ޚަބަރު

ކ.ހިންމަފުށީގައި ޢިމާރާތްކޮށްފައިވާ މަސްޖިދުލް ޒިކުރާ ހުޅުވައިފި


އަމިއްލަ ވިޔަފާރިވެރިއަކު ޚަރަދުކޮށްގެން ކ.ހިންމަފުށީގައި ޢިމާރާތްކޮށްދެއްވާފައިވާ މިސްކިތް "މަސްޖިދުލް ޒިކުރާ" ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ. 

މިސްކިތް ރަސްމީކޮށް ހުޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުއެވެ. "މަސްޖިދުލް ޒިކުރާ" މިއަދު ރަސްމީކޮށް ހުޅުއްވައިދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވީ މިފަދަ މިސްކިތެއް ބިނާކޮށް ރަށުގެ ރައްޔިތުންނަށް ހަދިޔާކުރުމަކީ މުޖުތަމަޢު ބިނާ ކުރުމުގައި އަމިއްލަ ފަރުދުން އެމީހުންގެ ޒިންމާ އަދާކުރާ މިންވަރު ދައްކުވައިދޭ ކަމެއްކަމަށެވެ. އަދި މި މިސްކިތް ހުޅުވުމުގެ އުފާ ލިބިގަންނަނީ ނުހަނު އުފަލާއި ހިތްހަމަ ޖެހުމާއިއެކުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓަރ ވަނީ މިސްކިތް ހުޅުވައިދެއްވުމަށްފަހު އިމާމްވެ މިއަދުގެ ހުކުރު ނަމާދު ކުރައްވާފައެވެ. 650 މީހުންގެ ޖާގައިގެ މި މިސްކިތް އެޅުމަށް 8.9 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.