ޚަބަރު

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ފުރުޞަތު ހުޅުވާލުން


މި އަހަރު ދަނޑުވެރިންގެ ދުވަސް، ޤައުމީ ފެންވަރުގައި ފާހަގަކުރުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ފިޝަރީޒް މިނިސްޓްރީން ހުޅުއްވާލައްވައިފިއެވެ.

8 ވަނަ ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް ޝައުޤުވެރިވާ ރަށްރަށުގެ ކައުންސިލުތަކުން، މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން މިކަމަށް އެދޭ ފޯމު ހުށަހެޅުމަށް ވަނީ ފުރުޞަތު ހުޅުއްވާލައްވާފައެވެ.

މިއަހަރު ދަނޑުވެރިންގެ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރެއްވުމަށް ފުރުޞަތު ހުޅުވާލައްވަނީ މާލެއިން ދެކުނުގެ ރަށްތަކަށް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ވިދާޅުވީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރެއްވުމަށް ހުށަހަޅާ ރަށުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޤައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް މި އަހަރު އެ ރަށުގައި ފާހަގަކޮށްފައިނުވުމާއި، މީގެކުރިން ދަނޑުވެރިންގެ ދުވަސް ފާހަގަކޮށްފައިވާނަމަ، އޭގެފަހުން 5 އަހަރުވެފައިވާ ރަށަކަށްވުން ހިމެނެއެވެ. އަދި ދަނޑުވެރިންގެ ދުވަސް ފާހަގަކުރާ ރަށެއްގެ ޢުމްރާނީ ތަރައްޤީއަށް މާލީގޮތުން އެހީތެރިވެދިނުމުގެ ބަދަލުގައި އެ މިނިސްޓްރީން ޚަރަދުކުރައްވާނީ ދަނޑުވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި އެ ރަށެއްގައި ކުރެވެން ހުރި ކަންތައްތަކެއް ކުރުމަށް ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި ދަނޑުވެރިންގެ ދުވަހާ ގުޅުންހުރި ޙަރަކާތްތަކާއި ދަނޑުވެރިކަމުގެ ޞިނާއަތު ކުރިއެރުވުމަށް ހިންގޭ ތަފާތު ޕްރޮގްރާމުތައް މި ދުވަސް ފާހަގަކުރުމަށް ކަނޑައަޅާ ރަށުގައާއި އެ ރަށެއް ހިމެނޭ އަތޮޅުގެ އެހެން ރަށްރަށަށް އަމާޒުކުރުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅުއްވާނެ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.