއްޙަތަށް ރައްކާތެރި ނޫން ތަންތަން އާންމުން ދިރުއުޅޭ ސަރަޙައްދުތަކާ ދުރަށް ގެންދިއުންކަމަށެވެ. މާލޭގެ އިރުދެކުނު ފަރާތުގައި ޤާއިމުކުރާ އިންޑަސްޓްރިއަލް ވިލެޖަކީ 160 މިލިޔަނަށްވުރެ ގިނަރުފިޔާ ޚަރަދުކުރައްވައިގެން ޤާއިމުކުރައްވާ ސަރަޙައްދެކެވެ.