ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. ކަލައިދޫ އަދި ލ. އިސްދޫގެ ތަރައްޤީގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ދެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. ކަލައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކަލައިދޫގެ ތަރައްޤީއަށް ބޭނުންވާ ބައެއް މަޝްރޫޢުތައް ހުއްޓިފައިވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ މައްޗަށް އެރަށު ކައުންސިލުން އަލިއަޅުވާލައްވާފައިވެއެވެ. މީގެ އިތުރުން ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސްނުވެ ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކުގެ މައްޗަށް ކައުންސިލް މެންބަރުން އަލިއަޅުވާލައްވާފައިވެއެވެ. އަދި ރަށުގެ އިޙްތިސާސްގެ މައްސަލައަށް އެދެވޭ ޙައްލެއް ހޯދައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކަލައިދޫ ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ކަލައިދޫ ބަނދަރުގެ ޙާލަތު ރަނގަޅު ކުރުމާއި ފުޓްސަލް ކުޅޭނެ ބޮޑު ދަނޑެއް އެޅުމުގެ މުހިންމުކަމާއި ބޮޑު މަގުގައި ތާރުއެޅުމުގެ މަސައްކަތް ކުރިއަށް ނުގޮސް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ކަލައިދޫ ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެންނަވާފައެވެ. އަދި މީގެ އިތުރުން ރަށުގެ ކޯޒްވޭގެ ޑިޒައިނަށް ގެންނަން ފެންނަ ބައެއް ބަދަލުތައް ކައުންސިލްގެ ފަރާތުން ހުށަހަޅުއްވާފައިވެއެވެ. މީގެ އިތުރުން ކުނި ނައްތާލުމުގެ ނިޒާމުގައި ހުރި ދަތިތައް ޙައްލުކުރުމާއި ރަށުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދެއްގެ އިތުރުން ޕޮލިސް ޕޯސްޓެއް ޤާއިމުކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. އިސްދޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ ފުރަތަމަ ފަސް މަސްދުވަސް ތެރޭގައި އިސްދުއަށް ވަޑައިގެން އިސްދޫ ކައުންސިލާ ބައްދަލުކުރެއްވިކަން، ކައުންސިލް މެންބަރުން ފާހަގަކުރައްވާފައިވެއެވެ. އަދި އިސްދޫ އިޙްތިސާސްގެ މައްސަލައިގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ހައްލުކޮށްދެއްވައި، އިސްދޫ ކަލައިދޫ ރައްޔިތުންނަށް ގުޅިގެން ހަމަޖެހުމާއެކު އުޅެވޭނެ ފަދަ އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އިސްދޫ، ކަލައިދޫ އަދި ދަނބިދޫ ރައްޔިތުންނަށްވެސް ފަސޭހަވާނެ ފަދައިން އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމުގެ މުހިންމުކަމާއި، ޞިއްޙީ ފަރުވާ ތަރައްޤީކޮށްދެއްވައި އިސްދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމާއި، ބޭންކިންގ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ މުހިންމުކަންވެސް ހިމެނެއެވެ.
މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތައުލީމީ ފެންވަރު މަތިކުރުމާއި، ރަށު ބަނދަރުގެ މަސައްކަތުގެ އިތުރުން ނެރު ބަދަލުކުރުމުގެ މަސައްކަތްތާއި، ކަރަންޓާއި ފެނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.