ޚަބަރު

ރައީސުލްޖުމްހޫރިއްޔާ "މަސްޖިދުލްވަފާ" އަށް ޒިޔާރަތްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ކަޅުތުއްކަލާކޮށީ މިސްކިތް "މަސްޖިދުލްވަފާ"އަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކަޅުތުއްކަލާކޮށީގައި އަލަށް ހުޅުވުނު "މަސްޖިދުލް ވަފާ" އަށް މިއަދު ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރައްވާ، އެމިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދުގެ ޖަމާޢަތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވިކަމަށެވެ. މިއަދުގެ ހުކުރު ނަމާދުގެ ޖަމާޢަތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޞިލް އާދަމް ޝަރީފް އުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިން ބައިވެރިވިއެވެ. 

މިއަދުގެ ހުކުރު ނަމާދަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަޅުތުއްކަލާކޮށި މިސްކިތް ބައްލަވާލައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަޅުތުއްކަލާކޮށީ މިސްކިތައް ކުރެއްވި ޒިޔާރަތުގެ ސަބަބުން ހުރިހާ ސިފައިންނަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިގެންދިޔަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.