ޚަބަރު

ޒިކާގެ ވައިރަސްގެ ނުރައްކާ ރާއްޖެއަކަށް ނެތް - މިނިސްޓަރ


ޒިކާ ވައިރަސްގެ ނުރައްކާ ރާއްޖެއަށް ނެތް ކަމަށާއި މިހާތަނަށް ރާއްޖެއިން ޒިކާ ވައިރަސްގެ އަސަރު ފެނިފައިނުވާކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެފްރިކާ ބައްރުގެ ޤައުމުތަކުގައި ޒިކާ ވައިރަސް ފެތުރުމުގެ ސަބަބުން، ދުނިޔޭގެ ޞިއްޙަތު ޖަމްއިއްޔާއިން ނެރުނު އެލަރޓާއި ގުޅިގެން ރާއްޖެއިންވެސް ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ހެލްތު މިނިސްޓަރ އިރްތިޝާމް އާދަމް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިއެއްގެ ހަށިގަނޑުން ޒިކާ ވައިރަސްގެ އަސަރު ފެނުމާއި އެކު، ޑަބްލިއު އެޗްއޯގެ ފަންނީ އެހީއާއި އެކު، ރާއްޖޭގައި ޒިކާ ވައިރަސް ފެތުރިފައިވޭތޯ ބެއްލެވުމުގެ މަސައްކަތް ކުރެއްވި ކަމަށެވެ. އެގޮތުން ސާމްޕަލްތައް ނަންގަވާ ތަހްލީލްތައް ކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާތަނަށް ކުރި ތަހްލީލް ތަކުން ރާއްޖޭއިން ޒިކާ ވައިރަސްގެ އެއްވެސް އަސަރެއް ފެނިފައި ނުވާކަމަށް އިރުތިޝާމް ވިދާޅުވިއެވެ. 

އިރުތިޝާމް ވިދާޅުވީ، ޞިއްޙީ ދާއިރާ މިކަމަށް ސަމާލުވެ، ހޮސްޕިޓާތަކާއި، ހެލްތު ސެންޓަރުތަކުގައި އައިސޮލޭޝަން ވޯޑްތައް ޤާއިމް ކުރަން ޖެހިއްޖެ ނަމަ އެކަން ކުރަންވެސް، ތައްޔާރަށް ހުންނެވިކަމަށެވެ. އެގޮތުން މިކަމަށް ޚާއްޞަ އެސް.އޯ.ޕީތަކެއް އެކުލަވާލައްވާ ފަންނީ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޒިކާ ވައިރަސް ޓެސްޓް ކުރުމަށް ބޭނުންޗާ ޕީ.ސީ.އާރް މެޝިން ހޯއްދެވުމުގެ މަސައްކަތް ކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާއަށް ލިބިފައިވާ ކާމިޔާބީތައް ފާހަގަ ކުރައްވާ އިރުތިޝާމް ވިދާޅުވީ، ރާއްޖެ އަކީ މެލޭރިއާއިން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާ، ޑަބްލިއު އެޗްއޯއިން އެކަން މިދިޔަ އަހަރު އިޢުލާން ކޮށްފައިވާއިރު، މިއަހަރުގެ ތެރޭގައި ފައިލޭރިއާ ފްރީ ޤައުމެއްގެ ގޮތުގައި ރާއްޖެ އިޢުލާނު ކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މެލޭރިއާ އަދި ފައިލޭރިއާ އިން ސަލާމަތްވީ ނަމަވެސް، އެ ސްޓޭޓަސް ދަމަހައްޓަން ރައްކާތެރި ފިޔަވަޅު އަޅުއްވަމުން ގެންދަވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ޑަބްލިއު އެޗްއޯގެ ޞަރަޙައްދީ ތިން ބައްދަލުވުމެއް މިހާތަނަށް ރާއްޖޭގައި ބާއްވާފައިވާކަމަށާއި، މީގެން ދައްކުވައިދެނީ، ރާއްޖޭގެ މިދާއިރާގެ ޤާބިލިއްޔަތު ކަން ޑަބްލިއު.އެޗް.އޯ އިން ޤަބޫލްކުރާ މިންވަރު ކަމަށެވެ.