ޚަބަރު

ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން "އޮޕަރޭޝަން ފިތުރު" ފަށައިފި


  • މި އޮޕަރޭޝަން ކުރިއަށްދާނީ މިއަދާއި މާދަމާ

  • އުޅަނދާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބަލާނެ

ފިތުރު ޢީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސްކޮޑްރަންއިން ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ގޮތުން "އޮޕަރޭޝަން ފިތުރު" ފަށައިފިއެވެ.

މިއީ ކޮންމެ އަހަރެއްގެ ޢީދު ބަންދުތަކާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަނަކެވެ. ފިތުރު ޢީދާ ގުޅިގެން މިއަދު ފެށި މި އޮޕަރޭޝަން މިއަދާއި މާދަމާ ކުރިއަށްދާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނަކީ ޢީދު ބަންދަކީ ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވާތީ، ދަތުރުކުރާ އުޅަނދާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ، ބަލާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި، އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލަމުންދާނެކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއްވައެވެ.