ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. އިސްދޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު އިސްދޫ ކައުންސިލް އިދާރާގައެވެ.
މިބައްދަލުކުރެއްވުމުގައި ކައުންސިލްގެ މެމްބަރުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ ފުރަތަމަ ފަސް މަސްދުވަސް ތެރޭގައި އިސްދުއަށް ވަޑައިގެން އިސްދޫ ކައުންސިލާ ބައްދަލުކުރެއްވިކަން، އުފަލާއެކު ފާހަގަކުރައްވާފައެވެ. އަދި އިސްދޫ އިޙްތިސާސްގެ މައްސަލައިގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ހައްލުކޮށްދެއްވައި، އިސްދޫ ކަލައިދޫ ރައްޔިތުންނަށް ގުޅިގެން ހަމަޖެހުމާއެކު އުޅެވޭނެ ފަދަ އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އިސްދޫ، ކަލައިދޫ އަދި ދަނބިދޫ ރައްޔިތުންނަށްވެސް ފަސޭހަވާނެ ފަދައިން އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމުގެ މުހިންމުކަމާއި، ޞިއްޙީ ފަރުވާ ތަރައްޤީކޮށްދެއްވައި އިސްދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމާއި، ބޭންކިންގ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ މުހިންމުކަންވެސް ހިމެނެއެވެ.
މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތައުލީމީ ފެންވަރު މަތިކުރުމާއި، ރަށު ބަނދަރުގެ މަސައްކަތުގެ އިތުރުން ނެރު ބަދަލުކުރުމުގެ މަސައްކަތްތާއި، ކަރަންޓާއި ފެނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.