ވަރުދާ ދޮންނަމެޝިން އަށް ހެދުންތަށް އަޅަމުން ދިޔައިރު ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. މީހަކަށް އަޑު އިވިދާނެތީ ދެތުންފަތް ފިއްތައިގެން ވަރުދާ ހުރި އިރު ދެއަތްވެސް ތުރުތުރު އަޅައެވެ. މެޝިން އޮން ކޮށްލަމުން ބެލްކަނިން އެތެރެއަށް ވަނުމަށް ވަރުދާ އަވަސްވެގަތެވެ. އެވަގުތު ގޭތެރެއިން މީހެއްގެ އަޑު އިވުމާއެކު އަވަސް އަވަހަށް ދެލޯ ފުހެލަމުން ބަލާލިއިރު މަސްކޮތަޅެއް ހިފައިގެން ވަރުދާގެ ބޮޑުދައިތަ ރާމިޒާގެ ފިރިމީހާ ކާސިމް ސިންކު ކައިރިއަށް އަންނަނީއެވެ. ސިންކު ހުންނަނީ ބެލްކަނި ކައިރީ ކަމުން ކާސިމް އެތަނަށް ޖެހިއްޖެނަމަ ވަރުދާއަކަށް ދެން ކާސިމް ގައިގައި ނުޖެހި އެތާކުން ނުނުކުމެވޭނެއެވެ. ކާސިމް އަށް އެހިސާބަށް އާދެވުމުގެ ކުރިން ވަރުދާ ހުށިޔާރު ކަމާއެކު އެތަނުން ދެމިގަތެވެ. "ވީޑިއޯ" ލާނެއްގޮތަކަށް ހީލަމުން ކާސިމް ބުނެލިއެވެ. ވަރުދާ އިވޭ ކަމަށްވެސް ނުހަދާ ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރި ދޮރުގެ ތަޅު ހަލާކުވެފަ ހުރުމުން ފާހާނައަށްވަދެ ދޮރު ތަޅުލުމަށްފަހު ދޮރު ކައިރީއިށީދެ މޫނުގައި ދެއަތްއަޅާ ރޯންފެށިއެވެ.
ވަރުދާގެ އުމުރުން އެންމެ ދެއަހަރުގައި ވަރުދާގެ މަންމައާއި ބައްޕަވަނީ ސައިކަލް އެކުސިޑެންޓުއެއްގައި ނިޔާވެފައެވެ. އެދުވަހުން ފެށިގެން ވަރުދާ ބަލަމުން ދަނީ ވަރުދާގެ މަންމަ ފަރާތު ބޮޑުދައިތަ ރާމިޒާއެވެ. ރާމިޒާ ތިން ކައިވެނި ކުރިއެވެ. ކުރިން ރާމިޒާއާއިއެކު އެކު ވަރުދާ އުޅުނީ ރަށުގައެވެ. ރަށުން ރާމިޒާއާއި ކައިވެނި ކުރި ދެމީހުންވެސް ވަރުދާއަށް ނުހަނު ރަނގަޅެވެ. އެހެނަސް ރާމިޒާއަށް ދަރިން ނުލިބޭތީ
ކޮންމެ މީހެއްވެސް ރާމިޒާ ދޫކޮށް ދަނީއެވެ. ކާސިމްއަކީ ވައްކަމުގެ މައްސަލައެއްގައި ރަށަށް އަރުވާލި މާލެ މީހެކެވެ. ކާސިމްއާއި ރާމިޒާ ކައިވެނިކޮށް ދިރިއުޅުން މާލެ ބަދަލްވީއެވެ. އޭރު ވަރުދާގެ އުމުރުން 10 އަހަރެވެ. ކާސިމް ކުރިން އިން މީހައަށް ވަރުދާއާއި އެއް އުމުރުގެ ފިރިހެން ދަރިއަކު ހުރެއެވެ. ވަރުދާއަށް މާލެ ފެނުނީ ފަސްފުންޔެއް މައްޗަށް އުކާލާފައިވާ ގާތަކެއް ސިފައިގައެވެ. ފުރަތަމަ މާލެ ބިމުގައި ފައި ޖެހުމާއެކުވެސް ވަރުދާގެ ހިތް ނުތަނަވަސްވިއެވެ. ގެއަށްވަދެވުމާއެކު ކޮއްޓަކަށް ވަދެވުމުގެ އިހުސާސް ކުރެވުނެވެ. ހަފުތާއެއް ވަންދެން ރާމިޒާ ކައިރީ ރަށަށް ދާން ހިގާށޭ ބުނެ އާދޭސް ކުރަމުން ރުޔެވެ. ރާމިޒާ އެތަށް ވާހަކައެއް ދައްކައިގެން ވަރުދާ ހަމައަކަށް އަޅުވަނީއެވެ. މާލެ ސުކޫލަށް ބަދަލުވެ އާ ރަޙުމަތް ތެރިން ވަރުދާއަށް ލިބުނެވެ. ރަށުގައި މޮޅަށް ކިޔެވިޔަސް ވަރުދާއަށް މާލެ އައިސް އެ ނަތީޖާއެއް ނުނެރެވުނެވެ. އެހެނަސް ފާސްވަމުން ދިޔައެވެ. ވަރުދާ ސުކޫލަށް ގެންގޮސް ގެނެސް ހަދަނީ ކާސިމްއެވެ. ކާސިމްވެސް ވަރުދާ ބަލަމުން ދިޔައީ ދަރިއެއް ފަދައިންނެވެ.
އަހަރުތަށް ފާއިތުވަމުންގޮސް ވަރުދާގެ ކިޔެވުންވެސް ނިމިއްޖެއެވެ. ރާމިޒާ ބޭނުންވި ކަހަލަ މޮޅު ނަތީޖާއެއް ވަރުދާ ހޯދިއެވެ. އޯލެވެލްގެ 5 ވަނަގައިގައި ވަރުދާގެ ނަން ހިމެނުނެވެ. އޯލެވެލް ނިންމާ އޭލެވެލް ކިޔަވަން ބޭނުންވުމުން އެފުރުސަތުވެސް ކާސިމް ވަރުދާއަށް ދިނެވެ. ވަރުދާ މަންމައާއި ބައްޕަފަދައިން ރާމިޒާއާއި ކާސިމްއަށް އިޙްތިރާމު ކުރެއެވެ. ލޯބިވެއެވެ. އެހެނަސް އެކަން ބަދަލްވީއެވެ. އޭލެވެލް ފެއްޓި ކުރިއެކޭވެސް އެއްގޮތަށް ވަރުދާ ސުކޫލަށް ގެންގޮސް ގެނެސް ހަދަމުން ދިޔަ ކާސިމްގެ ހިތަށް ވަހުށީކަން ވަނީ މީހަކު ބުނެލި އެންމެ ޖުމުލައަކުންނެވެ. ސުކޫލް ކަންމަތީ ސައިކަލްގައި މަޑުކޮށްގެން އިން ކާސިމް ކައިރިއަށް އޭރު ވަރުދާ އަންނަނީއެވެ. ކާސިމްއާއި ދާދިކައިރިން ސިނގިރެޓް ބޮމުން ދިޔަ ދެމީހުން އެކަކު އަނެއްކަކަށް ބަލާލަމުން "ވާސަރީ.. އެހެރަ ބަޑިޔާދު ކަމެއް... ފައްކާވާނެ" ކާސިމް އެދެމީހުންނަށް ބަލާލިއިރު ދެމީހުންގެ ނަޒަރުވަނީ ވަރުދާއަށް ހުއްޓިފައެވެ. ދެމީހުންގެ ތުންފަތަށް ވެރިވި ލާނެއް ހިނިތުންވުން ކާސިމްއަށް ފެނުނެވެ. ރުޅިއައިސް އެއްޗެކޭ ބުނަން ސައިކަލުން ފައިބަނިކޮށް ވަރުދާ ދުވެފައި އައިސް ސައިކަލަށް އަރައިފިއެވެ. ކާސިމްވެސް އިތުރަށް އެއްޗެއް ބުނަން ނުހަދާ ދިޔައީއެވެ.
އެދުވަހުގެ ފަހުން ކާސިމްއަށް ވަށްކަޅިން ވަރުދާގެ ހަށިގަޑަށް ބެލެން ފެށުނެވެ. އިޙްތިޔާރުން ބޭރުގައެވެ. ބައެއްފަހަރު ލޯބިންކަމަށް ހަދާ ވަރުދާގެ ކޮޑުގައި ނޫނީ އަތުގައި ބީހިލައެވެ. އެކަން ވަރުދާއަކަށް މާބޮޑު ކަމަކަށް ނުވެއެވެ. ބައްޕައަކު ފަދައިން ދެކޭ މީހަކު އެފަދަ ކަމެއް ކުރާނެއޭ ވަރުދާގެ ހިތެއް ނުބުނެއެވެ. ދުވަސްތަށް ފާއިތުވަމުން ދިޔަވަރަކަށް ކާސިމް ވަރުދާއާއިމެދު ދެކެމުންއައި ގޮތް ބަދަލްވާން ފެށިއެވެ. ދަރިއަކު ފަދައިން ބަލަމުން އައި ކުއްޖަކާމެދު ކާސިމްގެ ހިތުގައި ހިގަމުން ދިޔައީ އެހެން ކުޅިގަނޑެކެވެ. ވަރުދާ ސުކޫލަށް ގެންދާއިރު ގަސްދުގައި ސައިކަލްގެ ބުރޭކި ޖައްސާ ކާސިމް ގައިގައި ވަރުދާ ޖެހޭގޮތް ހަދަން ފެށިއެވެ. ސުކޫލުން އައިސް ގެއަށްވަންނައިރު ވަރުދާ ކޮޑުގައި ހިފައިގެން ނޫނީ ނުވަދެއެވެ. މަޖަލަށް ކަމަށް ހަދާ ކޮންމެވެސް ވާހަކައެއް ދައްކަމުން ވަރުދާއާއި ގައިގޯޅިވާން ފެށިއެވެ. މިކަންތަށް ތަކުރާރު ވާން ފެށުމުން ވަރުދާއަށް ކާސިމްގެ މިހަރަކާތްތަށް ކަމަކު ނުދިޔައެވެ. ހިތްހަމަ ނުޖެހިފައި ގޮސް ރާމިޒާ ކައިރީ އެވާހަކަތަށް ދެއްކުމުން ރާމިޒާ ކާސިމްއާއި އެވާހަކަތަށް ދެއްކިއެވެ. ކާސިމްގެ އެކުޓިންގ މާމޮޅެވެ. "މިއަދުތަ ތިވާހަކަ ދައްކަން އެގުނީ... ތި ދެމައިން އެކަނިވީމަ އަހަރެން ތި ދެމައިންނަށް ހިޔާވަހިކަންދީ މި ބަލަހައްޓަނީ ތި މުޑުދާރު އަޑުތަށް އަހަންތަ؟" ކާސިމް ދެރަވެފައި ދެއްކި ވާހަކައިން ރާމިޒާވެސް ދެރަވިއެވެ. ކާސިމައާއިމެދު އެފަދަ ގޮތަކަށް ދެކެވުނީތީ މާފަށް އެދުނެވެ. ރާމިޒާ ގޮސް ވަރުދާ ކައިރި ބޭބެ ދެކެނީ ތިއީ ބޭބެގެ ދަރިއެއް ކަމަށާޢީ އެފަދަ އެއްޗެހި ބޭބެއާއިމެދު ހިތަށް ނޭރުވުމަށްށެވެ. ތިގޮތަށް ބޭބެއާއިމެދު ދެކުމުން ބޭބެވެސް ދެރަވާނެ ކަމަށާޢި މިހުރިހާ ދުވަހު ބޭބެ ކޮށްދެމުންއައި ކަންތަށް ބޮލާލާ ޖެހެނީ ކަމަށް ރާމިޒާ ބުނެދެމުން ދިޔައެވެ. ދެމައިން އެކަނިވީ ދުވަހު ވެދިން އެހީތެރިކަން ހަދާން ނައްތާނުލުމަށް ވަރުދާއަށް ނަސޭހަތް ދިނެވެ. ރާމިޒާގެ ވާހަކަތަށްއިވި ވަރުދާ ވަރަށް ދެރަވިއެވެ. ބޭބެގެފަރާތުން މިފެންނަ ކަންތަށް ބޮޑުދައިތަ ގަބޫލް ނުކުރުމުންނެވެ. ވަރުދާއަށް ޖެހުނީ ހިތާ ދެކޮޅަށް އެކަން ގަބޫލު ކުރާށެވެ.
ވަރުދާ އެވާހަކަތަށް ރާމިޒާއަށް ކިޔައިދިނަސް ރާމިޒާ ކާސިމްގެ ވާހަކަ ގަބޫލް ކުރުމުން ކާސިމްއަށް އިތުރު ހިތްވަރެއް ލިބުނު ފަދައެވެ. ކާސިމް ގެ އުޅުމަކަށް ބަދަލެއް ނުގެނައެވެ. ހަމައެގޮތުގައި ވަރުދާ އާއި އެކިގޮތްގޮތުން ގާތްވާން މަސައްކަތް ކުރަމުން ދިޔައެވެ. ބައެއް ދުވަސްދުވަހު ގަނޑި ޖެހުމުގެ މާކުރިން ފާހާނައަށް ކަމަށްބުނެ ނުކުމެގެން އެކަނި ގެއަށް ދާން ފެށިއެވެ. ނޫނީ ސުކޫލަށް ވަރުދާ ބަލާ ކާސިމް އައުމުގެ ކުރިން ވަރުދާ ކުލާސް ކުއްޖަކާއެކު ނުކުމެގެން ދާން ފެށިއެވެ. މިގޮތަށްވެސް ވަރުދާއަށް ހެދެނީ ބައެއް ދުވަސްދުވަހުއެވެ. އެންމެފަހުން ގޮތްހުސްވެ ކާސިމްގެ އެ ހުތުރު އަމަލް ނުހުއްޓުމުން ވަރުދާ ސުކޫލަށް ދިޔުން މަދުކުރަން ފެށީ އެނޫން ގޮތެއް ނެތިގެންނެވެ. ބޮލުގަ ރިއްސާތީ ނޫނީ ބަނޑުގައި ރިއްސާތީ ކަމަށްބުނެ ވަރުދާ ސުކޫލަށް ނުދާ ދުވަސް ގިނަވާން ފެށިއެވެ. އަބަދު ކޮޓަރި ތަޅުލައިގެން ރުއިމުގައި ދުވަސް ހޭދަކުރަމުން ދިޔައީ ކިޔެވުމާމެދުވެސް ފަރުވާ ކުޑަކުރަމުންނެވެ. ވަރުދާ އެވާހަކަތަށް އެއްވެސް އެކުވެރިއަކާ ހިއްސާ ނުކުރެއެވެ. އެހެން މީހަކު ހިތަށް އަރާފާނެ އެއްޗަކުންނެވެ. އޭލެވެލްގެ ދެއަހަރު ނިމިގެން ދިޔައީ މާރަނގަޅު ނަތީޖާއެއް ވަރުދާއަށް ނުނެރެވިއެވެ. އެކަމާ ރާމިޒާވެސް ދެރަވިއެވެ. އެހާ މޮޅަށް ކިޔަވަމުން އައިސް ވަރުދާގެ ނަތީޖާ ދަށްވުމުންނެވެ. މުދައްރިސުންގެ ސުވާލް އަމާޒުވީ ރާމިޒާއަށެވެ. ރާމިޒާއަށްވެސް ވަކި ދޭނެ ޖަވާބެއް ނޭގުނެވެ. ސުކޫލްގެ ނަތީޖާއާއި ބެހޭގޮތުން ރާމިޒާ ވަރުދާއާއި ވާހަކަ ދެއްކިއެވެ. ވަރުދާ ރާމިޒާގެ އެއްވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ. ކާސިމްއާއިމެދު ވަރުދާ ދެކުނީ ކުއްހީއެއްކަން ރާމިޒާ އަމިއްލަ ހިތަށް ވިސްނަދެމުން ދިޔައެވެ. އަދި ވަރުދާއަށްވެސް ވިސްނަދެމުން ދިޔައީ އެގޮތަށް ބޭބެއާއިމެދު ނުދެކުމަށްށެވެ. ވަރުދާއަށް ކުރިމަތިވަމުންދިޔަކަންތަށް ރާމިޒާއާއި ހިއްސާ ކުރުމުންވެސް އެއްވެސް އެއްބާރުލުމެއް ނުލިބި އަދި އެކަންތަށް ރާމިޒާ ގަބޫލް ނުކުރުމުން ވަރުދާގެ ހިތް
މޮޅިވިއެވެ. މިއަދު ވަރުދާއަށް މަންމަ ނެތް ކަމުގެ އިޙްސާސް ވާން ފަށައިފިއެވެ. މީގެ ކުރިން ވަރުދާ މަންމަ މަތިން ހަނދާނެއް ނުވެއެވެ. އެވަރަށް ރާމިޒާ ވަރުދާއަށް ލޯބިދިނެވެ. މިއަދުވެސް އެލޯބި ވާކަން އެގެއެވެ. އެހެނަސް ވަރުދާގެ މި އަނދިރިވަމުންދާ ހަޔާތާމެދު ރާމިޒާ އެއްވެސް ވަރަކަށް އަޅާނުލައޭ ވަރުދާގެ ހިތް ބުނެދެމުން ދިޔައެވެ. މިއަދު ވަރުދާއަށްވުރެ ބޮޑަށް ރާމިޒާ އިތުބާރު ކުރަނީ ކާސިމްއަށެވެ. ވަރުދާ ކޮންމެ ރެއަކު ކޮޓަރީގައި އެކަނި އޮވެ މަންމައާއި އެތަށް ސުވާލެއް ކުރެއެވެ. "މަންމާ... އަހަރެން މި ކެހިވެރި ދުނިޔެއަށް އެކަނި ކޮށްފަ ދިޔައީ ކީއްވެ؟... މަންމާ އަހަރެން ގެންދޭ..." މިއީ ކޮންމެ ރެއަކުހެން ތަކުރާރުކޮށް ވަރުދާ ރޮމުން މަންމައާއި ކުރާ ސުވާލެވެ.
ސުކޫލް ނިންމައި ވަރުދާ ނިންމީ ވީ އެންމެ އަވަހަށް ވަޒީފާއަކަށް ދާށެވެ. ކާސިމް ފެންނަ ހިސާބުގައި ހުންނަންވެސް ވަރުދާއަށް އުދަގުލެވެ. ނަސީބު ވަރަށް ރަނގަޅެވެ. ސުޚޫލް އެކުވެރިއެއްގެ ބޭބެގެ އޮފީހުން ވަރުދާއަށް ވަޒީފާ ހަމަޖެހުނެވެ. މޯބައިލް ފޯން ވިއްކާ ފިހާރައެއްގެ އޮފިސް ބައިންނެވެ. މަސައްކަތް ކުރަން ޖެހުނީ 3 އަންހެން ކުދިންނާއި 2 ފިރެހެން ކުދިންނާއެކުއެވެ. ވަރުދާއާއި ދާދި އެއްވަރެއްގެ ކުދިންނެވެ. އެންމެންވެސް ވަރުދާއާއި ގުޅެއެވެ. ހިތްހެޔޮ ރަނގަޅު ބަޔަކާއެކު މަސައްކަތް ކުރަން ލިބުމުން ވަރުދާގެ ހިތަށް ހަމަ ޖެހުން ލިބުނެވެ. ގިނަވަގުތު ކާސިމް ނުފެންނަ ހިސާބުގައި އުޅެން ލިބުމުން ވަރުދާހުރީ ހިތްހަމަ ޖެހިފައެވެ. އޮފީހާއި ގެ ކައިރި ވުމުން އެއްވެސް މީހެއްގެ އެހީތެރިކަމާ ނުލާ ވަރުދާ އޮފީހަށްގޮސް އައިސް ހެދެއެވެ. އޮފިސް ގަޑި ނިމުނަސް ވަރުދާ ގިނަވަގުތު ހޭދަކުރަނީ އޮފީހުގައެވެ. ނޫނީ އެކުވެރިންނާއެކު ބޭރުގައެވެ. ގޭތެރޭ އުޅޭ އުޅުމުގައިވެސް ވަރުދާ އެއްވެސް ވަރަކަށް ކާސިމްއާއި އަގައިން ނުބުނެއެވެ. އަބަދުވެސް ބަލަނީ ކާސިމް ގެއަށް ވަދެއްޖެނަމަ ކޮޓަރިއަށް ވަދެވޭތޯއެވެ. މިގޮތުގައި ދުވަސްތަށް ވަރަށް އޮމާންކޮށް ދިޔައެވެ. ވަރުދާއަށް ކާސިމްގެ އުދަގުލުން ސަލާމަތްވީ ކަމަށް ހީކުރެވުނެވެ.
އެއްރެއަކު ކާސިމް ބޭރުން އައި އިރު ވަރުދާއިނީ ޓީވީ ބަލަން ސިޓިންރޫމްގައެވެ. ވަރުދާއަށް ކާސިމް ގެއަށް ވަންކަމެއް ނޭގެއެވެ. އޭރު ރާމިޒާވެސް ފެންނާކަށް ނެތެވެ. ކާސިމް ސިއްރު ސިއްރުންގޮސްވަނީ ވަރުދާގެ ކޮޓަރިއަށެވެ. މިކަހަލަ ދަޑިވަޅަކަށް ކާސިމް ލޯއަޅާތާ ކިތަންމެ ދުވަހެކެވެ. ފުރުސަތުގެ ބޭނުންހިފާ ކާސިމް ޖީބުން އިސްކުރު ނައްޓާ ކަށިގަނޑެއްނަގާ ތަޅުގެ އިސްކުރުތަށް ދޫކުރިއެވެ. އަދި މަޑުމަޑުން ބޭރަށް ނުކުމެ އަނެއްކާވެސް ގޭތެރެއަށް ވަނެވެ. ރާމިޒާއަށް ގޮވަމުން ކާސިމްގެ ކޮޓަރިއާ ދިމައަށް ދިޔައެވެ. ވަރުދާއަށް ކާސިމް އައިކަން އެނގުމުން އަވަސް އަވަހަށް ޓީވީ ނިއްވާލުމަށްފަހު ގޮސް ކޮޓަރިއަށް ވަންނަން ތަޅު އަނބުރާލިވަގުތު ތަޅުއައީ އަތަށްށެވެ. ރާމިޒާވެސް އެވަގުތު ކޮޓަރިން ނުކުމެއްޖެއެވެ. ވަރުދާފެނި އެތަނަށް ކައިރިވި ވަގުތު ވަރުދާދިނީ އަތުގައި އޮތް ތަޅެވެ. ރާމިޒާ ހާސްނުވާށޭ ބުނެ ކާސިމްއަށް ގޮވިއެވެ. ކާސިމްގެ ތުންފަތުގައިވާ ލާނެތް ހިނިތުންވުން އެކަކުވެސް ނުދެކެއެވެ. "ނުހުންނާނެ މީގެ އިސްކުރެއްވެސް.. މާދަންދެން ގަނެވޭނީ.. ފިހާރައަކާ ހަމައަށް ދެވެން ވާއިރަށް ފިހާރަ ބަންދު ކުރާނެ..." ގަޑި ދައްކާލަމުން ކާސިމް ބުނެލިއެވެ. ކާސިމް ތަޅު ހިފައިގެން ކޮޓަރިއާއި ދިމައަށް ހިގައިގަތެވެ. ކާސިމްގެ ރޭވުމެއްކަމެއް ވަރުދާ ހިއެއް ނުކުރެއެވެ. "ދައްތާ ނުކެރޭނެ ތަޅު ނުލާ ނިދާކަށް.. ބޮޑުދައިތަ މިރޭ މިކޮޓަރީގަ ނިދާބަލަ އަޅުގަނޑާއެކު" ވަރުދާ ކުޑަކުއްޖެއް ފަދައިން ރޮއެގަނެފައި ބުނެލިއެވެ. ރާމިޒާ އާއެކޭ ބުނަމުން ރާމިޒާގެ ކޮޓަރިއަށް ދިޔައީ ބޭބެ ކައިރީ ބުނެލާފަ އެބަ އަންނަމޭ ބުނެއެވެ. ވަރުދާ ހަމަ ޖެހުމުގެ ނޭވާއެއް ލަމުން ފާހާނާއަށް ވަނެވެ. ވަރުދާ ފާހަނައިން ނުކުމެ ނިދަން އެނދުގައި އޮށޯވެ ރާމިޒާ އާދޭތޯ އިރުއިރުކޮޅުން ދޮރާ ދިމައަށް ބަލާލައެވެ. އާ ފުރެން ފެށުމުން ވާހަކަ ފޮތެއް ނަގާ ކިޔަން ފެށިއެވެ. މާބޮޑަށް ލަސްވުމުން ވަރުދާ ކޮޓަރިން ނުކުތެވެ. ބޮޑުދައިތަގެ ކޮޓަރީ ތަޅުގައި ހިފި އިރު ހުރީ ތަޅުލާފައެވެ. ދެފަހަރަކު ޓަކި ޖަހާލުމަށްފަހު ދޮރު ނުހުޅުވުމުން ވަރުދާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލުމަށްފަހު އޮށޯތެވެ. ދޮރު ތަޅުނުލާ ނިދަން ޖެހުމުން ވަރުދާ ވަރަށް ކަންތައްބޮޑުވިއެވެ. ކާސިމްގެ އުނދަގުލެއް ވެދާނެއޭ ހިތަށްއަރައަރާ އޮތެވެ. ވަރުދާ ވާހަކަފޮތް ހުޅުވައިގެން އިނީ ނިދިދާނެތީއެވެ. އެހެނަސް ލޮލުގެ މައްޗަކަށް ވަރުދާއަށް ގަދައެއް ނުވެވުނެވެ. ވަރުދާއަށް ނިދުނީއެވެ. ކިޔަން އޮތް ފޮތް މޭމައްޗަށް ވެއްޓިފައި އޮތެވެ. ދެލޯހުޅުވާލުމާއެކު ކައިރީގައި އިން މީހާފެނި ހަޅޭއްލަވައިގަންނަން ވަރުދާ އަގަހުޅުވާލި ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. އަގަމަތީ ވަނީ ޓޭޕް އަޅާފައެވެ. ކާސިމްއާއި ދުރުވާން އަތް ނަގަންއުޅެ އަތެއް ނުނެގުނެވެ. ވަރުދާގެ ދެއަތްވަނީ ބަދެފައެވެ. ކާސިމްގެ އަތްދަށުން ސަލާމަތް ވުމަށް ވަރުދާ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އެއްވެސް ބިރެއްނެތި ކާސިމް ވަރުދާއަށް ބަލަން އިނީ ބަނޑުހައިވެފައިވާ ބުޅަލެއް ފަދައިންނެވެ. ވަރުދާ ރޮމުން ގިސްލަމުން ދިޔައެވެ. އަދި ކާސިމްގެ ފޯނު ނަގާ އެމަންޒަރުތަށް ވީޑިއޯ ކުރަމުން ދިޔައެވެ. ކާސިމްގެ ފޯނު ޖީބަށް ލުމަށްފަހު ވަރުދާ ކައިރީ އިށީނެވެ. ކަންފަތް ކައިރިއަށް ކާސިމްގެ އަގަ ކައިރި ކޮށްލަމުން ހީގަތެވެ. "މިއީ އަދި ފެށުން.. ރާމިޒާ ކައިރިވެސް އަދި އެހެން މީހެއް ކައިރިވެސް މިރޭގެ މިވާހަކަތަށް ކިޔައިދީގެން ނުވާނެ.. އެދުވަހަކުން މި ވީޑިއޯވެސް މުޅި ދުނިޔެއަށް ފެންނާނެ..." އަނެއްކާވެސް ކޮޓަރިތެރޭ ގުގުމައިގަތީ ކާސިމްގެ މަކަރުވެރި ހުނުމުގެ އަޑެވެ. ކާސިމް ވަރުދާ ކައިރިން ތެދުވަމުން ވަރުދާގެ އަގަމތީ އަޅާފައިވާ ޓޭޕްފަށް ނައްޓާލިއެވެ. އަދި އަތްވެސް މޮހާލިއެވެ. މަރުވެފައިވާ މައްޔިތެއް ފަދައިން ވަރުދާއިނީ އެސްފިޔަ ޖަހާލަންވެސް ނޭގިފައިއެވެ. ލޮލުން ފޭބި ކަރުނަތަށް ކޯތާފަތްމަތީ ހިކިފައި ހުއްޓެވެ. ކާސިމް ވަރުދާގެ ކޮޓަރިން ނުކުމެގެން ދަމުންވެސް ދިޔައީ ފޯނު ނަގާ ދައްކާލުމަށްފަހުއެވެ. ވަރުދާއަށް އެހެން އިދެވުނީ ކިހާއިރެއް ވަންދެން ކަމެއް ނޭގެއެވެ. ވަރުދާ ސިހުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށްށެވެ. ލައިގެންހުރި ހެދުމުގެ ކަރު ރީތިކޮށްލަމުން އެދުން ތެދުވެ ފާހާނައާއި ދިމައަށް ދުއްވައިގަތެވެ. ފާހާނައަށްވަދެ ދޮރު ތަޅުލުމަށްފަހު ފެންމާގަޑު ދޫކޮށްލަމުން އިށީނެވެ. އެތާއިދެ ހިތްފުރެންދެން ވަރުދާ ރުއެވެ. މިކަހަލަ ކަމެއް ހިގާނެކަން އެގުންނަމަ ވަރުދާ އެރޭ ނިދާނީ ފާހާނާގައޭ ވަރުދާ ހިތަށް އަރަމުން ދިޔައެވެ. އެހެނަސް ވަގުތު ފާއިތުވެއްޖެއެވެ. ކުރިއަށް އޮތްތާގައި ކާސިމްކުރި ވީޑިއޯމެދުވެރިކޮށް އެކަންވެސް ކާމިޔާބު ކުރާނެއޭ ހިތް ބުނެއެވެ. އެތަށްއިރަކު އެހެން އިނުމަށްފަހު ތެދުވެ ރަގަޅަށް ފެންވަރާލުމަށްފަހު ވުލޫކޮށްގެން ނުކުމެ ފަތިސް ނަމާދު ކުރިއެވެ. ސަޖިދައިގައިއޮވެ ވަރުދާ ރޮމުން ދުޢާ ކުރަމުން ދިޔައީ ކާސިމްގެ ކިބައިން ސަލާމަތް ކޮށްދެއްވުމަށް އެދިއެވެ.
ވަރުދާ ސިހުނީ ފާހަނަ ދޮރުގައި ޓަކި ޖެހި އަޑަށްށެވެ. ބިރުން ސިހިފައި ވަރުދާއިނީ ކާސިމް ކަމަށްށެވެ. ރާމިޒާ ވަރުދާއަށް ގޮވާލުމުން ވަރުދާ ދެލޯ ފުހެލަމުން މޫނު ދޮވެލުމަށްފަހު ނުކުތެވެ. އަތުގައިއޮތް ތަޅު ދައްކާލަމުން ބޭބެއާއިއެކު ތަޅު ހަރުކުރަން ހިގާށޭ ބުނެ ވަރުދާ އަތުގައި ހިފައިގެން ރާމިޒާ ނުކުތެވެ. ދޮރުގައި ތަޅެއް ހަރުކުރިޔަސް ވަރުދާގެ ހިތަކުން ބިރުވެރިކަމެއް ނުފިލައެވެ. އެދޮރު ވަރުދާގެ އަތުން ހުޅުވަން ކާސިމް މަޖުބޫރު ކުރާނެއެވެ. ވީވެސް އެހެންނެވެ. އެދުވަހުގެ ފަހުން ބައެއް ރޭރޭ ރާމިޒާ ނިދުމުން ކާސިމް ވަރުދާ ކޮޓަރިއަށް ވަދެ ވަރުދާއަށް ގޯނާކުރަން ފެށިއެވެ. ވަރުދާ ދޮރު ނުހުޅުވައިފިނަމަ ގުޅައިގެން އެވީޑިއޯގެ ވާހަކަ ބުނެ ބިރު ދައްކައިގެން ވަރުދާ ލައްވާ ދޮރު ހުޅުވައެވެ. އެހެނަސް އެވާހަކަތަށް އެކަކަށްވެސް ކިޔައިދޭނެ ހިތްވަރެއް ވަރުދާއަކަށް ނުލިބުނެވެ. އޮފީހަށްގޮސް ވަރުދާ މަޑުން އިންނާތީ އޮފިސް ކުދިންވެސް އެކަމާ ސުވާލް ކުރަން ފެށިއެވެ. އެހެނަސް ވަރުދާ ވަކި ޖަވާބެއް ނުދެއެވެ. ވަރުދާ ކުރެން ހިޔާން ރައްޓެހިވާން އެހީވެސް ވަރުދާ މިކަމެއްގައި ތާށިވި ފަހުންނެވެ. އެއީ ވަރުދާ އޮފިސް ކުއްޖެކެވެ. ވަރުދާ ހިޔާންއަށް ދޭނެ ޖަވާބަކާމެދު ވަރަށް ވިސްނިއެވެ. ހިޔާންގެ އަތުގައި ހިފިއްޖެނަމަ ކާސިމްގެ ފަރާތުން ލިބެމުންދާ ގޯނާ ހުއްޓުމަކަށް އަތުވެދާނެ ބާއޭ ހިތަށް އަރަމުން ދިޔައެވެ. ވަރުދާ ހިޔާން ކުރެން އެދުނީ ވިސްނާލުމަށް ދުވަސްކޮޅެއް ދިނުމަށެވެ. ހިޔާން ވަރުދާ އެދުނު ގޮތާ އެއްބަސްވިއެވެ. ބޭނުން ވަރަކަށް ވިސްނުމަށް ވަގުތު ދިނެވެ. ވަރުދާގެ ފަރާތުން ލިބޭނެ ޖަވާބެއްގެ އިންތިޒާރުގައި ހިޔާން ދުވަސްތަށް ގުނަމުންދިޔައެވެ. ވަރުދާގެ އެދުމަށް ޑިއުޓީ ނިންމާލުމަށްފަހު ވަރުދާއާއިއެކު ހިޔާން ހުޅުމާލެ ދިޔައެވެ. ދެމީހުން އެކުގައި އަތިރިމައްޗަށް ނުކުތްއިރު ހިޔާންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ވަރުދާގެ ދުލުން ހިޔާން ހިތްހަމަޖެހޭ ކަހަލަ ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ވަރުދާ ވެލިގަނޑުމަތީ އިށީދެ ވެލިމުށެއް ނަގާ އެއްއަތުން އަނެއް އަތަށް އަޅަން ފެށިއެވެ. ހިޔާންވެސް ހިނިތުންވެލަމުން ވަރުދާ ކައިރީ އިށީނެވެ. "ހިޔާން... އަހަރެން ވަރަށް ވިސްނައިފިން... ހިތްބުނަނީ... އަދި އަހަރެން... ކުއްޖަކާ ރައްޓެހިވާން މާ އަވަހޭ..." ވަރުދާ ލަސްލަހުން ބުނަމުން ދިޔައެވެ. ވަރުދާގެ އެ ޖުމުލަ އިވި ހިޔާން ވަރަށް ދެރަވިއެވެ. ހިޔާން ދެލޯ މަރާލަމުން ހިން ދިރުވާލިއެވެ. "އަހަރެން ވަރުދާއަށް އިންތިޒާރު ކުރާނަން" ހިޔާން ހިނިތުން ވެލަމުން ބުނެލިއެވެ. ވަރުދާ ހިޔާންއާއި ދިމާއަށް އެބުރުނެވެ. އޭރު ހިޔާން އިނީ ވަރުދާއަށް ބަލާށެވެ. ހިޔާންގެ ކަތި ނަޒަރުން ވަރުދާގެ ހިތް މަޑުވިއެވެ. ހިޔާންގެ މޭމަތީ ބޯއަޅާލަން ހިތް ބޭނުންވިއެވެ. ދިމާވަމުންދާ ކަންތަށް ހިޔާއާއި ހިއްސާކޮށްލަން ބޭނުންވިއެވެ. އެހެނަސް ވަރުދާގެ ދޫ ތަޅުލެވުނެވެ. ވަރުދާ އަވަސް އަވަހަށް އެހެން ދިމާލެއް ބަލާލަމުން ދާން ހިގާށޭބުނެ ތެދުވިއެވެ. ހިޔާންވެސް ވަރުދާގެ ފަހަތުން ތެދުވިއެވެ. ދެމީހުން އެކުގައި މަޑުހިގުމެއްގައި ގޮސް ސައިކަލްއަށް އެރިއެވެ. ހިޔާންއަށް ވަރުދާގެ ޖަވާބުން ފުން އަސަރެއް ކުރާނެކަން ވަރުދާއަށް އެގެއެވެ. އެހެނަސް ގެއާއި ހަމައަށް ދެވެންދެންވެސް ހިޔާން އިނީ އެކި ކަހަލަ މަޖާ ވާހަކަ ދެއްކުމުގައެވެ. އެ ވަގުތު ކޮޅުވެސް ހިޔާންއަށްވީ އުފާވެރި އަދި ހިތުން ފިލުވާ ނުލެވޭނެ ވަގުތު ކޮޅަކަށެވެ. ވަރުދާ ގޮވައިގެން ސައިކަލް ދުއްވާލުމުގެ ފުރުސަތު ލިބުމުންނެވެ.
ދުވަސްތަށް ފާއިތުވަމުން ދެއެވެ. ކާސިމްގެ ކިބައިން ލިބޭ އުނދަގޫ ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ލިބެމުންދިޔަ ވޭނާ އަނިޔާއަށް ވަރުދާ ކެތްކުރީ އެނޫން ގޮތެއް ނެތިގެންނެވެ. ގައިގެ އެކިތަންތަން ވަނީ ނޫފައި ގެންފައެވެ. އެހެނަސް ވަރުދާ ގައިގައި އެވާ ނިޝާންތަށްވެސް ވަރުދާ ފޮރުވިއެވެ. ދުނިޔެއަށް ގިނަވެ ބާކީވެދާނެތީ ވަރުދާ ބިރުގަތެވެ. އެތަށް ފަހަރަކު ވަރުދާގެ އެކުވެރިންނަށްވެސް މިވާހަކަތަށް ކިޔައިދޭން ހިތަށް އެރިއެވެ. އެހެނަސް އެހިތްވަރެއް ނުލިބުނެވެ. އެންމެން ވަރުދާދެކެ ފޫހިވާނެއޭ ހިތަށް އަރާފައެވެ. އެއްދުވަހަކު ވަރުދާ ބަދިގޭގައި ހުއްޓައި ކާސިމް ގެއަށްވަނެވެ. އަވަސް އަވަހަށް
ޖީބުން ފޯނުނަގާ ޗާރޖައަށް ޖެހުމަށްފަހު ކޮޓަރިއަށްވަނެވެ. ވަރުދާ ބަލާކަށް ނުހުރެ އަވަސް ހިގުމުގައި ކާސިމްގެ ފޯނާ ކައިރިވެލިއެވެ. ފޯނުއޮތީ ލޮކް ނުހުޅުވައެވެ. ލޮކު ކޯޑެއް ވަރުދާއަކަށް ނޭގެއެވެ. އެވަގުތު ރާމިޒާ ކޮޓަރިން ނުކުތެވެ. ވަރުދާ ފޯނުގައި ރުފިޔާ ނެތުމުން އޮފީހަށް ގުޅާލަން މި ފޯނު ހުޅުވާޅަ ދީބަލާށޭ ވަރުދާ އަވަސް އަވަހަށް ބުނެލިއެވެ. ރާމިޒާ ފޯނު ހުޅުވާފައި ދިނުމުން ވަރުދާ އަވަހަށް ފޯނު ނަގާ ގެލެރީއަށްވަދެ ވަރުދާގެ ވީޑިއޯ ފުހެލުމަށްފަހު ފޯނު ބޭއްވިއެވެ. ވަރުދާ ސިހުނީ ކާސިމް ގޮވާލުމުންނެވެ. "ހީނުކުރާތި ސަލާމަތް ވިއްޔޭ... އޮފިސް ސިސްޓަމްގަވެސް އިންނާނެ.." ކާސިމްގެ މޫނުމަތީގައިވަނީ ވިހަ ހިނިތުންވުމެކެވެ. ވަރުދާއަށް ގޮތް ހުސްވިއެވެ. ވަރުދާ ކުރަންއުޅުން މަސައްކަތްވެސް ހުއްޓާލާފައިގޮސް ކޮޓަރިއަށް ވަދެ އެނދުމަތީ ބަނޑުން އޮށޯވެ ރޮމުންދިޔައެވެ.
ކާސިމްގެ އެނުބައި އަމަލު ހުއްޓުމަކަށް ނައެވެ. ދުވާލު ގަޑީގައި ވަރުދާބެލީ ގިނައިން ބޭރުގައި އުޅެވޭތޯއެވެ. އެހެނަސް ކާސިމް ހުންނަނީ ފުރުސަތަކަށް ބަލަބަލައެވެ. ވަރުދާއަށް ހިތްވަރެއް ލިބުނީ އޮފިސް އެކުވެރިން އޮފީހުގައި ދެއްކި ވާހަކަ އަކުންނެވެ. 15 އަހަރުގެ ކުޑަކުއްޖަކާ އެކުއްޖާގެ ދޮންބައްޕަ ބެހުނު ވާހަކައެވެ. ކުއްޖާގެ މަންމައަށް ބިރުދައްކައިގެން ދޮންބައްޕަ އެކަމެއް ކުރާތާ އެއްމަސް ދުވަސް ވެއްޖެއެވެ. އެންމެފަހުން އެ މަންމައަށް ކެތްނުވެގެން އެމީހާގެ ފިރިމީހާ ނިދާފަ އޮއްވާ ގަޔަށް ހޫނުފެން އަޅާ ފިއްސާލީއެވެ. އެންމެންވެސް ކުއްވެރި ކުރީ މަންމަގެ ފިޑިކަމެވެ. އަމިއްލަ ދަރިއަށް އެފަދަ ކަމެއް ކުރާތަން ބަލަން މަންމައަކު ހުރީތީއެވެ. ކަމާބެހޭ ފަރާތަށް އެކަން ނޭންގީމައެވެ. އެހެނަސް ވަރުދާ ކުއްވެރި ކުރީ ދޮންބައްޕައެވެ. މިއަދު ވަރުދާއެވަނީ އެފަދަ ނުބައި މީހެއްގެ އަތު ތެރޭގައި ތާށިވެފައެވެ. އެމަންމައަށް ވެފައިވާ މަޖްބޫރުގެ ވާހަކަ އެކަކުވެސް ނުދައްކައެވެ. އަދި މިއަދު ވަރުދާވެސް އެވަނީ އެފަދަ މަޖްބޫރެއްގައެވެ. "އަސްލު ބުނަންތަ... މީހުން ބުލެކްމެއިލް ކުރަނީ ހަމަ ބިރުދައްކައިގެން އޭގެން ނާޖާއިޒް ފައިދާ ނަގަން... ކަމާބެހޭ ފަރާތަށް އަންގާ އެމީހާ ހައްޔަރު ކުރީމަ ކޮންކަމެއް އަސްލު އޭނައަށް ކުރެވޭނީ.." ހިޔާން ވަރަށް ވިސްނަން އިދެފައި އޮފިސް ކުދިން ދައްކަމުން ދިޔަ ވާހަކަ ތެރެއަށް ވަނެވެ. ހިޔާންގެ ވާހައިން ވަރުދާއަށް ވިސްނުނެވެ. ފުރަތަމަ ދުވަހުވެސް ވަރުދާގެ ސިނކުޑިއަށް އެކަން ނަގައިގަނެވުނުނަމަ މިހުރިހާ ދުވަހު ކާސިމްގެ އަޅަކަށް ވެގެން ހުންނާކަށް ނުޖެހުނީހެވެ. އެވާހަކަ އަހާފައި ވަރުދާ ގެއަށް ދިޔައީ ވަރުގަދަ އަޒުމަކާއެކުއެވެ. ވަރުދާއަށް ލިބެމުންއައި ވޭނުގެ ބަދަލް ކާސިމްއަށްވެސް ލިބެން ޖެހޭނެއެވެ.
ފެންވަރައި ތައްޔާރުވެގެން ވަރުދާ ދިޔައީ ފުލުސް އޮފީހަށެވެ. ހުރިހާ ވާހަކައެއް ފެށިގެން ވަރުދާ ކިޔައިދިނެވެ. ވީޑިއޯ ލީކްވިޔަސް ނުވިޔަސް ހެޔޮކަމަށްށެވެ. ކާސިމް ބަންދުކުރިއެވެ. ކާސިމްގެ ފޯނާއި އޮފިސް ސިސްޓެމްވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ވަރުދާ ދުނިޔެއަށް ބަދްނާމް ކުރަން ކާސިމްއަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ. ރާމިޒާއަށް އެޙަބަރުދިނީ ފުލުހުންނެވެ. ރާމިޒާ އަމިއްލަމީހާ ކުއްވެރި ކުރިއެވެ. މަންމައެއްގެ މަގާމުގައިހުރެ ވަރުދާއަށް ލިބެމުންދިޔަ ވޭން ރާމިޒާއަށް އިހްސާސްވެސް ނުވުމުން އެކަމާ ދެރަވެ ވަރުދާ ކިބައިން މާފަށް އެދެމުން ދިޔައީ ރޮމުންނެވެ. އެންމެ ފުރަތަމަ ދުވަހުވެސް ވަރުދާގެ ވާހަކަ ގަބޫލް ކުރެވުންނަމަ ވަރުދާ އެވޭނުގައި އުޅެން ނުޖެހޭނެއޭ ރާމިޒާ ބުނަމުން ދިޔައެވެ. އިސާހިތަކު ވަރުދާގެ އެ ހަބަރުވެސް ނޫސްތަކުގެ ސުރުހީއަށް އެރިއެވެ. އޮފިސް ކުދިންނަށް އެއީ ވަރުދާކަން ނޭގި ތިބެ ވަރުދާއަށް ތަޢުރީފް ކުރަމުން ދިޔައީ ކުށެއް ފަޅާއެރުވުމަށް އެފަދަ ނިންމުމެއް ނިންމަން ކެރުނީތީއެވެ. ވަރުދާ ވަކިން ހިޔާންއާއި ބައްދަލް ކުރިއެވެ. އަދި އެވާހަކަތަށް ފެށިގެން ކިޔައިދިނެވެ. ވަރުދާގެ އެ ވާހަކަތަށް އަޑުއަހަން އިން ހިޔާންގެ ދެލޯވެސް ކަރުނައިން ތެމެމުން ދިޔައެވެ. "މި އަހަރެން ހިޔާންއަށް ނޫނެކޭ ބުނި ސަބަބު.." ވަރުދާ ހިޔާންއާއި ހަތަރު ކަޅި ހަމަކުރަމުން ބުނެލިއެވެ. އޭރު ހިފެހެއްޓުމެއްނެތި ވަރުދާގެ ލޮލުން ކަރުނަ އާދެއެވެ. ހިޔާންގެ އަތް ހަރަކާތްކުރީ ވަރުދާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަށް ފުހެލަ ދިނުމަށްށެވެ. އެހެނަސް ވަރުދާ އެކަން ހުއްޓުވިއެވެ. "ހިޔާންއަށް ދޭނެ އެއްޗެއް އަހަރެންގެ އަތަކު ނެތް.. " ވަރުދާ އެހެން ބުނެފައި އެތަނުންދާން ހިގައިގަތެވެ.
"އަހަރެންނާ ދުރުނުވޭ.. އަހަރެން ވަރުދާގެ އަނދިރިވެފައިވާ ދުނިޔެ އަލި ކޮށްދޭނަން" ހިޔާން ވަރުދާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ވަރުދާ އެހުރިގޮތަށް ގުޑިވެސް ނުލާ ހުރީއެވެ. ހިޔާންގެ ލޯބިން ވަރުދާގެ ހަޔާތަށް ދިރުން ލިބުނަސް މުޅި އުމުރަށްވެސް ވަރުދާ އެވޭން ތަހައްމަލް ކުރާނެއެވެ.
- ނިމުނީ -