ދޯނީގެ ކޮޅުފަސްކޮޅުގައި އިނދެ ލޯމަތިން ގެއްލެމުން ދިޔަ މާލެއާއި ދިމާލަށް ބަލަން އިންދާ މަޑުމަޑުން އަހަރެންނަށް މާޒީގެ ތެރެއަށް ވަދެވެން ފެށުނެވެ.
އަހަރެންނަކީ މެދުރާއްޖެތެރޭގެ ރަށަކަށް އުފަން މީހެކެވެ. ޢުމުރުން 5 އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. ބައްޕަ ނިޔާވުމުން މަންމަ އަހަރެން ބަލާ ބޮޑުކުރީ ވަރަށް ހާލުގައެވެ. މަންމައަކީ އެހެން ރަށެއްގެ މީހަކަށްވުމުން ރަށުގައި މަންމަގެ ތިމާގެ އެއްވެސް މީހެއްނުހުރެއެވެ. އަދި ބައްޕަ މަންމައާއި ކައިވެނިކުރީ ބައްޕަގެ ޢާއިލާގެ ނުޤަބޫލުގައިކަމުން ބައްޕަގެ ޢާއިލާގެ މީހުންވެސް އަހަރެމެންނަކީ އެޢާއިލާގެ ބައެއްކަމުގައި ނުދެކެއެވެ. މަންމަ ފަންގިވިދެގެންނާއި ރަށުގައި ގޭގޭގައި ކުނިކަހާދީގެން ހޯދާ މަދު ލާރިކޮޅުން އަހަރެންނަށް ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދެވޭތޯ އަބަދުވެސް ބަލައެވެ. މަންމަ ރަނގަޅަށް ބަނޑުފުރާ ނުކައި ހުންނަނީ އަހަރެންނަށް ބަނޑުހައިހޫނުކަމުގެ އިޙްސާސްވިޔަ ނުދިނުމަށެވެ.
މަންމަގެ މިންނެތް މަސައްކަތުން އަހަރެން ބޮޑުވަމުން ދިޔައީ ދީނީ ކަންތައްތަކަށް ލޯބިކުރާ ރަނގަޅު އަޚްލާޤެއް ލިބިގެންވާ ދަރިއެއްގެ ގޮތުގައެވެ. ސްކޫލަށް ވަންނަ ޢުމުރަށް ދިއުމުން މަންމަ އަހަރެން ސްކޫލަށް ވެއްދިއެވެ. އަހަރެން ވެސް ވަރަށް ކިޔަވާ ހިތްވެއެވެ. ހިތްވަރާއެކު މަސައްކަތްކުރަމުން ދިޔައީ އަބަދުވެސް ރަނގަޅު ނަތީޖާ ހޯދުމަށެވެ. އަހަރެންނާ އެއްކުލާހުގައި އުޅޭ ގިނަ ކުދިންނަކީ ނަތީޖާ ރަނގަޅުކުރުމަށް ޓިއުޝަނަށްދާ ކުދިންނެވެ. ނަމަވެސް މަންމަޔަށް ލިބޭ މަދުލާރިން އެކަމަށް ހޭދަކުރެވޭކަށް ނޯވެއެވެ. އެހެންކަމުން މަންމަ އަހަރެންނަށް ވިސްނައިދިނީ އަހަރެންގެ ހިތްވަރުހުރެ ކުލާހުގައި ރަނގަޅަށް މަސައްކަތްކުރާނަމަ އަހަރެންނަށް ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދޭނެކަމަށެވެ. ކަންތައްވެގެން ދިޔައީވެސް ހަމަ އެހެންނެވެ. ކޮންމެ ގްރޭޑަކުންވެސް އަހަރެންނަށް އެންމެ ރަނގަޅު ނަތީޖާ ލިބުނެވެ.
ގްރޭޑް 10 ގައި ކިޔެވުމަށް އަހަރެންކުރާ މަސައްކަތް ދެގުނައަށް އިތުރުކުރީމެވެ. އެހެން ގްރޭޑްތަކުގައި ޓިއުޝަން ނުނެގިޔަސް ގްރޭޑް 10 ގައި ޓިއުޝަން އަހަރެންނަށް ވަރަށް މުހިއްމުވިއެވެ. އަދި މަންމަ ކައިރީގައި އެވާހަކަ ބުނީމެވެ. އަހަރެންނަށް ޓިއުޝަން ނަގައިދިނުމަށްޓަކައި މަންމަ ވެސް އިތުރަށް ލާރިހޯދުމަށް ހެދިކާފަދަ ތަފާތު ކާތަކެތި ހަދާ
ވިއްކަންފެށިއެވެ. އެހުރިހާ ކަމެއް ކުރުމުގެ ސަބަބުން މަންމަގެ ސިއްޙަތަށް ވެސް އެކަމުގެ އަސަރުތައް ފެންނަމުންދިޔައެވެ. އެއްވެސް އަރާމެއްނެތި ދުވާލުދާ ހަތަރުދަމު މަންމަ މަސައްކަތްކުރަނީ އަހަރެންނަށްޓަކައެވެ. އަހަރެން ވެސް ގަދައަޅާ މަސައްކަތްކުރަމުން ދިޔައީ ގްރޭޑް 10 ކުން މުޅި ރަށް ފަޚުރުވެރިވާފަދަ ނަތީޖާއެއް ހޯދުމަށެވެ.
ގްރޭޑް 10 ގައި އަހަރެންކުރި ބުރަ މަސައްކަތުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ. މުޅި އަތޮޅުން ވެސް އެއްވަނަ ދަރަޖައިގައި އަހަރެން ފާސްވިއެވެ. އަހަންނަށްވުރެ ބޮޑަށް އަހަރެންގެ ނަތީޖާއާމެދު އުފާވެފައި ހުރީ އަހަރެންގެ މަންމަކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ގްރޭޑް 10 ނިމުމުން އިތުރަށް ކިޔެވުމަށް އަހަރެން މާލެދާން ބޭނުންވިއެވެ. މަންމަ ބޭނުންވީ ރަށު ސްކޫލުން ހައިސްކޫލްގެ ކިޔެވުން އަހަރެން ނިންމުމަށެވެ. ނަމަވެސް އަހަރެން ބޭނުންވީ ތަރައްޤީވެފައިވާ މާލޭގެ ކިޔެވުން ތަޖުރިބާ ކޮށްލުމަށެވެ. ކިޔަވަން މާލެފޮނުވަން މަންމަ އެއްބަސްވީ ވަރަށް އާދޭސްކޮށްގެންނެވެ. މަންމަގެ ލޮލުގެ ކުރިމަތިން އަހަރެން ގެއްލޭކަށް މަންމަ ބޭނުމެއްނުވެއެވެ. އަދި އެންމެ ބޮޑު ސަބަބަކަށްވީ މާލެ ކިޔަވަންދާ ގިނަ މީހުން މާލެގޮސް މިޒަމާނުގެ ވިޔާނުދާ ކަންތައްތައް ދަސްކޮށް އެގޮތަށް ބަދަލުވަމުންދާތީއެވެ. އަހަރެންނަށް އެހެންދިމާވެއްޖެނަމަ މަންމަ ވަރަށް ދެރަވާނެކަމަށް މަންމަ ތަކުރާރުކޮށް ބުނެދިނެވެ. އަހަރެންފިޔަވާ މަންމަގެ އެހެން އެއްވެސް މީހަކު މިދުނިޔޭގައި ނެތްކަން ހަނދާންކޮށްދިނެވެ.
ކޮންމެއަކަށް އަހަރެންގެ އާދޭސްތަކުގެ ނަތީޖާއަކީ މަންމަގެ ހިތާ ދެކޮޅަށް އަހަރެން މާލެފޮނުވަން އެއްބަސްވުމެވެ. އަހަރެން ފުރުވަން ދޯނި ކައިރިއަށް މަންމަ އައެވެ. މަންމައާއި ސަލާމްކޮށްލުމުން އަހަރެންގެ އަތުން ދޫކޮށްނުލާ ހުރެ ވަރަށް ގިނަ ވާހަކަ މަންމަ އަހަރެންގެ ކައިރީގައި ދެއްކިއެވެ. މާލެއަކީ ރާއްޖޭގައި އެންމެ ބޮޑަށް ތަރައްޤީވެފައިވާ ރަށްކަމެވެ. ތަނެއް ތަރައްޤީވާވަރަކަށް އެތަނެއްގައި ވިޔާނުދާ ކަންތައްތައް ވެސް ކުރިއަރާނެކަމެވެ. ތަފާތުމީހުންނާ ދިމާވާނެކަމެވެ. ކޮންމެ ޙާލެއްގައިވެސް ދީނީ ކަންކަމަށް ސަމާލުކަންދިނުމަށާއި އަބަދުވެސް މަންމަ އަހަރެން މާލެފޮނުވި މަޤްޞަދު ހަނދާންނައްތާ ނުލުމަށެވެ. އަހަރެންނަކީ ފިރިހެން ކުއްކަށްވުމުން މަގު އޮޅުވާލަން ނިކަން ފަސޭހަވާނެކަމެވެ. މަންމަގެ ވާހަކަތައް އަހަރެން އަޑުއެހީ އަޑު އަހާ ހިތުންނެވެ. އަދި އަހަރެންގެ ސަބަބުން ދުވަހަކު ވެސް މަންމަ ލަދު ގަންނަން ނުޖެހޭނެކަމުގައި ބުނީމެވެ. އަހަރެންނާ ހުރެ ދުވަހަކު ވެސް މަންމަ ހިތާމަކުރަން ނުޖެހޭނެކަމުގެ ޔަޤީންކަން އަހަރެން މަންމައަށް ދިނީމެވެ. މަންމަ ފަޚުރުވެރިވާ ފަދަ ރަނގަޅު ނަތީޖާއެއް ހޯދައިގެން އެނބުރި ރަށަށް ޚިދުމަތް ކުރުމަށް އަންނާނެކަމުގައި ބުނީމެވެ. އަހަރެން ދޯންޏަށް އެރީ އެންމެ ފަހުމީހާގެ ގޮތުގައެވެ. ދޯނި ރަށުގެ ނެރުން ނިކުމެގެން މާލެއާއި ދިމާލަށް މިސްރާބުޖެހި އިރުވެސް މަންމަ ހަމަ އެހުރި ފިޔަވަޅުމަތީގައި ހުއްޓެވެ.
މާލެ އައިސް އަހެރެން ހުންނަން ހަމަޖެހުނީ މަންމަގެ ތަޢުލީމީ ޙަޔާތުގެ އެކުވެރިއެއްގެ ގޭގައެވެ. އެގޭ ދައްތައަކީވެސް މަންމަހާ ހެޔޮ ދައްތައެކެވެ. މަންމަގޮތަށް ދީނީ ކަންތައްތަކަށް ދައްތަ ވެސް ވަރަށް ސަމާލުކަންދެއެވެ. އެގޭގައި ހުންނަނީ ދެފިރިހެން ކުދިންނެވެ. ބޮޑުކުއްޖާކަމުގައިވާ އިޔާޒް އުޅެނީ ކިޔަވާ ނިންމުމަށްފަހު ސަރުކާރު އޮފީހެއްގައެވެ. މުނާޒްއަކީ އަހަރެންނާ އެއްވަރުގެ ކުއްޖެކެވެ. މިއަހަރު އޭލެވެލްއަށް ކިޔަވަންފަށާ ކުއްޖެކެވެ.
މާލެ އައިތާ ހަފްތާއެއްގެ ތެރޭގައި ކިޔެވުން ފެށިއްޖެއެވެ. ކިޔަވަންފެށުމުން އަހަރެންނާ މުނާޒްގެ އެކުވެރިކަން ވަރުގަދަވިއެވެ. އެކަކު އަނެކަކަށް ކިޔެވުމުގައި އެހީތެރިކަން ދެމުންދިއުމުގެ ސަބަބުންނެވެ. ގޭގައިވެސް ދައްތަ އެއްވެސް ވަރަކަށް އެގޭ ކުދިންނާއި އަހަރެން ތަފާތެއްނުކުރެއެވެ. ކޮންމެ ދުވަހަކު އެއްފަހަރު މަންމަ އަހަންނަށް ގުޅައިގެން އަހަރެންގެ ޙާލުބަލައެވެ. ގުޅާ ކޮންމެ ފަހަރަކު އެތަކެއް ނަޞޭޙަތެއްދެއެވެ. ފޯނުބާއްވަމުން އަބަދުވެސް އެންމެފަހު ބަހަކަށް އަހަރެން މާލެ އައި މަޤްޞަދު ހަނދާން ނައްތާނުލުމަށް ބުނާނެއެވެ.
ދުވަސްތައް އޭގެ ހަލުވި ދުވެލީގައި ފާއިތުވަމުންދިޔައެވެ. އަހަރެންގެ ކިޔެވުން ވެސް ކުރިއަށް ދިޔައެވެ. ގްރޭޑް 11 ނިންމާ ގްރޭޑް 12 އަށް އަހަރެން ބަދަލުވީ ވަރަށް ފުރިހަމަ ނަތީޖާއަކާއި އެކުގައެވެ. ގްރޭޑް 12 ގައި އަހަންނާއި މުނާޒް ދިޔައީ ދެ ކުލާހަކަށެވެ. އަނޫފް އާއި ދިމާވީ އެކުލާހުންނެވެ. އަނޫފްއަކީ ކުދިންނާ އަވަހަށް އެކުވެރިވާ ކުއްޖެއްކަން ފުރަތަމަ ދުވަހުންވެސް އަހަންނަށް އެނގިގެންދިޔައެވެ. އަހަރެންނަށް އަނޫފް ސިފަކުރެވުނީ ހިތްހެޔޮ ރަނގަޅު ކުއްޖެއްގެ ގޮތުގައެވެ. ފުރަތަމަ ދުވަހުވެސް އަނޫފްއަކީ ކޮންފެންވަރެއްގެ ކާކުކަން ބުނެދިނެވެ. މުޅި ރާއްޖެއަށް މަޝްހޫރު ވިޔަފާރިވެރިއެއްގެ ހުރި ހަމައެކަނި ދަރިކަމެވެ. އަހަރެން ވަރަށްއުފާވިއެވެ. އަނޫފްގެ މަންމައާއި ބައްޕައަކީ އަހަރެންވެސް ޓީވީތަކުންނާއި ނޫސްތަކުން ދަންނަ ދެ މޫނެވެ. މުޅި ރާއްޖެއަށް މަޝްހޫރު ވިޔަފާރިވެރިންނަށް ވުމުންނެވެ.
އަނޫފްއާއި އޮތް ގުޅުން ބަދަހިވަމުންދިޔަވަރަކަށް މުނާޒް އާއި އޮތް ގުޅުންދިޔައީ ހީނަރުވަމުންނެވެ. ހީނަރުވަމުން ދިޔައީ ހަމައެކަނި މުނާޒްއާއި އޮތް ގުޅުމެއްނޫނެވެ. އެގޭ ދައްތައާއި އަދި އަބަދުވެސް އެކަންތައްތަކެއް ދޫކޮށްނުލުމަށް މަންމަ އަހަރެންނަށް ނަޞޭހަތްދެމުންދާ ދީނީ އަޅުކަންތަކާއި އޮތް ގުޅުންވެސް ދިޔައީ ހީނަރުވަމުންނެވެ. އަނޫފްގެ މުއްސަނދި ދިރިއުޅުމަށް އަހަރެންގެ ލޯބިޖެހެމުން ދިޔުމުގެ ނަތީޖާއަކީ މަންމަގެ ނަޞޭހަތްތަކުގެ އަޑު އަހަންނަށް ފަނޑުވަމުންދިޔުމެވެ. ކުރިން ކިތައްމެ ގިނައިރަކު މަންމަ ނަޞޭޙަތް ދިނަސް އެއަޑުތައް އަހާ އަހަރެން ފޫހިނުވެއެވެ. ނަމަވެސް މިހާރު އެއަޑުތައް އަހަން އަހަރެން ފޫހިވެއެވެ. މަންމަ ގުޅައިފިއްޔާ އަވަސް އަވަހަށް ފޯނު ބާއްވަނީއެވެ. ނޫނި ފޯނު ނުނަގަނީއެވެ. ގިނަފަހަރަށް ފޯނު ނަގާނެ ވަގުތެއްވެސް އަހަންނަކަށް ނުވެއެވެ. އަނޫފް އާއި އެކުގައި ބޭރުތެރޭގައި
އުޅުމުގެ ސަބަބުން އަހަރެންގެ ކިޔެވުމަށްވެސް ދިޔައީ އެއަސަރުތައް ކުރަމުންނެވެ. ކިޔަވަދޭ ޓީޗަރުންވެސް އެވާހަކަ އަހަރެން ހުންނަގޭ ދައްތައާއި ހިއްސާކުރިއެވެ. ދައްތަ އެވާހަކަތައް ދެއްކުމުން އެކަމާ އަހަރެން ކައިރިއަށް އައީ ރުޅިއެވެ. އަދި އަހަރެން ދެކުނީ އެގޭގައި ހުރުމުން އަހަރެންގެ މިނިވަންކަން ގެއްލޭކަމުގައެވެ. އެވާހަކަތައް ދެއްކުމުން އަނޫފް ބުނީ އަނޫފްގެ ގެއަށް ބަދަލުވުމަށެވެ. އެގޭގައި ގިނައިން އުޅެނީ އަނޫފް އެކަނިކަމުގައެވެ. އަނޫފްގެ މައިންބަފައިން އަބަދުވެސް އުޅެނީ ވިޔަފާރީގެ ކަންކަމުގައި އެއްޤައުމުން އަނެއް ޤައުމުގައެވެ. ގޭތެރެ ސާފުކޮށް ކައްކާ އެހެނިހެންވެސް ކަންތައްތަކަށް ކުރަން ގޭގައި ނޯކަރުން ތިބެއެވެ.
މުނާޒް އާއި ދައްތަ އާދޭސްކޮށްކޮށް ހުއްޓާ އަހަރެން އެގެއިންނިކުތީ އަހަރެންނަށް ދެވެން މިއުޅެނީ އަހަރެންގެ ދިރިއުޅުން ބަރުބާދުވެގެން ދާނެތަނެއްކަން ނޭނގޭ ޙާލުގައެވެ. އަހެރެން ވިސްނީ މުއްސަނދި ގެއެއްގައި އުޅެންލިބުމަކީ ނަޞީބެއްކަމުގައެވެ. އެގެއިން ނިކުތްހިސާބުން މަންމައާއި އޮތް ގުޅުންވެސް އެއްކޮށް ކެނޑިގެން ހިނގައްޖެއެވެ. މަންމަ ގުޅިޔަސް އަހަންނަކަށް ފޯނުނެގޭކަމަކަށް ނުވެއެވެ. ބޮލަށް އުނދަގޫވެގެން ފޯނުނެގިޔަސް މަންމަ ދައްކާވާހަކަތައް އަހަރެން އަޑުނާހަމެވެ. މަންމަ އަހަންނަށް ހޯދައިނުދޭ އުފާވެރި މުއްސަނދި ދިރިއުޅުމެއް އަހަންނަށް ލިބުމުން އެކަމަށް ހުރަސްނޭޅުމަށް ބުނީމެވެ. އޭގެފަހުން މަންމަ އަހަންނަކަށް ނުގުޅައެވެ. އެކަމާ އަހަރެން ދެރައެއްވެސް ނުވެއެވެ. ދެރަވުމުގެ ބަދަލުގައި އަހަރެންދެކުނީ އަހަރެންގެ ބޮލަށް އެކަމުން ލުއިވީކަމުގައެވެ.
އަނޫފްއާއި އެކުގައި އަނޫފުގެ ބައްޕަގެ ރިސޯރޓްތަކަށް ދިޔުމާއި މާލޭގެ އަގުބޮޑު ރެސްޓޯރެންޓްތަކުން ކެއުމަކީ އަހަރެން ހުވަފެނުންވެސް ނުދެކޭ ކަންކަމެވެ. އަގުބޮޑު އަންނައުނުލާ އަގުބޮޑު ކާރުތަކުގައި ހުޅުމާލެއާއި މާލޭގެ ބޮޑެތި މަގުތަކުގައި ދުއްވާލުމަކީ އަހަރެންގެ އާދައަކަށްވެއްޖެއެވެ. އަހަރެން މާލެއައި ބޭނުންމަތިން އެއްކޮށް އަހަރެން ހަނދާންނެތިއްޖެއެވެ. ރޭގަނޑު ހަތަރުދަމު މަޖަލުގައި ހޭދަކުރުމަށްފަހު ދުވާލު ހަތަރުދަމު ނިދުމަކީ އަހަރެންގެ އާދައެވެ. ސްކޫލަށްވެސް ނުދަމެވެ. އަނޫފުގެ އެކުވެރިންނާއެކުގައި ސިނގިރޭޓް ބޮއި މިޒަމާނުގައި ޒުވާނުން އެވަބާއެއްގައި ޖެހި މަސްތުކުރަމުންދާ މަސްތުވާތަކެތީގެ ވަބާގައިވެސް އެންމެ ފަހުން އަހަރެން ޖެހިއްޖެއެވެ. އެކަންތައް އަހަންނަށްވީ މުޅިން އާ ދުނިޔެއަކަށް ދެވުނުފަދައެވެ.
އެއްރެއެއްގެ މެންދަމު ވަގުތެވެ. އަހަރެންނާއި އަނޫފް އަދި އަހަރެމެންގެ ގްރޫޕް ތިބީ އަނޫފްމެންގޭގައި މަސްތުގެ ޙާލުގައި ޕާރޓީކުރާށެވެ. އަންހެންކުދިންނާއި ފިރިހެން ކުދިންނެވެ. މަސްތުގެ ޙާލުގައިތިބެ އަންހެންކުދިންނާއި ފިރިހެން ކުދިން ގައިގޯޅިވެ އެކަންތައް އިމުންބޭރުވެ ދިޔައިރުވެސް އަހަރެމެންނަކަށް ހޭވެރިކަމެއް ނުވިއެވެ. ވަގުތީ އުފަލެއްގައި
ގެނބެމުންދިޔަ އަހަރެންނަށް ހޭވެރިކަންވީ ކުއްލިޔަކަށް އެޕާރޓްމެންޓްގެ ދޮރުހުޅުވާލާފައި ޕޮލިހުން ވަނުމުންނެވެ. އޭރު އެތަނުގައި ހޭވެރިކަން ހުރި އެކަކުވެސް ނެތެވެ.
ހަމަހޭވެރިކަންވީއިރު އަހަރެންނާ އެކުވެރިން ތިބީ ޕޮލިސްޓޭޝަންގައި މީހުން ބަންދުކޮށްފައި ހުންނަ ގޮޅީގައެވެ. މަސްތުވެ ތިއްބާ އަހަރެމެން ހައްޔަރުކުރިކަމުގެ ޚަބަރުން އިސާހިތަކު މުޅި މީސްމީޑިއާ ފުރާލައިފިއެވެ. ލަދުވެސް ގަތެވެ.ދެރަވެސްވިއެވެ. ނަމަވެސް މިއަދު ކުރާނެކަމެއްނެތެވެ. އަނޫފް އާއި ދެންވެސް ތިބި އެހެން ކުދިންގެ މައިންބަފައިން އައިސް އެކުދިން ސަލާމަތްކުރެވޭތޯ މަސައްކަތްކުރާތަން ބަލަން އަހަރެން ހުރީ އިންތިހާއަށް ދެރަވެފައެވެ. އަހަރެންގެ އެކަކުވެސް ނެތެވެ. ހުރީ ހަމައެކަނި މަންމައެކެވެ. އެމަންމަވެސް ވަނީ ހަމަ އަހަރެންގެ ސަބަބުން ދުރުވެފައެވެ.
އަހަރެމެން ހައްޔަރުކުރިތާ 5 މަސްތެރޭގައި ދައުވާކޮށް މައްސަލަބަލާ އަހަރުމެން ބޭނުންކުރި މަސްތުވާތަކެތީގެ ބާވަތަށްބަލާފައި އަހަންނަކީ ޢުމުރުން 18 ނުވާ ކުއްޖަކަށްވުމުން އަހަރެންގެ މައްޗަށް ޙުކުމްކުރީ 1 އަހަރުދުވަހަށް ޖަލަށްލުމަށެވެ. އަދި ޙުކުންކުރުމަށްފަހު އޮތް ސެންޓެންސިންގ ކޮންފަރެންސްގައި ޖެންޑާއިން އަހަންނާބެހޭގޮތުން ތައްޔާރުކޮށްފައިވާ ރިޕޯރޓަށްބަލާފައި ނިންމީ ގޭގައި ބަހައްޓައިގެން 1 އަހަރުދުވަހުގެ ރިހިބިލޭޓް ޕްރޮގްރާމެއް ހިންގުމަށެވެ. އަދި މި ޕްރޮގްރާމް ހިންގުމަށްޓަކާ އަހަރެން ބެހެއްޓީ މުނާޒުމެންގެ ގޭގައެވެ. މުނާޒުގެ މަންމައަކީ ވަރަށް ރަނގަޅު ޚާއްސަކޮށް މަންމަޔާދޭތެރޭ ވަރަށް ވިސްނާ މަންމަޔަށް ހެޔޮއެދޭ އެކުވެރިއެއްކަން މިކަންތައްތަކުން އަހަންނަށް ހާމަވެގެންދިޔައެވެ.
ރިހިބިލޭޓް ޕްރޮގްރާމްގައި 1 އަހަރުދުވަހު ހުރިއިރު އަހަންނަށް އަހަރެންގެ ކުށްޤަބޫލުކުރެވި ވެދިޔަ ކަންތައްތަކާ ވަރަށް ހިތާމަކުރީމެވެ. އަހަރެން މަސްތުވާތަކެތި ބޭނުންކޮށްގެން ހައްޔަރުކުރިކަން މަންމައަށް އެނގުމުން ވާނެ ދެރަ އަހަންނަށް އިޙްސާސްކޮށްލެވުނެވެ. މަންމަ މަތިން ވަރަށްބޮޑަށް ހަނދާންވިއެވެ.ނަމަވެސް އަހަރެން ނިންމީ އަހަރެން އެއްކޮށް ރަނގަޅުވެގެން ނޫނީ މަންމަޔަށް ނުގުޅުމަށެވެ. ޙަޤީޤަތުގައި ގުޅަންވެސް ނުކެރުނީއެވެ. ކުރީގެ ދިރިއުޅުމަށް ރުޖޫޢަވުމަށްޓަކައި މުނާޒް އާއި މުނާޒްގެ މަންމަގެ ފަރާތުން އަހަންނަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބުނެވެ. މުނާޒް މަންމަގެ ފަރާތުން މަންމައަށް އަހަރެން މަސްތުވާތަކެއްޗާއެކު ހައްޔަރުކުރިކަން އެނގުނުކަމާއި ރަށުމީހުން އެކަމަށް މަންމައަށް މަލާމާތްކުރާކަން ވެސް އެނގުނެވެ. އެކަމާ މަންމަ ވަރަށް ހިތާމަކުރާކަމާއި މިހާރު އުޅެނީ ވަރަށް ބަލިވެކަން ވެސް އެނގުނެވެ.
ދުވަސްތައް ހަފްތާތަކަށް ހަފްތާތައް މަސްތަކަށް ބަދަލުވަމުންގޮސް 1 އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. އަދި އަހަރެންގެ އުޅުމަށްބަލާފައި އަހަރެން މިނިވަންވިއެވެ. ހަމައެދުވަހު އަހަރެންބޭނުންވީ މަންމަ ކައިރިޔަށް ރަށަށްދިއުމަށެވެ. އަދި ރަށު ދޯންޏެއްހޯދައިގެން ރަށަށްދާން ދަތުރުފެށީމެވެ.
ޚިޔާލުތަކުން އެނބުރި ނިކުމެވުނު އިރު ދޯނި އޮތީ ރަށުގެ ބަނަރާއި ކައިރިކޮށްފައެވެ. ޖެޓީ މަތީގައި ވަރަށް ގިނަމީހުން ތިއްބެވެ. އަހަރެން ފެނުމުން ބައެއްމީހުންގެ މޫނުމަތިން މަލާމާތުގެ ހިނިތުންވުން ފެނިގެންދިޔައެވެ. ނަމަވެސް މީހުންގެ މޫނަށް ބެލުމެއްނެތި އަހަރެން ދޯނިން ފައިބައިގެން ކޮނޑުގައި ދަބަސް އަޅުވާލައިގެން ގެއާއި ދިމާލަށް ހިނގައިގަތީމެވެ. ގެ ހުންނަ މަގަށް ނިކުމެވުނު އިރު ގޭ ދޮރުމަތީގައި ގިނަ ޢަދަދަކަށް މީހުން ތިބިތަން އަހަންނަށް ފެނި ޙައިރާންކަމެއް ލިބުނެވެ. އަހަރެން ފެނުމުން އެތާގައިތިބި ގިނަ މީހުންގެ މޫނުމަތީގައި ހުރި ހިތާމަވެރިކަން ފިލާ ރުޅިވެރިކަމުގެ އަސަރުތަކަށް ބަދަލުވަމުންދިޔައެވެ. " ތިކަހަލަ ދަރިއަކު އެއްވެސް މަޔަކަށް ނުލިބުނިއްޔާ ރަނގަޅުވާނީ " އެކަކު ބުނިއަޑު އިވުނެވެ. " ދެން ކީއްކުރަން ކޯޗެއްހޯދަން ކަލޭ ތިއައީ " ދެވަނަ މީހަކު ބުންޏެވެ. " ކަލޭ ކޯޗަކުންތަ މަތިން ފާސްނަގައިގެން ތިއައީ ؟ " ތިންވަނަ މީހާ ބުނި އަޑު އިވުނެވެ. " އެކަނި މާ އެކަނި މުޅި ރަށުގައި ގަނަތެޅިގެން ދަރިއަކު ބަލާ ބޮޑު ކުރީމަ ތީތަ އެމަންމައަށް ދޭންވީ އިނާމަކީ؟ " އެއްވެސް މީހެއްގެ ވާހަކައަކަށް ރައްދުދޭކަށް އަހަރެން ބޭނުމެއް ނޫނެވެ. ޙަޤީޤަތުގައި އެއް ވެސް މީހެއްގެ ވާހަކައަށް ޖަވާބު ދެވޭކަށް އަހަންނަކަށް ނެތެވެ. އެ އެންމެން އެދައްކަނީ ތެދު ވާހަކައެވެ. އަހަންނަކީ މިއަދު ބޮޑު ކުށްވެރިއެކެވެ. އެހެންކަމުން އަހަރެން ގޮސް ގޭގެ ސިޓިންގ ރޫމަށް ވަނީމެވެ. އެވަގުތު އަހަންނަށް ފެނުނު މަންޒަރަކުން ދެފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އެހެން ނުވާނީ ކީއްވެ ހެއްޔެވެ؟ ސިޓިންގ ރޫމުގެ މެދުގައި ހުރި އުސްމޭޒެއްގެ މަތީގައި ކަފުންކޮށްފައި އެއޮތީ އަހަރެންގެ ލޯބިވާ މަންމައެވެ. އަހަންނަށްޓަކާ އެތަކެއް ޤުރުބާނީއެއްވި އަހަރެންގެ ހިތްވަރުގަދަ މަންމައެވެ. އަހަރެންގެ އަތުން ދަބަސް ދޫވެއްޖެއެވެ. ދުވެފައި މަންމަގެ ކައިރިއަށް ގޮސް މަންމަގެ ހަށިގަނޑުގައި އޮޅުލައިގަނެވިއްޖެއެވެ. އަޑުން އަޑުނަގާ ރޮވޭންފެށިއެވެ." މަންމާ ! އަހަންނަށް މާފުކުރޭ! އަހަރެން ދެން ދުވަހަކުވެސް މަންމަ ދެރަވެ ލަދުގަންނަ ފަދަ ކަމެއް ނުކުރާނަން....އެއްފަހަރުވެސް ލޯހުޅުވާލާފައި އަހަންނަށް މާފުކޮށްފީމޭ ބުނެލަބަލަ ....! މަންމަގެ ކިބައިން މާފުނުލިބި އަހަރެންނަށް އެއްވެސް ހަމަޖެހުމެއް ނުލިބޭނެ..! މަންމަޔާނުލާ އަހަރެން މިދުނިޔޭގައި އުޅޭނީ ކިހިނެއް ؟ ...." ރޮމުން ރޮމުން އަހަރެން ވާހަކަދެއްކީމެވެ. ނަމަވެސް މިއަދު އަހަރެންގެ ކަރުނަތައް ފޮހެދޭކަށް މަންމަގެ އަތެއް ޙަރަކާތެއް ނުކުރާނެއެވެ. އަހަންނަށް މާފުކޮށްފީމޭ ބުނާކަށް މަންމަގެ ދުލެއް ޙަރަކާތެއް ނުކުރާނެއެވެ. އެންމެ ފަހު ފަހަރަށްވެސް އަހަރެން ދެކިލާކަށް މަންމަ ލޮލެއްނުހުޅުވާނެއެވެ. " ކޮއްކޯ .. ! ދެން ހުއްޓާލާ . މަންމަ އެވަނީ އެނބުރި އައުމެއްނެތް
ދުނިޔެއަށް ދަތުރުކޮށްފައި. ދެން މަންމަގެ ކިބައިން މާފަށް އެދުމުގެ ބޭނުމެއްނެތް. މަންމަޔާ ދޭތެރޭގައި ކޮއްކޮއަށް ކުރިން ވިސްނާލެވުނުނަމަ... ނަމަވެސް މިއަދު ކުރާނެ ކަމެއްނެތް. ކޮއްކޮ ވިޔާނުދާ ކުއްޖަކަށް ވުމުން އެކަމުގެ ހިތާމައިގައި މަންމަ ވަރަށް ބޮޑަށް ބަލިވެ އުޅުނީ . އެންމެ ފަހުން މިއަދަކީ ނިޔާވި ދުވަސް. ދުނިޔޭގައި މަންމަ ހުއްޓާ ކޮއްކޮއަށް މަންމަގެ ޤަދަރު ވިސްނުނުނަމަ ކިހާ ރަނގަޅު. މަންމަ އެންމެ ފަހުންވެސް ބުނީ ކޮއްކޮގެ ވާހަކަ ... މަންމަގެ ހިތުގައި އެއްވެސް ހިތްބުރަކަމެއް ނެތްވާހަކަ. އަދި އެންމެ ފަހުވަގުތުވެސް އިންތިޒާރުކުރީ އެމަންމަގެ ދަރިފުޅު ފެނިލުމަށް. މަރުވުމުގެ ކުރިން ބުނި އެންމެ ފަހު ބަހަކީ އަހަރެންގެ ދަރިފުޅުކައިރީގައި ބުނެލަދޭށޭ ކަފުނުގައި އަޅައި ސަންދޯކުގައި މަންމަ ބާއްވާލަދޭށޭ .."
މުދިންބޭގެ ވާހަކަތަކުން އިތުރަށް އަހަރެންނަށް ހިތުގައިޖެހި ރޮވުނެވެ. ނަމަވެސް ހިތްވަރުކޮށްފައި މަންމައަށް އެންމެ ފަހުގެ ވަދާޢީ ސަލާމްކުރުމަށްފަހު ކަފުނުން މަންމަގޭ މޫނު އަޅާއި ސަންދޯކުގައި ބޭއްވުމަށް އެހީތެރިވެދިނީމެވެ. މަންމަގެ ކަށުކަމާކެމީގެ ކަންތަކުން ނިމި އެނބުރި ގެއަށް އައީ އެއްވެސް ދިރުމެއްނެތިއެވެ. މަންމަގެ އެނދުގައި އޮށޯއްވެދެލޯމަރާލީ ކަފުނުގައި އެޅި މަންމަގެ މޫނުމަތިން ހަނދާންކުރުމުގައި މުޅި ޢުމުރު ހުސްކޮށްލުމުގެ ނިޔަތުގައެވެ.
- ނިމުނީ -